މިސްރުގައި ދެ ރޭލު ޖެހި 15 މީހުން މަރުވެއްޖެ
މިސްރުގައި ދެ ރޭލު ޖެހި 15 މީހުން މަރުވެއްޖެ

ގާހިރާ (ފެބްރުއަރީ 28) - މިސްރުގެ އުތުރުގެ ޕްރޮވިންސެއްގައި ދެ ރޭލް ޖެހި 15 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ބެހެއިރާ ޕްރޮވިންސްގައި ޕަސިންޖަ ރޭލަކާއި މުދާ އުފުލާ ރޭލެއް ޖެހި ހިނގި އެކްސިޑެންޓުގައި ވަނީ 40 މީހުން ޒަޚަމްވެފަ އެވެ. ރޭލުގެ ބައެއް ބައިތައް ދަގަނޑުން ނެއްޓޭ މަންޒަރު ޓީވީތަކުން ދައްކާފައިވެ އެވެ. އަދި ޒަޚަމްވެފައިވާ މީހުން، އާއްމުންނާއި ސިއްހީ ޚިދުމަތް ދޭ ފަރާތްތައް ގުޅިގެން އެމްބިއުލަންސަށް އަރުވާ މަންޒަރު ވެސް ދައްކާފައިވެ އެވެ. ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މަރުވެފައިވާ އަދި ޒަޚަމްވެފައިވާ އެންމެން މިހާރު ރޭލުން ނެރެފައިވާ ކަމަށެވެ.

މިއަދުގެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ނޭނގެ އެވެ. އެކަމަކު ބޮޑު ވަޒީރު ޝަރީފް އިސްމާއިލް ވަނީ އެކްސިޑެންޓް ތަހުގީގުކޮށް ޒިންމާވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓަރު ހިޝާމް އަރަފާތަށް އަންގަވައިފަ އެވެ.

މިސްރުގައި އެކި ސަރުކާރުތައް ގާއިމްވި ނަމަވެސް ރޭލް ދަތުރުތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކޮށްފައި ނުވާތީ މިސްރު މީހުން ދަނީ އަބަދުވެސް ޝަކުވާ ކުރަމުންނެވެ. މިދިޔަ އޮގަސްޓް މަހު ވަނީ އިސްކަންދަރިއްޔާގައި ހިނގި ރޭލް އެކްސިޑެންޓެއްގައި 41 މީހުން މަރުވެފަ އެވެ. އޭގެ ކުރިން ނޮވެމްބަރު 2013 ގައި ވެރިރަށް ގާހިރާގެ ދެކުނުގައި ބަހެއްގައި ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވަނީ 27 މީހުން މަރުވެފަ އެވެ. އަދި ގާހިރާގެ ދެކުނުގައި މީހުން ފުރިބާރުވެގެން ދަތުރުކުރި ރޭލެއްގައި 2002 ވަނަ އަހަރު އަލިފާން ރޯވެ ވަނީ 373 މީހުން މަރުވެފަ އެވެ.