27 ފެބުރުއަރީ 2018 - 19:23

ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި، ސިޔާސީ ބޭފުޅުން މިނިވަން ނުކޮށްފި ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިނުމާއެކު ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވެފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އީޔޫގެ ކައުންސިލުން އިއްޔެ ފާސްކުރި ގަރާރުގައި ރާއްޖެ އަށް ގޮވާލާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި، ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ އަސާސީ ހައްގުތައް އަނބުރާ ދިނުމަށާއި ހައްޔަރު ކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށެވެ. ރާއްޖޭގެ ހާލަތު ރަނގަޅު ނުވާ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގަރާރުގައި ވަނީ ދީފަ އެވެ.
އެ ނިންމުމާއެކު ސަރުކާރުން ވަނީ އީޔޫގެ އެހީތެރިކަމަށް އެދިފަ އެވެ. އަދި ގަރާރާ ގުޅިގެން މަޝްވަރާ ކުރުމަށް، ސިޔާސީ ޕާޓީތަކަށް ސަރުކާރުން އަނެއްކާ ވެސް މިއަދު ވަނީ ގޮވާލައިފަ އެވެ.
ޖުމްހޫރީ ޕާޓީގެ ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ސުޕްރީމް ކޯޓުން މިމަހު 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުން ނޫން ގޮތެއް ސަރުކާރަށް ނެތް ކަމަށެވެ.
"ސަރުކާރަށް އޮތް ފުރުސަތު ދަނީ ކުޑަވަމުން. އެ ރަނގަބީލު އެދަނީ ޖެހެމުން. މިހާރު ސަރުކާރަށް ހަމައެކަނި އޮތް ފުރުސަތަކީ، ހަމައެކަނި އޮތް މަގަކީ ޔޫރަޕިއަން ކައުންސިލުގައި އެވާ ގޮތަށް އަދި ރާއްޖޭގެ ރައްޔިތުން އެ ބުނަމުންދާ ގޮތަށް ސުޕްރީމް ކޯޓުގެ 1 ފެބުރުއަރީގެ ހުކުމަށް ތަބާވުން،" މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ.
ސަރުކާރުން އީޔޫގެ އެހީތެރިކަމަށް އެދިފައިވާ އިރު އީޔޫގެ ސަފީރުން ސަރުކާރާ މަޝްވަރާ ކުރެއްވުމަށް ރާއްޖެ ވަޑައިގަތުމުން ބައްދަލު ނުކުރެއްވިކަން ޝާހިދު ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ނުތަނަވަސް ވެފައިވާ އިރު، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް މި މަހު ހަތް ވަނަ ދުވަހު ރާއްޖެ ވަޑައިގެން އީޔޫ ވަފުދުގެ ބޭފުޅުން ވިދާޅުވެފައިވަނީ އެ ބޭފުޅުންނާއި ސަރުކާރުގެ ވެރިން ބައްދަލު ނުކުރެއްވި ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ އެ ވަފުދު ފުރައިގެން ދިޔައީ، ދިވެހި ސަރުކާރުގެ ވަޒީރުން އެ ބޭފުޅުންނާ ބައްދަލުކުރައްވަން ވަގުތު ދެއްވާފައި ވަނިކޮށް ކަމަށެވެ.
ޝާހިދު ވިދާޅުވީ އީޔޫގެ އިންޒާރާ ގުޅޭ ގޮތުން އެމެރިކާ އަދި އަވައްޓެރި ގައުމުތަކުން އަމަލު ކުރައްވާނެ ކަމުގެ ފެހި ސިގްނަލް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ބޮޑެތި ބޭންކްތަކުން ރާއްޖެ އަށް އިންވެސްޓް ކުރުން ހުއްޓާލަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުން ނުވާ ކަމަށް އަންގާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެޗްއެސްބީސީ އާއި ޝެންހާއީ ބޭންކުން ރާއްޖެ އަށް އޮތް އެކްސްޕޯޝާގެ 50 ޕަސެންޓް ކަނޑާލުމަށް ނިންމާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މިހާރު ރާއްޖެ އޮތް ހާލަތުން ޓޫރިސްޓުން ނައުމާއި ރާއްޖޭގެ އިގްތިސާދަށް ލިބެމުންދާ ގެއްލުންތަކުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް ޔާމީން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އީޔޫ އިން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ސަރުކާރާއި ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަމުން އަންނަނީ އީޔޫގެ ގޮވާލުންތަކަށް ތާއީދު ކުރައްވާ ކަމަށާއި އެ ޖަމާއަތުން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ފުރިހަމަ އަށް އެބައޮތް ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވައި، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ސަރުކާރާއި ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން އެފަދަ ބަޔާންތައް ތަރުޖަމާ ކުރަނީ އާންމުކޮށް ދިވެހިން ވިސްނާ އުސޫލުން ނޫން ކަމަށެވެ. އެކަންކަމުގެ ސަބަބުން ސަރުކާރާއެކު މަސައްކަތް ކުރަން ދަތިވާ ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ.