ދޭތެރެދުރުކުރާ ބޭހާއި ޑިޕްރެޝަނާ ގުުޅުމެއް ނެތް: ސައިންސްވެރިން
ދޭތެރެދުރުކުރާ ބޭހާއި ޑިޕްރެޝަނާ ގުުޅުމެއް ނެތް: ސައިންސްވެރިން

ދޭތެރެދުރުކުރުމަށް ބޭނުންކުރާ ހޯމޯނަލް ބާތު ކޮންޓްރޯލް ޕިލްސް ގަވާއިދުން ބޭނުންކުރާ އަންހެނުންނަށް ޑިޕްރެޝަންގެ މައްސަލަތަކުގެ ނުރައްކާ އިތުރު ނުވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން ސައިންސްވެރިން މިފަހަރު ހޯދި ހޯދުމުގެ ނަތީޖާ ދެއްކި ގޮތުގައި އަންހެނުން ދޭތެރެދުރުކުރާ ބޭސް ބޭނުންކުރުމާއި އެމީހުންނަށް ޑިޕްރެޝަންގެ މައްސަލަތައް މެދުވެރިވުމާ އެއްވެސް ވަރެއްގެ ގުޅުމެއް ނެތެވެ.

"ދޭތެރެދުރުކުރާ ބޭސް ކާން ފެށުމުން ޑިޕްރެޝަން މައްސަލަތައް ކުރިމަތިވެދާނެތީ ވަރަށް ގިނަ އަންހެނުން ކަންބޮޑުވޭ. ޚާއްސަކޮށް، އެމީހުން ބޭނުންކުރަނީ ވަކި ވައްތަރެއްގެ ހޯމޯންތަކެއް އެކުލެވޭ ބޭހެއް ނަމަ،" އޮހާޔޯ ސްޓޭޓް ޔުނިވަސިޓީގެ ތަޖުރިބާކާރެއް ކަމަށްވާ ބްރެޓް ވޯލީ ވިދާޅުވި އެވެ.

"އަހަރެެމެންގެ ހޯދުންތަކުން ދައްކާފައިވާ ގޮތުގައި ދޭތެރެދުރުކުރާ ބޭސް ބޭނުންކުރުމުން ޑިޕްރެޝަންގެ މައްސަލަތައް ދިމާވެދާނެތީ އަންހެނުން އެއްވެސް ވަރަކަށް ހާސްވާނެ ކަމެއް ނެތް. އެމީހުން ބޭނުންކުރަނީ ރައްކާތެރި އެއްޗެއްކަމަށް ދެކި އެމީހުން ހިތްހަމަޖައްސާލަން ޖެހޭނެ."

ޖާނަލް ކޮންޓްރަސެޕްޝަންގައި ޝާއިއުކޮށްފައިވާ މި ރިޕޯޓު ތައްޔާރުކުރުމަށްޓަކައި ސައިންސްވެރިން ވަނީ، ދޭތެރެދުރުކުރުމާ ބޭހުން އިންސާނުންގެ ސިކުނޑިއަށް ކުރާ އަސަރުތަކާ ގުޅޭ އެތައް ހާސް ދިރާސާއެއް ރިވިއުކޮށްފަ އެވެ. މީގެ ތެރޭގައި ދޭތެރެދުރުކުރުމުގެ ގޮތުން ބޭސް، އިންޖެކްޝަން ނުވަތަ އިމްޕްލާންޓްސް ބޭނުންކުރުމުން ކަންތައްތައް ދިމާވާ ގޮތްތައް ވެސް ބެލި އެވެ.

މި ހޯދުންތަކުގެ ނަތީޖާތައް ދެއްކި ގޮތުގައި ދޭތެރެދުރުކުރާ ބޭހާއި ނަފްސާނީ ގޮތުން މީހާއަށް ދިމާވާ މައްސަލަތަކާ ގުޅުވޭނެ މާ ރަނގަޅު ހެކިތަކެއް ނެތެވެ.

ދޭތެރެދުރުކުރާ ބޭހަކީ ޑިޕްރެޝަންގެ މައްސަލަ ފެށެން މެދުވެރިވާ ސަބަބެއް ކަމަށް ބެލެވިފައިވާއިރު މީގެ އަސަރުކުރާ މިންވަރު ވަނީ މިނަށްވުރެ މާ ބޮޑުކޮށްލައިފަ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި ދޭތެރެދުރުކުރާ ބޭސް ކެއުމުން ޑިޕްރެޝަންގެ ކަންތައްތައް ދިމާވާކަމަށް ހީވަނީ ސޯޝަލް މީޑިއާގައި މި ވާހަކަ ފަތުރާލެއް ގިނަކަމުންނެވެ.

"ދޭތެރެދުރުކުރާ ބޭހުން ޑިޕްރެޝަނަށް މަގުފަހިވާ ކަމަށް ހީވެފައިވާ ހީވުމަކީ ވަރަށް ބޮޑު ކުށް ހީއެއް. ގިނަ މީހުންނަށް ހަގީގަތުގައި މިކަން ދިމާވަނީ މިހެނެއް ނޫން،" ވޯލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރާވަރުގެ އަންހެންކުދިންނާއި މާބަނޑު މީހުންނަކީ ވަރަށް ފަސޭހައިން ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވެދާނެ ބައެއް ކަމަށެވެ. އެހެންވެ މިފަދަ މީހުންނަށް ޑިޕްރެޝަންގެ އުނދަގުލެއް ހުރިކަމަށް ހީވާ ނަމަ އަވަހަކަށް ސިއްހީ މާހިރަކަށް ދައްކައިގެން އެހީތެރިކަން ހޯދަން ސައިންސްވެރިޔާ އިރުޝާދު ދެއްވި އެވެ.