ފުރަތަމަ ޕީޕީއެމްގެ ދުލުން، ދެން އަޅަނީ ފިޔަވަޅު!
ފުރަތަމަ ޕީޕީއެމްގެ ދުލުން، ދެން އަޅަނީ ފިޔަވަޅު!

ދައުލަތުގެ އެކި މުއައްސަސާތަކުން ބަލަމުން ދާ މައްސަލަތަކާއި އެ ތަންތަނުން ކަންކުރަންވީ ގޮތް ޕީޕީއެމުން ބުނަމުން ދާތީ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ކޮންމެ ދުވަހަކު ޕީޕީއެމުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ގެންދަވަނީ، އެކި މުއައްސަސާތަކުން އިދިކޮޅު ފަރާތްތަކާ މެދު ކަން ކުރަންވާ ގޮތް ހާމަކުރައްވަމުންނެވެ. އަދި ބައެއް ތަންތަނުން ކުރަން ނިންމާފައި ހުންނަ ކަންކަން ވެސް ވެސް ބައެއް ފަހަރަށް، ނުސީދާކޮށް، އިއުލާންކުރައްވަ އެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނި ފަހުން އޭގެ ތެރެއިން ބައެއް މެމްބަރުން މަޖިލިހަށް ވަންނަވަން މަސައްކަތްކުރެއްވި އެވެ. އެކަމާ ބެހޭ ގޮތުން ޕީޕީއެމްގެ ޕްރެސްއެއްގައި ނިހާން ވިދާޅުވެފައި ވަނީ އެ މެމްބަރުންނަކީ ސައްހަ މެމްބަރުންތޯ ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

ކުރީގެ އަމުރަށް އަމަލްކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އާ އަމުރެއް ނެރުނީ ނިހާންގެ އެ ވާހަކަތަކަށް ފަހު އެވެ. ފަހުގެ އަމުރުގެ ސަބަބުން 12 މެމްބަރުންނަށް އަދިވެސް މަޖިލިހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައެއް ނުގެންނެވެ އެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން، ރޭގަނޑު 10:30 ގެ ފަހުން ސިޔާސީ އެއްވުން ބޭއްވުން މަނާ ކަމަށް ފުލުހުން ނިންމި ނިންމުމެވެ. އެކަން ފުލުހުން ހާމަކުރުމުގެ ކުރިން ޕީޕީއެމުން ބުނެފައި ވަނީ އެ ޕާޓީގެ އެއްވެސް ހަރަކާތެއް ރޭގަނޑު 10:30 ގެ ފަހުން ނޯންނާނެ ކަމަށެވެ.

ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހުމަދުގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ދާ ކަމަށް އެއްވެސް މުއައްސަސާއަކުން މިހާތަނަށް ބުނެފައެއް ނުވެ އެވެ. އަދި އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ކަމާ ގުޅުން ހުރި މުއައްސަސާތަކުން ދީފައެއް ވެސް ނުވެ އެވެ.

ނަމަވެސް އަބްދުއްރަހީމް ވަނީ ޖަމީލުގެ ކޮޕަރްޝަންގެ މައްސަލަތަކެއްގެ ވާހަކަ ދައްކަވައިފަ އެވެ. މިދިޔަ ހޯމަދުވަހު އޭނާ ވިދާޅުވީ ޖަމީލް ކެމްޕެއިންކުރައްވަން ކޮރަޕްޝަންގެ ތެރެއިން ފައިސާ ހޯއްދަވަން އުޅުއްވިކަމުގެ ހެކި އެބަހުރި ކަމަށެވެ.

މިދިއަ މަހު 16 ގައި އަބްދުއްރަހީމް ގޮވާލެއްވީ މީޑިއާތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށެވެ. އޭގެ ފަހުން ބައެއް ކަންކަން، މީޑިއާއާ ދެކޮޅަށް ހިންގާފައި އެބަ ހުއްޓެވެ. އެގޮތުން މާލޭގައި ކުރިއަށް ގެންދާ އެއްވުންތައް ކަވަރުކުރަން ހަރަކާތްތެރިވާ ބައެއް ނޫސްވެރިންނަށާއި ކެމެރާމަނުންނަށް، އެއްވުން ރޫޅާލުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަނިޔާވުން ހިމެނެ އެވެ. އަދި ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުގެ އިތުރުން އެއްވުން ކަވަރުކުރަން ވެސް، ބައެއް ފަހަރު ހުރަސްއަޅަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ދައުލަތުގެ ބައެއް މުއައްސަސާތަކުން އަމަލްކުރަނީ ޕީޕީއެމުން ބުނާ ގޮތަކަށެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން ކަން ކުރަންވީ ގޮތް ވެސް ވެރިކަން ކުރާ ޕީޕީއެމުން ކިޔައިދޭތީ ކަންބޮޑުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މާނަކުރެވޭ މިކަންކަމުގެ އަމުރުމައުރޫފް ހިންގަވަން މި އިންނަވަނީ އަބްދުރަހީމްތޯ؟ އަބްދުރަހީމަކަށް ނޯންނާނެ ނޫންތޯ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނުކުމެފައި ވިދާޅުވާން އެއްވުންތައް ނުބޭއްވޭނެޔޭ، ރައްޔިތުންނަށް އިހުތިޖާޖެއް ނުކުރެވޭނެއޭ، ރައްޔިތުން އިހުތިޖާޖު ކުރާ ނަމަ ފުލުހުން ހުރަސް އަޅާނެއޭ،" އަމީތު ވިދާޅުވި އެވެ.

އެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އެ ޕާޓީން ވާހަކަ ދައްކަނީ އަމިއްލަ މައުލޫމާތުތަކުގެ މައްޗަށް ކަމަށެވެ. އަދި ފުލުހުންނަށް ވުރެ ކުރިން ބައެއް ކަންކަން އެ ޕާޓީން އިއުލާން ކޮށްފައިވުމަކީ އިއްތިފާގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭސީސީން މައްސަލަ ބެލިތޯ، ފުލުހުން ބަލާތޯ އަޅުގަނޑުމެންނަކަށް ނޭނގޭ. އަޅުގަނޑުމެންނަށް އެނގެނީ އަޅުގަނޑުމެން ފުލުހުންނަށް ނުފޫޒް ނުފޯރުވާކަން،" ނިހާން ވިދާޅުވި އެވެ.