18 ޖުލައި 2016 - 07:15

މިި ދުވަސްވަރަކީ ހޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންގެ ކައިވެނިތައް ރޫޅުމާއި ބައެއް ތަރިންގެ ލޯބީގެ ގުޅުންތައް ފައްކާވަމުން އަންނަ ދުވަސްވަރެކެވެ. މި ފަހަރު މިއޮތީ އަނެއްކާ ވެސް ކައިވެންޏެއް ރޫޅައިލާ ވާހަކަ އެވެ.

"އީޓީ" އާއި "ވެޑިން ސިންގަ" ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ ޑްރޫ ބެރީމޯ، 41، އަށް ދެ ކުދިން ވެސް ލިބި ކައިވެންޏަށް ހަތަރު އަހަރުވެފައި ވަނިކޮށް، ފިރިމީހާ ވިލް ކޮޕެލްމަންގެ ގާތުން ވަރިވާން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ވިލްގެ ގާތުން ވަރިވާން ބޭނުންވެގެން ޑްރޫ މެންހަޓަންގެ ސްޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހު އެވެ.
އެ ދެ މީހުން ވަކިވާން ނިންމާފައިވާކަން އެޕްރީލް މަހުގެ ތެރޭގައި އޮތީ ގުޅިގެން ނެރުނު ބަޔާނެއްގައި އިއުލާންކޮށްފަ އެވެ. އެހެން ނަމަވެސް ވަކިވާން ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ޑްރޫ އާއި އާޓް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ވިލް ކައިވެނި ކުރީ 2012 ގަ އެވެ. ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ އޮލިވް، 3، އާއި ފްރެންކީ، 2، އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދެ މީހުންގެ ކައިވެނި ރޫޅާލި ނަމަވެސް، ކުދިންގެ ކަންކަމުގައި ދެ މީހުންގެ ހިއްސާ އަބަދުވެސް އެއްވަރަކަަށް އޮންނާނެ އެވެ. އަދި ދެ މީހުން ރައްޓެހިންގެ ގޮތުގައި އަބަދު ވެސް ދެމިތިބޭނެ އެވެ.
ވިލް އާއި ޑްރޫގެ ކައިވެންޏަކީ ޑްރޫގެ ތިން ކައިވެންޏެވެ. އޭނާ ފުރަތަމަ ކައިވެނި ކުރީ ޖެރެމީ ތޯމަސްއާ އެވެ. އެއީ 1994ގަ އެވެ. އެކަމަކު ޖެހިގެން އައި އަހަރު އެ ކައިވެނި ވަނީ ރޫޅިފަ އެވެ.
އޭގެ ފަހުން އޭނާ ކައިވެނި ކުރީ ޓޮމް ގްރީން އާ އެވެ. އެއީ 2001 ގަ އެވެ. އެ ކައިވެނި ވެސް ދެމެހެއްޓުނީ އަހަރެއްހާ ދުވަހަށެވެ.