28 ފެބުރުއަރީ 2018 - 15:01

ވޮޝިންޓަން (ފެބްރުއަރީ 28) - ކެމްބޯޑިއާ އިން ޑިމޮކްރެސީ އަށް އިހްތިރާމް ކުޑަވާ ގޮތަށް އަމަލު ކުރަމުން ގެންދާތީ އެހީގެ ޕްރޮގްރާމްތައް ސަސްޕެންޑް ކުރާނެކަން އެމެރިކާ އިން އިއުލާން ކޮށްފި އެވެ.
ކެމްބޯޑިއާ އިން މިދިޔަ އަހަރު ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އުވާލައިފަ އެވެ. އަދި އެ ޕާޓީގެ މައްޗަށް ވަނީ ގައުމަށް ޣައްދާރުވުމުގެ ދައުވާ ކޮށްފަ އެވެ.
ކެމްބޯޑިއާގެ ވެރިކަންކުރާ ޕާޓީން ހޯމަ ދުވަހު ބުނެފައި ވަނީ ސެނެޓުގެ އިންތިޚާބުގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކޮށްފައިވާ ކަމަށެވެ. އިންތިޚާބުގެ ނަތީޖާއާ މެދު ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. ޔޫރަޕިއަން ޔޫނިއަން އިން ވަނީ ކެމްބޯޑިއާއާ ދެކޮޅަށް އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ކެމްބޯޑިއާ އަށް ދޭ އެހީ ސަސްޕެންޑްކުރިކަން އިއުލާންކުރަމުން އެމެރިކާ އިން މިއަދު ބުނެފައި ވަނީ "އެމެރިކާ އަށް ޓެކްސް ދައްކާ މީހުންގެ ފައިސާ ޑިމޮކްރެސީއާ އިދިކޮޅު ކަންކަމަށް އެހީވުމަށް ހޭދަ ނުކުރެވޭނެ" ކަމަށެވެ. އެމެރިކާ އިން ބުނެފައި ވަނީ ކެމްބޯޑިއާގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ވޭތުވެދިޔަ 25 ވަރަކަށް އަހަރު ދުވަހު ތެރޭ އެ ގައުމަށް އެއް ބިލިއަން ޑޮލަރުގެ އެހީވެދީފައިވާ ކަމަށެވެ. އެކަމަކު އެންމެ ފަހުން ކެމްބޯޑިއާގައި ހިންގާ ކަންކަމުގެ ސަބަބުން ކަންބޮޑުވާ ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާ އިން ކަނޑާލާ އެހީތަކުގެ ތެރޭގައި އަސްކަރީ އެހީތަކާއި ޓްރެޝަރީ ޕްރޮގްރާމްތައް ހިމެނެ އެވެ. އެކަމަކު ކެމްބޯޑިއާގެ ރައްޔިތުންނާ ސީދާ ގުޅުން ހުރި އެހީގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ސިއްހީ ކަންކަން، މައިން ނަގާ ސާފު ކުރުން އަދި ދަނޑުވެރިކަން ހިމެނެ އެވެ.
ކެމްބޯޑިއާ އަށް އެމެރިކާ އިން ކަނޑާލާ އެހީގެ މިންވަރު ގާތްގަނޑަކަށް 8.3 މިލިއަން ޑޮލަރަށް އަރަ އެވެ. ކެމްބޯޑިއާ ވަނީ ހުޅަނގާ ގުޅުން ކަނޑާލުމަށް ފަހު ޗައިނާއާ ގުޅުން ބަދަހި ކުރަން ފަށައިފަ އެވެ.
އުވާލާފައިވާ ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ) ގެ ކުރީގެ ޑެޕިއުޓީ ލީޑަރު މޫ ސޮޗުއާ ވަނީ އެމެރިކާގެ ފިޔަވަޅަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކެމްބޯޑިއާ މިހާރު ބަދަލުވެފައި ވަނީ އެއް ޕާޓީ އެއް ދައުލަތެއްގެ އުސޫލަށް ކަމަށެވެ. އަދި ކެމްބޯޑިއާގެ ހުރިހާ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ސަސްޕެންޑް ކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
އެމެރިކާ ސަރުކާރުން ޑިސެމްބަރު މަހުން ފެށިގެން ވަނީ ކެމްބޯޑިއާ ސަރުކާރުގެ މެންބަރުންނަށް ވިސާ ދިނުން ހުއްޓާލައިފަ އެވެ.
ބޮޑު ވަޒީރު ހުން ސެއިން ކެމްބޯޑިއާގައި ބޮޑު ވަޒީރުކަން ކުރައްވާތާ 33 އަހަރުވެއްޖެ އެވެ. ކެމްބޯޑިއާގައި އާއްމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހު އެވެ. އެމެރިކާ އާއި އީޔޫ އިން ވަނީ އިންތިޚާބަށް މާލީ ގޮތުން އެހީދޭން ދެކޮޅު ހަދައިފަ އެވެ.
ސެނެޓުގެ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ޔޫރަޕިއަން ކައުންސިލުން ވަނީ ކެމްބޯޑިއާގައި ޑިމޮކްރެސީ އަލުން އިޔާދަ ކުރަން ގޮވާލައިފަ އެވެ. އަދި އިގްތިސާދީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވެ އެވެ.
އަނެއްކޮޅުން ޖަރުމަން ސަރުކާރުން ވަނީ ކެމްބޯޑިއާ ސަރުކާރު މެންބަރުންނަށް ވިސާ ދިނުން ސަސްޕެންޑް ކުރަން ނިންމައިފަ އެވެ.