ސީރިއާގައި ކެމިކަލް ހަތިޔާރު އުފައްދަން ނޯތު ކޮރެއާ އިން އެހީވެދޭ
ސީރިއާގައި ކެމިކަލް ހަތިޔާރު އުފައްދަން ނޯތު ކޮރެއާ އިން އެހީވެދޭ

ވޮޝިންޓަން (ފެބްރުއަރީ 28) - ކެމިކަލް ހަތިޔާރު އުފައްދަން ބޭނުން ކުރާ ސާމާނު ނޯތު ކޮރެއާ އިން ސީރިއާ އަށް ފޮނުވަމުންދާ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އދ.ގެ ތަޖްރިބާކާރުންނާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސީރިއާ އަށް ފޮނުވާ ތަކެތީގެ ތެރޭގައި އެސިޑް-ރެސިސްޓެންޓް ޓައިލްސް، ވޭލް އަދި ހޮޅި ހިމެނެ އެވެ.

މި ތުހުމަތުތައް ކޮށްފައި މިވަނީ ސީރިއާ ސިފައިން ކްލޮރިން ގޭސް ބޭނުންކޮށްފައިވާ ކަމުގެ ރިޕޯޓްތަކެއް އާއްމުވެފައި ވަނިކޮށެވެ.

ނޯތު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އެ ގައުމާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި 2016 ވަނަ އަހަރުގެ ފަހުކޮޅާއި 2017 ވަނަ އަހަރުގެ ކުރީކޮޅު ޗައިނާގެ ކުންފުނިތައް މެދުވެރިކޮށް ސީރިއާ އަށް ވަނީ ފަސް ކޮއިންޓެނާގެ ސާމާނު ފޮނުވައިފަ އެވެ. މީގެ އިތުރުން ނޯތު ކޮރެއާގެ ބައެއް އޮފިޝަލުން ސީރިއާގައި ހަރަކާތްތެރިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ނޯތު ކޮރެއާ އަށް ފައިސާ ދައްކާފައި ވަނީ ސީރިއާ ސަރުކާރު އެޖެންސީއެއް ކަމަށްވާ ސައެންޓިފިކް ސްޓަޑީސް އެންޑް ރީސާޗް ސެންޓަރުން ކަމަށް ވެސް ބުނެފައިވެ އެވެ.

މި ރިޕޯޓް ތައްޔާރުކޮށްފައި ވަނީ އދ.ގެ ގަރާރުތަކަށް ނޯތު ކޮރެއާ އިން ބޯލަނބާ މިންވަރު ބަލަމުންދާ އދ.ގެ ޕެނަލުންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޕެނަލުން ބުނެފައި ވަނީ ސީރިއާ އާއި ނޯތު ކޮރެއާއާ ދެމެދު ހަތިޔާރުގެ އެއްބާރުލުމުގެ ގުޅުން ބަލަމުންދާ ކަމަށެވެ. މި ގޮތުން ސީރިއާ އަށް ގެންދާ ދެ ޝިޕްމަންޓަކަށް އދ.ގެ މެންބަރު ދެ ގައުމަކުން ހުރަސް އަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އދ.ގެ ޕެނަލް އަށް ސީރިއާ އިން ބުނެފައި ވަނީ އެ ގައުމުގައި ތިބި ނޯތު ކޮރެއާގެ އޮފިޝަލުންނަކީ ސްޕޯޓްސް ކޯޗުންނާއި އެތުލީޓުން ކަމަށެވެ.

ޕެނަލުގެ ރިޕޯޓް އާއްމު ކުރާނެ ކަމަށް އދ.ގެ ތަރުޖަމާން ސްޓެފާން ޑުޖާރިކް ވިދާޅެއް ނުވެ އެވެ.