27 ފެބުރުއަރީ 2018 - 17:03

ދިމިޝްގު (ފެބްރުއަރީ 27) - ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައި އޮންނަ އިރުމަތީ ޣޫތާ އަށް ދޭ ވައިގެ ހަމަލާތައް ދުވާލަކު ފަސް ގަޑިއިރަށް ހުއްޓާލަން ނިންމައިފި އެވެ.
ސީރިއާ ސަރުކާރަށް ވާގިވެރިޔާ ރަޝިޔާ އިން މި ގޮތަށް ނިންމާފައި ވަނީ އިރުމަތީ ޣޫތާގައި ތިބި އާއްމުން އެ ސިޓީ ދޫކޮށްދިއުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އިރުމަތީ ޣޫތާގައި އާއްމުންގެ 390،000 މީހުން މިހާރު ވެސް އެބަތިބި ކަމަށްވެ އެވެ. ހަމަލާތައް ހުއްޓާލާފައި އޮންނަ ވަގުތުތަކުގައި އިރުމަތީ ޣޫތާގެ އާއްމުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމެއް އަދި ނޭނގެ އެވެ.
ރަޝިޔާ އިން ބުނެފައި ވަނީ ކޮންމެ ދުވަހަކު ވެސް ހަމަލާތައް ހުއްޓާލާނީ ހެނދުނު 9 އިން ފެށިގެން މެންދުރު ފަހު 2 އަށް ކަމަށެވެ. އެ ވަގުތުތަކުގައި އިރުމަތީ ޣޫތާގެ އާއްމުންނާއި ބަލި މީހުން އެ ސިޓީ ދޫކޮށް ދިއުމަށް ބަސްތަކާއި އެމްބިއުލެންސް ހަމަޖައްސާނެ ކަމަށް ސީރިއާގެ ރެޑް ކްރެސެންޓުން ބުނެފައިވެ އެވެ.
އިރުމަތީ ޣޫތާ އަށް ދޭ ވައިގެ ހަމަލާތައް 30 ދުވަހަށް ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ހޮނިހިރު ދުވަހު ގަރާރެއް ފާސްކުރި ނަމަވެސް ވައިގެ ހަމަލާތައް ހުއްޓާލައިފައެއް ނުވެ އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައި ވަނީ ވޭތުވެދިޔަ ނުވަ ދުވަހު އިރުމަތީ ޣޫތާ އަށް ދިން ވައިގެ ހަމަލާތަކުގައި އާއްމުންގެ 568 މީހުން މަރުވެފައިވާ ކަމަށެވެ.