ފުލުހުންނަށް ނަވާޒު ޝުކުރު އަދާކޮށްފި
ފުލުހުންނަށް ނަވާޒު ޝުކުރު އަދާކޮށްފި

ގައުމުގެ ސުލްހަ އާއި އަމާންކަމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް، ފުލުސް އޮފީހުގެ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒު ޝުކުރު އަދާ ކުރައްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި ނަވާޒު ވަނީ ގިނަ އަދަދެއްގެ ފުލުހުންނާ ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގައުމުގެ އަމާންކަމާއި ސުލްހައަށް، ރެއާ ދުވާލު ފުލުހުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި ފުލުހުންގެ ކުރި އެރުމަށާއި ވެލްފެއާގެ ކަންކަން ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް، ހަމަހަމަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ހުޅުމާލޭގައި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓްތައް ވެސް ވަރަށް ފަހުން ނަވާޒު ވަނީ ބައްލަވާލައްވާފަ އެވެ.

މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ފުލުހުންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން އެތަނުގެ އާއްމު މުވައްޒަފުން ވެސް ބައިވެރިވި އެވެ.

މީގެ ކުރިން ވެސް ނަވާޒު ވަނީ ފުލުހުންގެ ބައެއް އޮފިސަރުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ކުރިއަށް ދާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވައިފަ އެވެ.

ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން މިނިވަން ކުރުމަށް މި މަހު ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ގެންނަން އުޅުނު ކަމަށް ބުނާ ބަޣާވާތުން ދިވެހި އުންމަތް ސަލާމަތް ކޮށްދިނީ ދިވެހި ސިފައިންނާއި ފުލުހުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި ސިފައިންނާއި ފުލުހުންނަށް އެ މަނިކުފާނު ވަރަށް ބޮޑަށް ތައުރީފު ވަނީ ތައުރީފް ކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރައީސް ވަނީ ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި ކުރިން ހުންނެވި އަހުމަދު އަރީފް ވަކި ކުރައްވާފަ އެވެ. އެއަށް ފަހު ފުލުހުންގެ އިދާރާ ހިންގެވުން އެންމެ ފުރަތަމަ ހަވާލު ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ. އޭނާ ވެސް ވަނީ އެ މަގާމުން ވަކިކުރައްވައިފަ އެވެ.