28 ފެބުރުއަރީ 2018 - 14:30

އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވާން އިންޑިއާ އިން ދިން ދައުވަތު ރާއްޖޭން ގަބޫލުނުކުރީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކާ ހެދި ކަމަށް މީޑިއާތަކުގައި ރިޕޯޓްކުރި ވާހަކަތައް ދޮގުކޮށް، އިންޑިއާގައި ހުންނަ ދިވެހި އެމްބަސީން ރޭ ބަޔާނެއް ނެރެފި އެވެ.
އިންޑިއާގެ އިސް ނެގުމާއެކު އަންނަ މަހުގެ 6-8 އަށް އިންޑިއާ ކަނޑުގައި ބާއްވާ ތަމްރީނުތަކަށް ރާއްޖެ އަށް ވެސް ދައުވަތު ދިނެވެ. އެކަމަކު އެ ތަމްރީނުތަކުގައި ރާއްޖޭން ބައިވެރިނުވާން ނިންމާފައިވީ ނަމަވެސް ސަބަބެއް ނާންގާ ކަމަށް އިންޑިއާގެ ނޭވީ ޗީޕް، އެޑްމިރަލް ސުނިލްއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
"މިލާން"ގެ ނަން ދީފައިވާ ތަމްރީނުތަކުގައި ރާއްޖެ ބައިވެރިނުވި އެއް ސަބަބަކީ ޗައިނާއާ އެކު އުފެދިފައިވާ ގާތް ގުޅުން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
މި ވާހަކަތައް ދޮގުކޮށް، ނިއު ދިއްލީގައި ހުންނަ ދިވެހި އެމްބަސީން ނެރުނު ބަޔާނުގައި ބުނީ ތަމްރީނުތަކުގައި ބައިވެރި ނުވީ، ރާއްޖެ އަށް މި ވަގުތު ދިމާވެފައިވާ ކަންކަމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ކަމަށެވެ. މި ނޫން ވަކި ޚާއްސަ ސަބަބެއް ނެތް ކަމަށާއި މި ހާލަތުގައި ސިފައިންގެ ޚިދުމަތް ގައުމަށް މުހިއްމު ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ދިފާއީ ބާރުގެ އެއްވެސް މީހަކު، މި ހާލަތުގައި އެފަދަ ތަމްރީނުތަކަށް ނުފޮނުވާ ކަމަށާއި އިންޑިއާގެ ތަމްރީނުތަކުގައި ވެސް ބައިވެރިނުވީ އެ އުސޫލުން ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނި ގޮތުގައި ދިވެހި ސިފައިން އެ ތަމްރީނުތަކުގައި ބައިވެރިވާން އޮތީ ވެސް އޮބްޒާވަރުންގެ ގޮތުގަ އެވެ. ރާއްޖެ އާއި އިންޑިއާ އަކީ އަބަދުވެސް އަސްކަރީ ގުޅުން ވެސް ބަދަހި ދެ ގައުމު ކަން ފާހަގަކުރައްވައި އެ ގުޅުން އެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މައްސަލައިގައި އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ހިފަހައްޓާފައިވާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން ވެސް އިންޑިއާ އިން ވަނީ ގޮވާލައިފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތާ އެކު ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފޯނުން ގުޅުއްވައި، ވާހަކަ ވެސް ދައްކަވައިފަ އެވެ.
ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅުވައިގެން އިންޑިއާ އަށް ސީރިއަސް ތުހުމަތުތަކެއް ވެސް، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ކުރެ އެވެ.