ގްރީޒްމަން ބާސެލޯނާ އަށް މެސެޖެއް ދީފި
ގްރީޒްމަން ބާސެލޯނާ އަށް މެސެޖެއް ދީފި

މެޑްރިޑް (މާޗް 1) - ސްޕެނިޝް ލީގުގައި ރޭ ލެގަނޭސް އަތުން 4-0 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވިއިރު މި މެޗުގައި އެ ޓީމަށް ހަތަރު ގޯލު ވެސް ކާމިޔާބު ކޮށްދިން އެންޓޮއިން ގްރީޒްމަން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް މެސެޖެއް ދީފި އެވެ.

މި މެޗުން އެތުލެޓިކޯ މޮޅުވުމުން ބާސެލޯނާގެ ލީޑުވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 25 މެޗުން 65 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ މިރޭ ނުކުންނާނީ ލަސް ޕަލްމާސްއާ ދެކޮޅަށެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 26 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 26 މެޗުން 51 ޕޮއިންޓެވެ.

ރޭގެ މެޗުގެ ކުރިން އެތުލެޓިކޯ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ގްރީޒްމަން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ރޭގެ މެޗުގައި އޭނާ ހަތަރު ގޯލު ޖެހިއިރު، މިއީ އެތުލެޓިކޯގެ ތާރީހުގައި 21 ވަނަ ގަރުނުގައި ޖެހިޖެހިގެން ދެ މެޗުގައި ކުޅުންތެރިޔަކު ހެޓްރިކެއް ހެދި ފުރަތަމަ ފަހަަރެވެ.

އަންނަ ސީޒަނުގައި އެތުލެޓިކޯ ދޫކޮށް ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ލީގުގައި ދެން އެތުލެޓިކޯ ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ރަށުންބޭރުގައި ބާސެލޯނާއާ ދެކޮޅަށެވެ.

ރޭގެ މެޗަށް ފަހު ގްރީޒްމަން ވަނީ ބާސެލޯނާ އަށް މެސެޖެއް ދީފަ އެވެ.

"ކޭމްޕް ނޫގައި އަހަރެން އަދި ލަނޑެއް ނުޖަހަން. އަހަރެން ބޭނުން ބާސެލޯނާ ކޮޅަށް ލަނޑު ޖަހައި އުފާފާޅުކުރަން. މި ފުރުސަތުގެ ބޭނުން ހިފައި އަހަރެން ބޭނުން މި ޓީމަށް އެހީވާން. މިއީ އަހަރެންނަށް އޮތް ރަނގަޅު ފުރުސަތެއް،" ގްރީޒްމަން ބުންޏެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ސީޒަނުގެ ފަހު މެޗުތަކަށް ނުކުންނައިރު ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ރަނގަޅު ފޯމެއްގައި ހުރުމަކީ ލިބޭ ހިތްވަރެއް ކަމަށެވެ.