28 ފެބުރުއަރީ 2018 - 09:15

ރިއޯ ޑި ޖެނީރޯ (ފެބްރުއަރީ 28) – އަނިޔާވެފައިވާ ޕީއެސްޖީގެ ފޯވާޑް ނޭމާ މަދުވެގެން ހަ ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށާއި އަންނަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް އޭނާ އަށް ނުކުޅޭވޭނެ ކަމަށް ނޭމާގެ ބައްޕަ ބުނެފި އެވެ.
ފްރާންސް ލީގުގައި އޮލިމްޕިކް މާސޭ އަތުން 3-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއްގައި ވަނީ ރެނދު ލައިފަ އެވެ. އެއާ އެކު އޭނާ އޮޕަރޭޝަންކުރަން ޖެހި ދެ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް އިއްޔެ އަޑުއަރާފައިވަނިކޮށް ޕީއެސްޖީގެ ކޯޗު އުނާއީ އެމެރީ ވަނީ އޭނާ އަށް އަންނަ ހަފުތާގައި މެޑްރިޑާ ދެކޮޅަށް ކުޅެވުމުގެ ފުރުސަތެއް އޮތް ކަމަށް ބުނެފަ އެވެ.
އީއެސްޕީއެން ބްރެޒިލް އަށް ދިން އިންޓަވިއުއެއްގައި ނޭމާ ސީނިއާ ބުނީ އޮޕަރޭޝަނެއް ކުރަން ޖެހުނަސް ނުޖެހުނަސް އޭނާގެ ފަރުވާގެ މުއްދަތު ހަ ހަފުތާ އާއި އަށް ހަފުތާގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށެވެ.
ނޭމާ ނެތުމަކީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގަށް ނުކުންނައިރު ޕީއެސްޖީ އަށް ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލައެކެވެ. ފުރަތަމަ ލެގުން 3-1 އިން މެޑްރިޑް މޮޅުވެފައިވާތީ، ކުއާޓާ ފައިނަލަށް ދިއުމަށް ޕީއެސްޖީ އަށް އޮތީ އުނދަގު މަގެކެވެ.
ބާސެލޯނާ އަށް ކުޅެމުން އައި ނޭމާ ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީން ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ހޯދުން ކަމަށް ބެލެވެ އެވެ. ނޭމާ އަންނަނީ އެ ޓީމާ މި ސީޒަނުގައި ގުޅި މޮޅު ކުޅުމެއް ދައްކަމުންނެވެ.