ކުޑަކޮށް ހިތް ބިރުގަތުމަކީ ހަނދާން ގަދަވާނެ ކަމެއް
ކުޑަކޮށް ހިތް ބިރުގަތުމަކީ ހަނދާން ގަދަވާނެ ކަމެއް

ވަރަށް ކުދިކުދި ކަންކަމާ ވެސް ހިތްނުތަނަވަސްވެ ކަންބޮޑުވެ ހާސްވޭ ހެއްޔެވެ؟ މިއީ މައްސަލައެއް ނަމަވެސް ސައިންސްވެރިން ބުނަނީ ކުޑަކޮށް ހިތްނުތަނަވަސްވުމުން ހަނދާން ގަދަވެ ކަންކަން ހަނދާނުގައި ބަހައްޓަން ފަސޭހަވާ ކަމަށެވެ.

ޖާނަލް ބްރެއިން ސައިންސަސްގައި ބުނެފައިިވާ ގޮތުން އެމީހަކަށް ކުޅަދާނަވާ ވަރުގެ މިންވަރަކަށް ހިތްނުތަނަވަސްވުމަކީ ހަގީގަތުގައި އޭނާއަށް ކަންކަން ކުރަންވީ ގޮތްތައް މާ ރަނގަޅަށް ހަނދާނުގައި ބަހައްޓަން ފަސޭހަވާނެ ކަމެކެވެ. ނަމަވެސް ހިތްނުތަނަވަސްކަން މާބޮޑުވެއްޖެ ނަމަ އެ މީހަކުކުރަން އުޅޭ ކަންތައްތައް ހަނދާން ނެތި އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައިންސްވެރިން ބުންޏެވެ.

"ހިތް ނުތަނަވަސްކަން މާބޮޑަށް ހުންނަ މީހުން ވަރަށް ފަރުވާތެރިވާން ޖެހޭނެ. ސަބަބަކީ ހިތްނުތަނަވަސްކަން ކޮންމެވެސް މިންވަރަކަށް ހުރުމަކީ ފައިދާ ހުރި ކަމަކަށް ވިޔަސް މާބޮޑުވަރުވެއްޖެ ނަމަ ހުރިހާ ކަމެއް ހަނދާންނެތި މީހާގެ ސިކުނޑި ސުމަކަށް ހިނގައިދާނެ،" ކެނެޑާގެ ޔުނިވަސިޓީ އޮފް ވޯޓާލޫގެ ޕްރޮފެސަރު މައިރާ ފާނާންޑެސް ވިދާޅުވި އެވެ.

މި ހޯދުމުގައި ސައިންސްވެރިން ޓެސްޓްކުރީ ޔުނިވަސިޓީ އޮފް ވޯޓަލޫގައި ކިޔަވަމުންދާ އަންޑަގްރެޖުއޭޓް 80 ދަރިވަރެކެވެ. މީގެ ތެރެއިން 64 ކުދިންނަކީ އަންހެން ކުދިންނެވެ.

މިކުދިން ދެބަޔަކަށް ބަހާލައި އެއްބައި ކުދިންނަށް ތަފާތު ދެ މަސައްކަތެއް ހަވާލުކޮށްގެން މި ދިރާސާއަށް މައުލޫމާތު ހޯދި އެވެ. މީގެ ތެރެއިން ކުޑަކޮށް ހިތް ނުތަނަވަސްކަން ހުރި ކުދިން މާ ރަނގަޅަށް ކަންތައްތައް ހަނދާން ބަހައްޓައިގެން ކޮށްފައިވާއިރު މާބޮޑަށް ހާސްވެގެން އުޅުނު ކުދިންނަށް މާ ރަނގަޅަށް ކަންތައްތައް ހަނދާނުގައި ބެހެއްޓުމަށް ދަތިވިކަން ފާހަގަކުރެވުނެވެ.