01 މާޗް 2018 - 06:22

މޫދުގައި ފެތުމުން، ބަނޑުގައި ޖަރާސީމު އުފެދުމާއި ކަންފަތުގައި ރިއްސުން އަދި އެނޫންވެސް މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޔުނިވަސިޓީ އޮފް އެކްސްޓާ މެޑިކަލް ސްކޫލް އެންޑް ސެންޓަ ފޯ އީކޮލޮޖީ އެންޑް ހައިޑްރޮލޮޖީގެ ސައިންސްވެރިންގެ ހޯދުމަކުން ހާމަވެއްޖެ އެވެ.
މި ހޯދުމުގައި ބުނެފައިވާ ގޮތުން ސްވިިމިން ޕޫލްގައި ފެތުމަށް ވުރެ މޫދުގައި ފެތުމުން ކަންފަތުގައި ރިއްސުމުގެ މައްސަލަތައް މެދުވެރިވާ މިންވަރު 77 ޕަސެންޓް އިތުރެވެ. އަދި ގޮހޮރުގެ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު 29 ޕަސެންޓް މައްޗެވެ.
ފެތުމުގެ އިތުރުން މޫދުކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ސާފިން ފަދަ ކަންކަން ކުރުމުން ވެސް ހަމަ މިވަރަކަށް ސިއްހީ ނުރައްކާތައް އޮންނަކަން ވެސް މި ހޯދުމުގައި ފާހަގަ ކޮށްފައިވެ އެވެ.
މިފަހަރުގެ ހޯދުމުގައި ސައިންސްވެރިން ވަނީ މޫދަށް އެރި އުޅުމުން ޖެހޭ ބަލިތަކާ ބެހޭ ގޮތުން މީގެ ކުރިން އެމެރިކާ، އިނގިރޭސި ވިލާތް، އޮސްޓްރޭލިއާ، ނިއު ޒިލެންޑް، ޑެންމާކް އަދި ނޯވޭ އިން ކޮށްފައިވާ 19 ދިރާސާއެއް އަލުން ރިވިއުކޮށްފަ އެވެ. އެއީ 120،000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތެވެ.
"މުއްސަނދި ގައުމުތަކުގެ ތެރެއިން ޔޫކޭގެ ގިނަ މީހުން ދެކޭ ގޮތުގައި މޫދަށް އެރި މޫދުގައި ގިނަ ވަގުތު ހޭދަކުރުމަކީ މާ ބޮޑު ސިއްހީ ނުރައްކަލެއް އޮންނަ ކަމެއް ނޫން. ނަމަވެސް އަހަރެމެންގެ ހޯދުމުން ހާމަވެފައިވާ ގޮތުގައި މޫދުގައި ވަގުތު ހޭދަކުރުމަކީ ވަރަށް ގިނަ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެއް. މީގެ ތެރޭގައި ކަންފަތުގެ މައްސަލަތަކާއި ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބަނޑުގައި ރިއްސުމާއި ބޭރަށް ހިންގުން ފަދަ މައްސަލަތައް ހިމެނޭ،" ޑރ. އޭން ލިއޮނާޑް ވިދާޅުވި އެވެ.
މިހެން ދިމާވަނީ މޫދުގެ ތަޣައްޔަރުކަން އިތުރުވެފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިސާޗް ސުޕަވައިޒަރު ވިދާޅުވީ މި ހޯދުމުގެ މަގްސަދަކީ މީހުންނަށް މޫދަށް ނޭރުމަށް އިރުޝާދު ދިނުމެއް ނޫނެވެ. މޫދަށް އެރި ފަތާ ހެދުމަކީ އެމީހެއްގެ ހަށިގަނޑުގެ ފިޓްނަސް ރަނގަޅުވެ އެނޫންވެސް ވަރަށް ގިނަ ފައިދަތަކެއް ލިބޭ ކަމެއް ކަމަށް އޭނާ ވެސް އެއްބަސްވި އެވެ.
"ނަމަވެސް މީހުންނަށް އެނގެން ޖެހޭ މީގައި އޮންނަ ނުރައްކާތައް ވެސް. އޭރުން އެމީހުންނަށް އެކަމާ މެދު ފިޔަވަޅުތަކެއް އަޅަން ދުރާލައި އެނގޭނީ،" ސައިންސްވެރިޔާ ވިދާޅުވި އެވެ.
ޑރ. ލިއޮނާޑް ވިދާޅުވި ގޮތުގައި މޫދަށް އެރިގެން އިންފެކްޝަނެއް ޖެހުނަސް ގިނަ މީހުންގެ އެއްވެސް ބޭހެއް ކުރުމަކާ ނުލާ ބަލި ފަސޭހަވެ އެވެ. މީގައި އެންމެ ބޮޑަށް މައްސަލަތައް ދިމާވަނީ ކުޑަކުދިންނަށާއި ދުވަސްވީ މީހުންނަށެވެ.
މޫދު ސާފުކުރަން މާ ގިނަ މަސައްކަތްތަކެއް ނުކުރެވޭކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ މޫދާއި އަތިރިމަތި ސާފުކުރުމާ ގުޅޭގޮތުން އިތުރު ދިރާސާތައް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.