28 ފެބުރުއަރީ 2018 - 18:59

ކޮލަމްބޯ (ފެބްރުއަރީ 28) - ލަންކާގެ އިރުމަތީގެ އަމްޕަރާ ޓައުނުގައި ހަމަނުޖެހުން ބޮޑުވެ މުސްލިމުންގެ ފިހާރަތަކަށާއި މިސްކިތަކަށް ގެއްލުން ދީފި އެވެ.

ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ މިސްކިތަށް ހަމަލާދީފައި ވަނީ ބުޑިސްޓުންގެ ބައެއް ކަމަށެވެ. މި ހަމަނުޖެހުންތަކުގައި ވަނީ ފަސް މީހަކު ޒަޚަމްވެފަ އެވެ. މުސްލިމުންގެ ފިހާރަތަކާއި މިސްކިތަށް ހަމަލާ ދިނުމުގެ ފަހަތުގައިވާ މީހުން ހައްޔަރުކޮށް ތަހުގީގު ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބުޑިސްޓުންގެ ގްރޫޕުން ވަނީ އަމްޕަރާގެ ބައެއް ވެހިކަލްތަކަށް ވެސް ގެއްލުން ދީފަ އެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ޓައުނުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ހަމަނުޖެހުންތައް ހުއްޓުވުމާ ގުޅޭ ގޮތުން އަމްޕާރާ ޓައުނުގެ ސިޔާސީ، ދީނީ އަދި ސަލާމަތީ ފަރާތްތަކުން ވަނީ ޑިސްޓްރިކްޓް އޮފީހުގައި ބައްދަލުވުމެއް ބާއްވައިފަ އެވެ. މި މައްސަލައާ ގުޅޭ ގޮތުން ލަންކާގެ ކެބިނެޓުގައި ވެސް އިއްޔެ ވަނީ މަޝްވަރާ ކޮށްފަ އެވެ.