28 ފެބުރުއަރީ 2018 - 11:46

ދިމިޝްގު (ފެބްރުއަރީ 28) - ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައި އޮންނަ އިރުމަތީ ޣޫތާ އަށް ހަމަލާ ދިނުން 30 ދުވަހަށް ހުއްޓާލަން ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅިގެން ކޮންމެ ދުވަހަކު ވެސް ފަސް ގަޑިއިރަށް ހަމަލާތައް ހުއްޓާލާނެ ކަމަށް ރަޝިޔާ އިން އިއުލާންކުރި ނަމަވެސް ވައިގެ ހަމަލާތަކަށް މެދުކެނޑުމެއް ނާންނަ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ކޮންމެ ދުވަހަކު ވެސް ހެނދުނު 9 އިން 2 އަށް ހަމަލާތައް ހުއްޓާލާނެ ކަމަށް އެއްބަސްވި ނަމަވެސް އިއްޔެ ހެނދުނު ވެސް ހަމަލާ ދިން ކަމަށް އދ.ގެ ހިއުމެނިޓޭރިއަން އޮފީހުގެ ތަރުޖަމާނަކު ވިދާޅުވި އެވެ. ހަމަލާތައް މެދުކަނޑާނުލާތީ އިރުމަތީ ޣޫތާ އަށް އެހީ ދިނުމަށާއި އެ ސިޓީން ނުކުންނަން ބޭނުންވާ މީހުން ދިއުމަށް ފުރުސަތު ލިބިފައެއް ނުވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަރުޖަމާން ތޯރިގު ޖަސަރެވިޗް ވިދާޅުވީ ސިއްހީ ފަރުވާ ދިނުމަށް އިރުމަތީ ޣޫތާ އިން ގެންދިއުމަށް ބޭނުންވާ 1،000 މީހުން އެބަތިބި ކަމަށެވެ.
އިރުމަތީ ޣޫތާގައި އާއްމުންގެ 390،000 މީހުން މިހާރު ވެސް އެބަތިބި ކަމަށްވެ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައި ވަނީ ވޭތުވެދިޔަ 10 ވަރަކަށް ދުވަހު އިރުމަތީ ޣޫތާ އަށް ދިން ވައިގެ ހަމަލާތަކުގައި އާއްމުންގެ 568 މީހުން މަރުވެފައިވާ ކަމަށެވެ.