17 ޖުލައި 2016 - 07:27

ވިދްޔާ ބާލަން މިހާރު ކުޅެމުންދާ "ބޭގަމް ޖާން"ގެ ޝޫޓިންގައި އުޅެނިކޮށް އޭނާ އަނބުރައިގަނެގެން ވެއްޓި ޝޫޓިން މެދުކަނޑާލަން ޖެހިއްޖެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ. ވިދްޔާ ނޫނަސް މި ފިލްމުގައި ސައިޑް ރޯލެއް އަދާކުރާ ރަވީޒާ ޗައުހާން ވެސް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނެވެ.
ފިލްމު ޝޫޓިންގައި ބައިވެރިވާ މީހަކު ބުނެފައިވާ ގޮތުގައި ވިދްޔާ ބަލިވިއިރު އެމީހުން ނަގަމުންދިޔައީ ވަރަށް ވަރުގަދައަށް ތަޅާފޮޅާ މަންޒަރެކެވެ. ބަޑިޖަހާ މި މަންޒަރުގައި ވިދްޔާ އަށް ވެސް ބަޑި ޖަހަން ވެސް ޖެހެ އެވެ. ވިދްޔާ ބަލިވީ އެ ދުވަހުގެ ވަރަށް ގިނަ ވަގުތު ޝޫޓިންގައި ހޭދަކޮށް ވަރުބަލިވެގެން ކަމަށް ބެލެވެ އެވެ. އަދި އިރުކޮޅަކު އަރާމުކުރުމަށް ފަހު މަންޒަރު ފުރިހަމަކުރި ކަމަށްވެ އެވެ.
ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ޝްރިޖިތު މުކަރުޖީ ބުނަނީ ވިދްޔާ ބަލި ނުވާ ކަމަށެވެ. ވިދްޔާ ބަލިވި ކަމަށް ބުނާ ދުވަހު އެމީހުން ނަގަމުންދިޔަ އެކްޝަން މަންޒަރުތަކުގައި ގެންގުޅުނީ ކުޅޭ ބަޑި ކަމަށާއި ނަމަވެސް އަސްލު ގޮތް ދައްކަން ޝޫޓިންގައި ބޭނުންކުރި ގަން ޕައުޑަރުގެ ވަސް ޖެހުމުން ވިދްޔާ ބޯއަނބުރަން ފެށީ ކަމަށް މުކަރުޖީ ބުނެފައިވެ އެވެ.
ޑައިރެކްޓަރު ބުނީ އެމީހުން ޝޫޓިން ކުރިއަށް ގެންދާއިރު އިމަޖެންސީއެއް ދިމާވެދާނެތީ ޑޮކްޓަރަކާއި އެމްބިއުލެންސް ވެސް 24 ގަޑިއިރު ތައްޔާރުގައި ބަހައްޓާ ކަމަށެވެ. ވިދްޔާ އަށް ވެސް ޑޮކްޓަރު ފަރުވާ ދިނުމުން އިރުކޮޅެއް ތެރޭ ރަނގަޅުވި ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.
ވިދްޔާ ބަލިވި ދުވަހު މި ޝޫޓިންގައި ހިނގި އެކްސިޑެންޓެއްގައި އެސިސްޓެންޓް ކެމެރާމަނެއްގެ މޫނު ވެސް ވަރަށް ބޮޑަށް ފިހުނެވެ. އެމީހާ ފިހުނީ ލަކުޑިބުރިތަކެއްގައި އަލިފާން ރޯކޮށްގެން ތަނަކަށް އުކާ މަންޒަރު ނަގަމުންދަނިކޮށް އެއްލި ލަކުޑިބުރިއެއް އައިސް އެމީހާގެ ގައިގައި ޖެހިގެންނެވެ. އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ޑައިރެކްޓަރު ބުނެފައިވެ އެވެ.