28 ފެބުރުއަރީ 2018 - 08:20

މިދިޔަ އަހަރު ނެރުނު އަލްބަމް "ޑިވައިޑް" އާ އެކު، އަހަރުގެ އެންމެ ކާމިޔާބު ލަވަކިޔުންތެރިޔައަކީ އެޑް ޝީރަން ކަމަށް ބައިނަލްއަގްވާމީ މިއުޒިކް އިންޑަސްޓްރީގެ ވިޔަފާރި ބަލަހައްޓާ ޖަމިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ދަ ފޮޓޯގްރަފިކް އިންޑަސްޓްރީ (އައިއެފްޕީއައި) އިން ބުނެފި އެވެ.
އައިއެފްޕީއައި އިން ބުނީ ޝީރަންގެ މިދިޔަ އަހަރުގެ ކާމިޔާބީތަކަށް ބަލާއިރު، އެންމެ ފަހުގެ އަލްބަމްގެ ލަވަތަކުގެ ތެރެއިން "ޝޭޕް އޮފް ޔޫ"، ކާސްލް އޮން ދަ ހިލް" އަދި "ޕާފެކްޓް" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ހިނގި ލަވަތައް ކަމަށެވެ. އެގޮތުން "ޑިވައިޑް" އެންމެ ގިނައިން ވިކުނު އަލްބަމަށް ވެގެން ދިޔައި އިރު "ޝޭޕް އޮފް ޔޫ" އަކީ އަހަރުގެ އެންމެ ހިނގި ލަވަ އެވެ.
އެ ދެ މަގާމާ އެކު ޝީރަންވެފައި ވަނީ އެއް އަހަރެއްގައި ރިކޯޑިން އާޓިސްޓް އޮފް ދި އިޔާ އާއި ސިިންގަލް އޮފް ދި އިޔާގެ މަގާމު ހޯދި ފުރަތަމަ ފަންނާނަށް ވެސް މެ އެވެ. އަނެއްކޮޅު އޭނާއަކީ ފަސް ވަނަ އަށް އައިއެފްޕީއައި ގްލޯބަލް ރެކޯޑިން އާޓިސްޓް އޮފް ދި އިޔާ ހާސިލް ކުރި ފަންނާނު ވެސް މެ އެވެ.
ކުރިން އެ މަގާމު ހޯދި ފަރާތްތަކުގެ ތެރޭގައި ޑްރޭކް (2016)، އެޑެލް (2015)، ޓޭލާ ސްވިފްޓް (2014) އަދި ވަން ޑިރެކްޝަން (2013) ހިމެނެ އެވެ.
މި އަހަރު ބޭއްވި 60 ވަނަ ގްރެމީ އެވޯޑްސްގައި ވެސް ޝީރަންގެ "ޑިވައިޑް" ބެސްޓް ޕޮޕް ވޯކަލް އަލްބަމަކަށް ހޮވުނު އިރު، ބެސްޓް ޕޮޕް ސޯލޯ ޕަފޯންސަކަށް ހޮވުނީ "ޝޭޕް އޮފް ޔޫ" އެވެ.
އައިއެފްއެފްއައި އިން 2017 ގެ އެންމެ ކާމިޔާބު އާޓިސްޓުން ހިމަނައިގެން ނެރުނު ލިސްޓް ބަލާ އިރު، ދެވަނާގައި އޮތީ ޑްރޭކެވެ. ތިން ވަނާގައި އޮތީ މިދިޔަ އަހަރު "ރެޕިއުޓޭޝަން" ނެރުނު ޓޭލާ އެވެ.
ލިސްޓްގެ އިތުރު މަގާމުތަކަށް ބަލާ އިރު ހަތަރު ވަނާގައި ކެންޑްރިކް ލަމާ (ޑެމްން) އޮތް އިރު، ފަސް ވަނާގައި އޮތީ އެމިނެމް (ރިވައިވަލް) އެވެ. ހަ ވަނާގައި މި އަހަރު ހަ ގްރެމީ ހާސިލް ކުރި ބްރުނޯ މާސް (24 ކޭ މެޖިކް) އޮތް އިރު، ހަތް ވަނާގައި އޮތީ ދަ ވީކެންޑް ވެ.
އަށް ވަނަ އިން ރޮކް ބޭންޑް އިމޭޖިން ޑްރަގަންސް (އިވޯލްވް) ޖާގަ ހޯދި އިރު، ނުވަ ވަނާގައި ލިންކިން ޕާކް (ވަން މޯ ލައިޓް) އަދި 10 ވަނާގައި އޮތީ ދަ ޗެއިންސްމޯކާޒް (މެމޮރީޒް...ޑޫ ނޮޓް އޯޕަން) އެވެ.