ނޫސްވެރިޔާގެ މަރާ ބެހޭ މައުލޫމާތު ދިން މީހަކަށް އެއް މިލިއަން ޔޫރޯ
ނޫސްވެރިޔާގެ މަރާ ބެހޭ މައުލޫމާތު ދިން މީހަކަށް އެއް މިލިއަން ޔޫރޯ

ބްރެޓިސްލާވާ (ފެބްރުއަރީ 28) - ބަޑިޖަހާ މަރާލާފައި އޮއްވާ ފެނުނު ސްލޮވާކިއާގެ ތަހުގީގީ ނޫސްވެރިޔާ ޖޭން ކުސިއަކްގެ މަރާ ގުޅޭ މައުލޫމާތު ފޯރުކޮށް ދިން ފަރާތަކަށް އެއް މިލިއަން ޔޫރޯ (1.2 މިލިއަން ޑޮލަރު) ގެ އިނާމެއް ދޭނެކަން އެ ގައުމުގެ ބޮޑު ވަޒީރު ރޮބަޓް ފިކޯ އިއުލާން ކުރައްވައިފި އެވެ.

ނޫސްވެރިޔާގެ މަރާ ބެހޭ މައުލޫމާތު ދިން މީހަކަށް އެއް މިލިއަން ޔޫރޯ
ނޫސްވެރިޔާގެ މަރާ ބެހޭ މައުލޫމާތު ދިން މީހަކަށް އެއް މިލިއަން ޔޫރޯ

އުމުރުން 27 އަހަރުގެ ނޫސްވެރިޔާ އާއި އޭނާގެ ބައިވެރިޔާ މަރާލާފައި އޮއްވާ ފެނިފައި ވަނީ އެ މީހުންގެ ގޭގަ އެވެ. ދެ މީހުން ގަޔަށް ވެސް ވަނީ ބަޑި ޖަހައިފަ އެވެ.

ކުސިކް އެންމެ ފަހުން ލިޔެފައި ވަނީ ސިޔާސީ އިސް ފަރާތްތަކުގެ ކޮރަޕްޝަނުގެ ވާހަކަތަކެވެ. ބޮޑު ވަޒީރު ނޫސް ކޮންފަރެންސް ދެއްވީ އިނާމުގެ ގޮތުގައި ދޭނެ އެއް މިލިއަން ޔޫރޯގެ ފައިސާ މޭޒެއްގެ މަތީގައި ބަހައްޓައިގެންނެވެ.

ނޫސްވެރިޔާގެ މަރާ އިދިކޮޅު ފަރާތްތަކުން ގުޅުވާފައި ވަނީ ސަރުކާރު ހިންގާ ޕާޓީއާ އެވެ. އެކަމަކު ބޮޑު ވަޒީރު ވަނީ އެކަން ސިޔާސީ ނުކުރުމަށް އެދިވަޑައިގެންފަ އެވެ.

ސްލޮވާކިއާ ފުލުހުންގެ ވެރިޔާ ވިދާޅުވީ ނޫސްވެރިޔާގެ މަރާ ގުޅިގެން 20 މީހަކާ މިހާތަނަށް ސުވާލު ކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގަށް އަވަށްޓެރި ގައުމުތަކުގެ އެހީ ހޯދަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޔޫރަޕުގެ ޕޮލިސް އެޖެންސީ ޔޫރޯޕޯލް އިން ވެސް ވަނީ ތަހުގީގުގައި އެހީތެރިވުމަށް ހުށަހަޅައިފަ އެވެ.