ސައުދީ އަށް ވަޑައިގަތުމަށް ދިން ދައުވަތު ހަރީރީ ގަބޫލް ކުރައްވައިފި
ސައުދީ އަށް ވަޑައިގަތުމަށް ދިން ދައުވަތު ހަރީރީ ގަބޫލް ކުރައްވައިފި

ބޭރޫތު (ފެބްރުއަރީ 28) - ސައުދީ އަރަބިއާ އަށް ވަޑައިގަތުމަށް ލުބުނާންގެ ބޮޑު ވަޒީރު ސައުދު ހަރީރީ އަށް ދެއްވި ދައުވަތު ގަބޫލް ކުރައްވައިފި އެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ސައުދީގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވި ފަހުން ހަރީރީ ސައުދީ އަށް ވަަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ހަރީރީ އަށް ދައުވަތު ދެއްވީ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި މިހާރު ލުބުނާނަށް ވަޑައިގެން އުޅުއްވާ ސައުދީ މަންދޫބު ނިޒާރު އަލް އަލޫލާ އެވެ. ސައުދީން ފޮނުވި ސިޓީގައި ވަނީ ވީހާވެސް އަވަހަކަށް ހަރީރީ ސައުދީ އަށް ވަޑައިގަތުމަށް އެދިފަ އެވެ.

ހަރީރީ ފަހުން ވަނީ ލުބުނާނަށް ވަޑައިގަތުމަށް ފަހު އިސްތިއުފާ އަނބުރާ ގެންނަވައިފަ އެވެ. އިސްތިއުފާ ދެއްވަމުން 47 އަހަރުގެ ހަރީރީ ވިދާޅުވެފައި ވަނީ އޭނާ މަގާމު ދޫކޮށްލީ އަމިއްލަ ސަލާމަތަށް ނުރައްކާވުމުން ކަމަށެވެ. ހަރީރީގެ އިސްތިއުފާއާ ގުޅިގެން އެ ދުވަސްވަރު ތަފާތު ވާހަކަތައް ދެކެވުނެވެ. އެއް ބަޔަކު ބުނި ގޮތުގައި ސައުދީން ވަނީ ހަރީރީ ރަހީނުކޮށްފަ އެވެ.

ހަރީރީ އާއި ސައުދީ އަރަބިއާ ދެމެދު ގާތް ގުޅުންތަކެއް އޮވެ އެވެ. ލުބުނާނުގެ އިތުރުން ސައުދީގެ ރައްވެހިކަން ވެސް ހަރީރީގެ އަތުގައި އޮވެ އެވެ. ހަރީރީގެ ވިޔަފާރި އާއި އަމިއްލަ ގެދޮރު ސައުދީގައި ހުރުމުގެ އިތުރުން އޭނާގެ ފިއުޗާ މޫވްމަންޓް ޕާޓީ އަށް ވެސް ސައުދީން މަދަދު ފޯރުކޮށްދެ އެވެ.