01 މާޗް 2018 - 06:26

ލަވް ރަންޖަންގެ ކޮމެޑީ-ޑްރާމާ "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އާދަޔާޚިލާފު ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ހޯދައި ފިލްމު އިންޑަސްޓްރީއަށް ހިނިތުންވުން ގެނުވައިފި އެވެ. ސަނީ ސިންގް، ކާރްތިކް އާރްޔަން އަދި ނުޝްރަތު ބަރޫޗާ ލީޑް ރޯލުތައް ކުޅެފައިވާ މި ފިލްމަށް ބެލުންތެރިންގެ ވަރަށް ރަނގަޅު ތަރުހީބެއް ވަނީ ދީފަ އެވެ.
މަޝްހޫރު ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ޓުވީޓެއްގައި ބުނެފައިވަނީ މި އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފައިދާއެއް ހޯދި ތިން ވަނަ ފިލްމަކަށް މި ފިލްމު ވެފައިވާ ކަމަށެވެ.
ހަފުތާ ބަންދުގައި މި ފިލްމަށް 26.57 ކްރޯޑު (265 މިލިއަން ރުޕީސް) ލިބިފައިވާ ކަމަށާއި ފިލްމު ބެލި މީހުން ފިލްމު ރީތިކަމަށް ބުނާތީ، ކުރިޔަށް އޮތް ދުވަސްތަކުގައި ފިލްމުގެ ވިޔަފާރި މިއަށް ވުރެ ވެސް ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ތަރަން ބުންޏެވެ. އަދި ޒުވާނުންގެ އިތުރުން ފެމެލީ އޯޑިއަންސްގެ ހިތް ވެސް މި ފިލްމު އަތުލާފައިވާ ކަމަށް ބުނެފައިވެ އެވެ.
"ޕަދްމާވަތު" އާއި "ޕެޑްމޭން" ފިޔަވައި އެންމެ ބޮޑު ކާމިޔާބެއް މިއަހަރުގެ މިހާތަނަށް ލިބިފައިވަނީ "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އަށެވެ. މި ފިލްމުގެ ޑައިރެކްޓަރު ލަވް ރަންޖަން މީގެ ކުރިން ވަނީ ކާރްތިކް އާއި ނުޝްރަތުއާ އެކު "ޕިޔާރް ކާ ޕަންޗްނާމާ" ސީރީޒްގެ ފިލްމުތަކެއް އުފައްދައިފަ އެވެ.