01 މާޗް 2018 - 08:49

ރާއްޖޭގެ ކްލަބްތަކުން ދިވެހި ގޯލްކީޕަރުންނަށް ފުރުސަތު ނުދޭ ކަމުގެ ޝަކުވާގެ އަޑުތައް މިދިޔަ އަހަރުތަކުގައި ގަދަވި އެވެ. އެކަމަކު މި އަހަރު އެ އަޑުތައް މަދުވާނެ އެވެ. ދިވެހި ކީޕަރުންނަށް ފުރުސަތު ދީފައިވާތީ އެވެ. އަދި އުފާވެރި ހަބަރަކީ އެ ފުރުސަތުތަކުގެ ބޭނުން ހިފައި ދިވެހި ބައެއް ކީޕަރުން މި އަހަރު މިހާތަނަށް ކުޅުނު މެޗުތަކުގައި ވެސް އުއްމީދީ ކުޅުމެއް ދައްކާފައިވުމެވެ. ދުވަސްތަކަށް ފަހު ފުރަތަމަ ޑިވިޝަނަށް އެނބުރި އައި ދެ ކީޕަރަން ކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބްގެ އިފްރާހް އަރީފް އާއި ޔުނައިޓެޑް ވިކްޓަރީގެ ތޮލާލް ހަސަން (ތޮލާ) ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އެސްޓީއޯ މާލޭ ލީގުގައި ނިއު ރޭޑިއަންޓް އަތުން 3-0 އިން ޓީސީ ބަލިވި ނަމަވެސް ހަގީގަތުގައި އެ މެޗުގައި އިފްރާހްގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެންދިޔަ އެވެ. މެޗުގެ ބޮޑުބައި ޓީސީ ގޭމް ތެރޭގައި އޮތީ އިފްރާހް ނިއުގެ ހަމަލާތަށް ހުއްޓުވުމުގައި ދެއްކި މޮޅު ކުޅުމާ އެކު އެވެ.

މިދިޔަ ސީޒަނުގައި އިފްރާހް އެއްވެސް ޓީމަކާ ނުގުޅި މަޑުކުރީ އޭނާގެ އަންހެނުން އެއް އަހަރުގެ މުއްދަތަކަށް އޮސްޓްރޭލިއާ އަށް ބަދަލުވާތީ އޭނާއާ އެކު އެ ގައުމަށް ބަދަލުވުމަށެވެ. އެ މުއްދަތު ތެރޭ އިފްރާހް ވަނީ އޮސްޓްރޭލިއާގެ ދަށް ޑިވިޝަނުތަކުގައި ވާދަކުރާ ޔުނިވާސިޓީ ލީގު ޓީމެއް ކަމަށްވާ ހަންޓާ ސިމްބާ އެފްސީގެ ޕްރެކްޓިހުގައި ބައިވެރިވެ ބައެއް މެޗުތަކުގައި ކުޅެފަ އެވެ.
މި ސީޒަނުގައި އިފްރާހް ޓީސީއާ ގުޅުނުއިރު އެ ޓީމަށް ގެނައި ބެލަރޫސްގެ ކީޕަރު ޑިމިޓްރީ އަސްނިން ހުރީ އަނިޔާގަ އެވެ. ޓީމު ލިސްޓުގައި ނަން ނުޖެއްސުމުގެ ސަބަބުން އިފްރާހަށް އޭއެފްސީ ކަޕް ކޮލިފައިންގައި ޓީސީ ކުޅުނު މެޗުތަކުގައި ނުކުޅެވުނެވެ. އެހެން ނަމަވެސް އެސްޓީއޯ މާލޭ ލީގުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުގައި ނިއުއާ ދެކޮޅަށް އިފްރާހް ދެއްކި ކުޅުމުން އޭނާ ވަނީ އެއް އަހަރުގެ ބްރޭކަކަށް ފަހު ދިވެހި ފުޓްބޯޅަ އަށް އެނބުރި އައިސް އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ.
ނިއު މެޗުގެ ކުރިން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އިފްރާހް ކަހަލަ ތަޖުރިބާ ހުރި ފެންވަރު ރަނގަޅު ދިވެހި ކީޕަރެއް ލިބުމަކީ ޓީސީ އަށް ފައިދާކުރާނެ ކަމެއް ކަމަށެވެ. އަދި ބިދޭސީ ކީޕަރެއް ހުއްޓަސް ރަނގަޅަށް ޕާފޯމް ކުރާނަމަ އިސްކަންދޭނީ ދިވެހި ކީޕަރަކަށް ކަމަށް އޭނާ ބުންޏެވެ.
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ސްކޮޑުގައި ހިމެނުނު އިފްރާހަކީ އޭރު ވެސް އުއްމީދުތަކެއް ކުރެވުނު ކީޕަރެކެވެ. އެކަމަކު އަނިޔާ އާއި އެހެން ވެސް ބައެއް މައްސަލަތައް ދިމާވެ އެއް ފެންވަރެއްގައި ކުޅެން ދަތިތަކެއް ދިމާވި އެވެ.
ޔުނައިޓެޑް ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުން ވެލެންސިއާ އަތުން 3-0 އިން މޮޅުވިއިރު މި މޮޅުގެ ބޮޑު ޝުކުރެއް ހައްގުވަނީ ތޮލާ އަށެވެ. އޭނާ ވަނީ އެ މެޗުގައި ވެލެންސިއާ އިން ފޮނުވާލި ޕެނަލްޓީއެއް މަތަކުރުމުގެ އިތުރުން ނުރައްކާތެރި ގިނަ ބޯޅަތަކެއް ސަލާމަތްކޮށްފަ އެވެ. މެޗުގެ ވަރަށް ކުރީކޮޅު ވެލެންސިއާ އިން ފުލުފުލުގައި ފޮނުވާލި ދެ ބޯޅައެއް އޭނާ މަތަކުރި އެވެ.
އެ މެޗަށް ފަހު ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ވަނީ ތޮލާ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.
"ކޮން ކަހަލަ މޮޅު ދެ ސޭވް އެކުރީ. އެއީ ހަމަ މެޗު ވިނިން ސޭވްތަކެއް. ތޮލާލަކީ އަޅުގަނޑު ވަރަށް އިތުބާރުކުރާ ކީޕަރެއް. އަސްލު ދިވެހި ފުޓްބޯޅައިގައި ދިމާވެގެން މި އުޅޭ މައްސަލަ އަކީ ދިވެހި ކީޕަރުންނަށް އިތުބާރު ނުކުރާތީ އެ މައްސަލަ،" ކުރީގެ މަޝްހޫރު މިޑްފީލްޑަރު ނަޒީހު ބުންޏެވެ.
ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު ތޮލާ މިދިޔަ އަހަރު ފުރަތަމަ ބަދަލުވީ ކްލަބް ވެލެންސިއާ އަށެވެ. އެހެން ނަމަވެސް އެ ޓީމުން ފުރުސަތު ނުލިބޭތީ ފަހުން އޭނާ ބަދަލުވީ ތިން ވަނަ ޑިވިޝަނުގައި ވާދަކުރި ސީލައިފް ސްޕޯޓްސް ކްލަބަށެވެ. ސީލައިފް ތިން ވަނަ ޑިވިޝަނުގެ ފައިނަލަށް ގެންގޮސްދިނުމުގައި ތޮލާގެ ދައުރު ބޮޑެވެ.
މި ސީޒަނުގައި ތޮލާ އާއި އިފްރާހްގެ ފެށުން ރަނގަޅެވެ. ކުރިއަށް ހުރި މެޗުތަކުގައި މި ކުޅުން ދަމަހައްޓައިފިނަމަ މި މަހު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ނަގާ ސްކޮޑަށް މި ދެ ކީޕަރުންނަށް ވެސް އެރުމުގެ ފުރުސަތު އެބައޮތެވެ. ދެ ކީޕަރުންނަށް ވެސް މި އަހަރު އުމުރުން 28 އަހަރު ފުރޭނެ އެވެ. ދެ ކުޅުންތެރިންގެ އުމުރުގައި ވެސް ދެން ކުރިއަށް އޮތީ ކީޕަރުން ކެރިއަރުގައި އެންމެ ރަނގަޅު ފޯމަކަށް އެޅޭނެ ދުވަސްތަކެވެ.