28 ފެބުރުއަރީ 2018 - 18:02

ވިލާ ކޮލެޖުން އަންނަ މެއި މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ތަފާތު އެކި ދާއިރާތަކުން 97 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ އޭޕްރީލް އަށް ވަނަ ދުވަހާ ހަމައަށް ވަނީ ދީފަ އެވެ. އެއީ މާލޭގެ އިތުރުން ރަށްރަށުގައި ހުންނަ ކެމްޕަސްތައް ވެސް ހިމަނައިގެންނެވެ.
ކޯސްތައް އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ، އެ ކޮލެޖުގެ މަގުސަދަކީ އަމިއްލަ ގައުމުގައި ހުރެގެން ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ޔުނިވާސިޓީ އޮފް ދަ ވެސްޓާން އޮފް އިންގްލެންޑުގެ ކޯސްތައް، އެ ޔުނިވާސިޓީގެ ފެންވަރަށް ރާއްޖޭގައި ހިންގަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
އަންވަރު ވިދާޅުވީ، ގިނަ ދަރިވަރުން ކިޔެވުމަށް ރާއްޖޭން ބޭރަށް ދާ ޔުނިވާސިޓީތަކަށް ވުރެ، ފެންވަރު ރަނގަޅު ތައުލީމް އެ ކޮލެޖުން ދެމުން އަންނަ ކަމަށެވެ.
"ރަނގަޅު ޕްރޮގްރާމްތަކާއެކު ކިޔަވައިދެއްވަން ވެސް ވަޑައިގަންނަވަނީ ރާއްޖޭގައި ތިއްބެވި އެންމެ ރަނގަޅު ބޭފުޅުން. ޔުނިވާސިޓީ އޮފް ދަ ވެސްޓާން އޮފް އިންގްލެންޑުގެ ފަންނީ ބޭފުޅުންގެ ބެލުމުގެ ދަށުން، އެ ބޭފުޅުންގެ އިރުޝާދާއެކީގައި ކިޔަވައިދެމުން މި ގެންދަނީ،" އަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލާގައި މިހާރު ހިންގަމުން އަންނަނީ ކޮލެޖު ފެންވަރުގައި ކޯސްތައް ހިންގޭނެ އެންމެ ރަނގަޅަށެވެ. އެހެންވެ އިތުރަށް ކުރިއަށް ދިއުމަށް ޔުނިވާސިޓީއެއްގެ ދަރަޖަ ވަރަށް މުހިއްމު ކަން ފާހަގަކުރެއްވި އެެވެ. މިއަހަރުގެ ތެރޭގައި އެކަން ހާސިލްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ދަރިވަރުންނަށް ފަސޭހައިން ކޯސްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. މަހުން މަހަށް ބަހާލައިގެން، ކޮންމެ މަހަކު ވަކި ވަރެއް ދައްކައިގެން ވެސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
މެއި މަހުގެ އިންޓޭކުގައި މާސްޓާސް ފެންވަރުގެ 10 ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ އަށް ކޯހަކާއި ޑިގްރީ ފެންވަރުގެ 22 ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ 20 ކޯހެއް ހިމެނެ އެވެ. މީގެ އިތުރުން ސެޓްފިކެޓްގެ އެކި ލެވެލްގެ ޖުމްލަ 24 ކޯހާއި މެރިން ސްޓަޑީޒްގެ ދާއިރާގެ އަށް ކޯހެއް ހިމެނެ އެވެ.