28 ފެބުރުއަރީ 2018 - 12:26

މިނިވަން މުއައްސަސާތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަދާކުރަމުން ނުދާ ކަމަށް ވިދާޅުވެ، އެ މުއައްސަސާތަކުގެ ވެރިންނަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ މަޖިލީހުން، މުއައްސަސާތަކާ ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް އެ މަސްއޫލިއްޔަތުތައް އަދާކުރެވޭ ނަމަ، މިހާރު ރާއްޖޭގައި އުފެދިފައި ހުރި މައްސަލަތައް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ފާހަގަކުރެއްވި ގޮތުގައި ބައެއް ކޮމިޝަންތަކުން ކުރަން ޖެހޭ ކަންކަން ނުކުރުމުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީނަށް ގާނޫނުއަސާސީންނާއި ގާނޫނުތަކުން ލިބޭ ބާރުގެ ދަށުން ބައެއް ނިންމުންތައް ނިންމާފައިވެ އެވެ. އަދި އެ ކަންކަން ކުރަން ރައީސަށް ޖެހިވަޑައިގަންނަވަނީ މުއައްސަސާތަކާ ހަވާލުކޮށްފައި ހުންނަ ޒިންމާތައް އެންމެ ރަނގަޅަށް އަދާކުރަމުން ނުދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭސީސީގެ މަސްއޫލިއްޔަތުތައް އަދާކުރާ ނަމަ، މިއަދު ރިޔާސީ ކޮމިޝަނެއް އުފައްދައިގެން ރައީސް ކަންކަން ކުރައްވާކަށް ނުޖެހޭނެ. އެހެން ކޮމިޝަންތަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް ފުރިހަމަ އަށް އަދާކުރާނަމަ، މި ކަންކަން ކުރާކަށް ނުޖެހޭނެ،" ރިޔާޒް ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ ދަށުން އުފައްދާފައި ހުރި ކޮމިޝަންތަކަށް އުނިވަނީ ކޮން ކަމެއްތޯ ރިޔާޒް ސުވާލު ކުރެއްވި އެވެ. ދައުލަތުން ވަރަށް ބޮޑެތި ހަރަދުތަކެއް މުއައްސަސާތަކަށް ކުރަމުން އަންނަ އިރު، އެ ބަޔަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް އަދާކުރާނަމަ، މިކަންކަން ވެގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށް ވުމާއެކު، ދުނިޔޭގެ އެތައް ބައެއްގެ ކަޅި ރާއްޖެއާ ދިމާލަށް ހުއްޓިގެންދާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އެހެންވެ، މުއައްސަސާތައް ހޭލައި ތިބެ، ކަންކަން އަދުލުވެރިކަމާއެކު ކުރަން ޖެހޭ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަޖިލީހުން މުއައްސަސާތަކާ ހަވާލުކުރި މަސްއޫލިއްޔަތުތައް ފުރިހަމަ އަށް އަދާކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި މުއައްސަސާތަކުން ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.