ލޯމަ ރިސޯޓް ކުރިން ހިންގި ކުންފުނި 5 މިލިއަން ޑޮލަރު ނުދައްކައި، "ފިލައިފި"
ލޯމަ ރިސޯޓް ކުރިން ހިންގި ކުންފުނި 5 މިލިއަން ޑޮލަރު ނުދައްކައި، "ފިލައިފި"

ރ. މާމިގިލީގައި ހަދާފައިވާ ލޯމަ ރިސޯޓު ހިންގި ސިންގަޕޫރުގެ ކުންފުނިން ރާއްޖޭގެ ކުންފުނިތަކަށް ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކައި، "ފިލައިފި" ކަމުގެ ޝަކުވާ އެ ކުންފުނިތަކުން ކޮށްފި އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ ރިސޯޓު ކުރިން ހިންގީ ލޯމަ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނީގެ މައި ހިއްސާދާރަކީ މޯލްޑިވްސް ރިސޯޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެވެ. ލޯމަ ހިންގުމުގައި އިސްކޮށް އުޅުނީ ސިންގަޕޫރު ވިޔަފާރިވެރިއެއް ކަމަށްވާ ގޯ ޗިންގް ހުއަޓް (ސްޓީވަން) ކިޔާ މީހެކެވެ.

ލޯމަ ހިންގުމުގައި ދިމާވި މާލީ މައްސަލައަކާ ހެދި މިދިޔަ އަހަރުގެ ފަހުކޮޅު އެ ރަށުގެ ސަބްލީސް ރައިޓްސް ވިއްކާލިއިރު ރާއްޖޭގެ 140 އަށް ވުރެ ގިނަ ކުންފުނިތަކަށް ދަރާފައި އޮތް މިންވަރު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް އަރާ ކަމަށްވެ އެވެ. ލޯމައާ ދެކޮޅަށް އެ ކުންފުނިތަކުން ދައުވާކުރުމުން އެއީ ދައްކަން ޖެހޭ ފައިސާ ކަމަށް ހުކުމްކޮށްފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ. އަދި އެ ހުކުމްތައް ތަންފީޒު ކުރަން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ވެސް ވެ އެވެ.

ލޯމަ ރިސޯޓުގެ ސަބްލީސް ރައިޓްސް މިހާރު ވަނީ ޓްރިނިޓާސް ހޯލްޑިންގްސް މޯލްޑިވްސް އަށް ވިއްކާލައިފަ އެވެ. އެކަމަކު ދަަރަނިތައް އަދާކުރުމުގެ ކުރިން ރިސޯޓް އެހެން ބަޔަކާ ހަވާލުކުރުން ހުއްޓުވަން އެހެން ކުންފުނިތަކުން ކޯޓުގައި އެދުނެވެ.

ލޯމައަށް ދަރަންޏަށް މުދާ ދޫކުރި ކުންފުންޏެއްގެ އިސް އޮފިޝަލަކު، ނަން ނުޖަހަން އެދިވަޑައިގެން، ވިދާޅުވީ އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ނުދައްކައިގެން ދައުވާކުރުމުން ލޯމައިން ކޯޓުގައި ބުނެފައި ވަނީ ރިސޯޓްގައި އޮތް އެ މީހުންގެ ހައްގުތައް (ސަބްލީސް) ވިއްކާލައިގެން ލިބޭ ފައިސާއިން ދަރަނިތައް ހަލާސްކުރާނެ ކަމަށެވެ. އެގޮތަށް ބުނުމުން، ޓްރިނިޓާސް އަށް ރިސޯޓް ވިއްކާލުން ކޯޓުން ހުއްޓުވާފައެއް ނުވެ އެވެ.

"އެ މައްސަލައިގެ މަދަނީ ދައުވާގެ އިތުރުން ގޯ ސޮއިކޮށްފައި ދިން ޗެކެއް ބައުންސް ވުމުން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ވާނީ ހުށަހަޅާފައި. އެ ތަހުގީގު ކުރިޔަށް ދާ ކަމަށް ވަނީ،" އޭނާ ވިދާޅުވި އެވެ.

ރިސޯޓެއްގެ ސަބްލީސް ވިއްކާލާއިރު ދަރަނިތައް ހަލާސްކުރަން ޖެހޭ ފަދަ އުސޫލްތަކެއް ޓޫރިޒަމް މިނިސްޓްރީގެ އެއްވެސް ގަވާއިދެއްގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ހެޑް ލީސް ވިއްކާލާއިރު ހުރިހާ ދަރަންޏެއް ދައްކައި ހަލާސްކުރަން ޖެހެ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ލޯމައިން އެމީހުންގެ ހައްގުތައް ޓްރިނިޓާސް އަށް ވިއްކާލީ ހަމައެކަނި ދައުލަތަށް ދައްކަން ޖެހޭ ފައިސާ އާއި ބީއެމްއެލް އާއި ޓީއެމްއޭ އަދި އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ފައިސާ ހަލާސްކޮށްފަ އެވެ. އެކަމަކު ސަބްލީސް ވިއްކާލައިގެން ލިބުނު ފައިސާ، ރާއްޖޭގައި އެކުންފުނިން ހުޅުވާފައިވާ ބޭންކަކަށް ޖަމާކޮށްފައެއް ނުވެ އެވެ.

ދަރަނީގެ މައްސަލާގައި ލޯމަގެ ދެ ޑިރެކްޓަރެއްގެ ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ މެލޭޝިއާ މީހާގެ ސިންގަޕޫރުގައި ހުރި މުދާ ވިއްކައިގެން ބައެއް ދަރަނިތައް ދައްކާފައިވާ ކަމަށްވެ އެވެ.

މިކަމާ ބެހޭ ގޮތުން ލޯމަ މާމިގިލި ރިސޯޓް އެންޑް ސްޕާގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ.

ލޯމަ ރިސޯޓްގެ ސަބްލީސްގެ ހައްގުތައް ޓްރިނިޓާސްއަށް ވިއްކާލުމުގެ މުއާމަލާތް ނިމުނުއިރު ކުދި އަދި މެދު ފަންތީގެ ދިވެހި އެތައް ކުންފުންޏެއްގެ ހައްގު ގެއްލިގެން ދިޔުމުގެ އިތުރުން، ލޯމަ މާމިގިލި ރިސޯޓް އެންޑް ސްޕާގެ ދަރަނިތަކަށް ޒިންމާވާން ޖެހި ކްރެޑިޓާސް ކުރިމަތީގައި ގޮތް ހުސްވެފައިވަނީ އެކުންފުނީގެ ހަމައެކަނި ދިވެހި ޑައިރެކްޓަރެވެ. އެކަމަކު އޭނާގެ ނަން މީޑިއާގައި ހާމަކުރާކަށް ބޭނުމެއް ނުވި އެވެ.

ލޯމަ ކުންފުނިން ދަރާފައިވާ ރާއްޖޭގެ 143 ކުންފުނީގެ ތެރޭގައި ހިމެނޭ ޔުނައިޓެޑް ފުޑް ސަޕްލަޔާސްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު "މިހާރު" އަށް ވިދާޅުވި ގޮތުގައި، މިއީ އެ ކުންފުންޏަށް ވެސް ބޮޑު މައްސަލައެކެވެ. އަދި ކްރެޑިޓަރުންނަށް ދައްކަން ކޯޓުން ސާބިތު ވެފައިވާ ދަރަނި ނުލިބި ސަބްލީސް ރައިޓްސް ޓްރާންސްފާ ވުމަކީ ހަމައެކަނި ޔޫއެފްއެސް އަށް ކުރިމަތިވި މައްސަލައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ސާބިތު ދަރަނި ދެއްކުމަށް ފަހުގައި މެނުވީ، އެފަދަ ކުންފުންޏެއްގެ ސަބްލީސް ރައިޓްސް އެހެން ކުންފުންޏަކަށް ބަދަލުކުރެވޭ އުސޫލަކީ ދިވެހި ވިޔަފާރި މާހައުލަށް ވެސް ނުރައްކާތެރި އަދި މާހައުލުގައި ވިޔަފާރި ކުރާ ފަރާތްތައް އެކަމަށް ޖެހިލުން ވާނެ ކަމެއް،" އާތިފް ވިދާޅުވި އެވެ.

"ހާއްސަކޮށް ދައުލަތުގެ ކުންފުނިތަކާއި ބޮޑެތި ވިޔަފާރިތަކުގެ ދަރަނި އެކަނި ހާލާސްކުރުން މަޖްބޫރު ވުމަށް ފަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ސާބިތު ދަރަނި އެކަހެރި ކުރެވޭ ނަމަ، ސަބްލީސް ހޯލްޑަރުންނާ އެކުގައި ވިޔަފާރި މުއާމަލާތް ހިންގުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ފަސް ޖެހެން ފެށުމަކީ އެކަށީގެންވާ ކަމެއް."

އާތިފް ވިދާޅުވީ ސަބްލީސް ހޯލްޑަރުންގެ ހައްގުތައް ބަދަލުކުރުމުގައި ވިޔަފާރީގެ މާހައުލަށް ލިބޭނެ ހީނަރުކަމަށް ވިސްނުން މުހިންމު ކަމަށެވެ. ކިތަންމެ ކުޑަ އަދި ނިކަމެތި ނަމަވެސް، ތިން ވަނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދޭން ކަމާ ބެހޭ ފަރާތްތަކުން އިސްނަގަން އޭނާ ގޮވާލެއްވި އެވެ.