28 ފެބުރުއަރީ 2018 - 06:20

އާދިއްތަ ދުވަހާ ގުޅޭ
އަހަރެން ދެކޮޅެއް ނަހަދަމެވެ. ސުވާލެއް ވެސް ނުކުރަމެވެ. ތެދަށް ބުނަން ހުމޭރަށް ނުކެރޭނެތީއެވެ.
"ޖޮބު އެކޮޅުގަ އޮތީމަ މިކޮޅަކު ނުހުރެވޭނެއްނު!" ދޮގެއް ނަހަދައެއް ހުމޭރަކަށް ނުހުރެވުނެވެ.
މާލެއައިތާ ދެތިން ގަޑިއިރު ތެރޭގައި ހުމޭރު ރަށަށް ފުރިއެވެ. އަހަރެން ހިތަށްއެރިއެވެ. އަލުން އަހަރެން ރަށަށް ގެންދަންޖެހޭނީ ހޭނައްތައިފައެވެ. އެ ގޯހެއް ދެނެއް އަހަރެން ނަހަދާނަމެވެ. އަހަރެން ހުރީ ކުރިން ވެސް އަހަރެން ހުރި ކޮޓަރީގައެވެ. އެ ވަރަކުން ވެސް ބައްޕައަކަށް ނުފުދުނެވެ. ދަރިފުޅު ވިހަންވާއިރަށް ކޮޓަރިއެއް ހެދުމުގެ މަސައްކަތް ފެށިއެވެ. ހުމޭރު ގެންނަން ވެސް ބައްޕަ ބޭނުމެވެ. އަހަރެން ބޭނުން ނޫންކަމެއް ބައްޕައަކަށް ނޭނގެއެވެ. ވާނީ ވެސް އެހެންނެވެ. ހުމޭރާ ކައިވެނިކޮށްގެން އަހަރެން ދިޔައީ އެހެން ހުރިހައި މީހުން ދިން ނަސޭހަތް ބޮލާލައިޖަހައިފައެވެ. އަހަރެން އޭރު ނިންމީ މޮޔަ ނިންމުމެކެވެ. ހަމަބުއްދި ލިބުނީ ފަހުންނެވެ. އަހަރެން ބޭނުން ސޫރަޔަކަށް މޫނެއް ކުރެހިދާނެއެވެ. އެ މޫނާ ވައްތަރު މޫނެއް ވެސް ފެނިދާނެއެވެ. އެކަމަކު އެ މީހާގެ މިޒާޖުގައި އަހަރެން ބޭނުންވާ ސިފަތައް ނުހުރެދާނެއެވެ.
އަހަންނަށް ނުލިބިގެން އުޅުނު ހުރިހާ އެއްޗެއް ބައްޕަ ގެނެސް ގޭގައި އަތުރައިލިއެވެ. ތަރުކާރީއާއި، މޭވާއާއި، ޗޮކުލެޓާއި، ޕިއްޒާއެވެ. ގަންނަން ދަނީ ބައްޕައެވެ. އެހެން މީހަކާ އެ ކަން ހަވާލު ކުރާކަށް ވެސް ބައްޕަ ހިތްހަމައެއްނުޖެހެއެވެ. ލޯތްބާއި، ކުލުނާއި، އޯގާތެރިކަން ނޫން އެއްޗެއް އަހަރެންގެ މައިންބަފައިން ނުދައްކައެވެ. މާޒީ ހަނދާނެއް ނުކޮށްދެއެވެ. ރަށުގައި އުޅުނު ގޮތެއް ނާހައެވެ. އެއީ ނުވާ ކަމަކަށް ހަދަން އެ މީހުން ބޭނުންވާ ކަހަލައެވެ. އަހަރެން ހޭލައިފިއްޔާ ބައްޕަ ނުވަތަ މަންމަ ކޮޓަރީގައި އިނދެއެވެ. އަހަރެންގެ ދަރިފުޅަށް ކިޔާނެ ނަމަކާއި، ހުންނާނެ ސިފަޔަކާއި، ޖިންސާ ބެހޭގޮތުން ވާހަކަދެއްކިއެވެ. އަހަންނަށް ކާންދެނީ ބައްޕަގެ އަތުންނެވެ. އޭރު މަންމަ އިންނާނީ މޭވާ ތަށްޓެއް ހިފައިގެން މަންމަގެ ފުރުޞަތަށް އިންތިޒާރުކޮށްގެންނެވެ. ލޯތްބަކީ ކޮބައިކަން އަހަންނަށް އިހުސާސްކުރެވުނީ އެ ވަގުތުއެވެ. އުފަލުން އަހަރެން ފެންކަޅިވިއެވެ. އެ ފަދަ ބައެއްގެ ލޯބީގައި ކޮޅުފައިން ޖަހައިފައި ގެއިން ނުކުމެގެން ދާން އަހަންނަށް ކެރުނީ ކިހިނެއް ހެއްޔެވެ؟ ލޯބި އެހާ ކަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ކިހާ މޮޔަ ހެއްޔެވެ؟
ވަރަށް ރީތި ކޮޓަރިއެއް ހަދައި އަހަރެން ބޭނުންވި ހުރިހައި ފަރުނީޗަރުތައް ގެނެސް އަތުރައިލިއެވެ. ހީވަނީ ކުޑަކުޑަ ގަނޑުވަރެއް ހެންނެވެ. ތަކުރާރުކޮށް އަހަރެންގެ ހިތް ބުނަމުންދިޔައެވެ. ދެނެއް އަހަރެން ހުމޭރުގެ ރަށަކަށް ނުދާނަމެވެ. ދާން ހިތަށް ވެސް ނާރުވާނަމެވެ. ހުމޭރު ބޭނުމިއްޔާ އަހަރެންގެ ގޭގައި ހުރުމަކަށް ހުރަހެއް ނެތެވެ. އެކަމަކު އަހަންނެއް ދެނެއް ނުގެންދެވޭނެއެވެ. އެނދުގައި ހަމަޖެހިލައިގެން އޮވެ އަހަރެން ވިސްނައިލީމެވެ. މާޒީއާއި މުސްތަޤުބަލަށް އެނބުރި ބަލައިލީމެވެ. އެ ހިނދު ހިތުގައި ވަރުގަދަ ސުވާލެއް އުފެދުނެވެ. ހުމޭރުގެ ކިބައިގައި ހުރީ އަހަންނަށް ކަމުދާ ކޮންކޮން ސިފަތަކެއް ހެއްޔެވެ؟ އޭނަޔާ އަހަންނާ ގުޅޭ ހެއްޔެވެ؟ ވިސްނާވިސްނާ ވެސް ގަޔާވާ ހަމަ އެންމެ ސިފައެއް ވެސް އަހަންނަކަށް ނުވިސްނުނެވެ. އެ ރަށުގައި އަހަރެން އުންމީދުކުރި ކަހަލަ ރީތި ގޮނޑުދޮށެއް ވެސް ނެތެވެ. ރީތި މޫދެއް ވެސް ނެތެވެ. ހުމޭރުގެ ގެ ވެސް ހުރީ އަހަރެން ހިތަށްއެރިހާ ހުވަފެނީ ގޮތަކަށް ނޫނެވެ. ނުވާތާކަށް ގޭތެރެ އެހާ މުޑުދާރެވެ. ގިނަ ވަގުތު ކަރަންޓެއް ނުހުރެއެވެ. ވިސްނާ ވަރަކަށް އަހަރެންގެ ރުޅި ގަދަވިއެވެ. ނުރުހުންވުމުން އައިބު ނޫން އެއްޗެއް އަހަންނަކަށް ނުފެނުނެވެ. ހީވީ އަހަރެންގެ ލޮލުގައި އަޅައިގެން އުޅުނު ހުވަފެނީ އައިނު ލޮލުން ނެގިހެންނެވެ. ޙަޤީޤަތް އަހަރެން ކުރިމަތީގައި ހާމަވެގެންދިޔައީ އިސްޓޭޖެއްގައި ދަމައިފައިހުރި ފަރުދާއެއް ކަހައިލުމުން އޭގެ ބިއްދޮށް ފެންނަ ފަދައިންނެވެ. ހުމޭރަކީ އަހަންނަށް ހެޔޮ މީހެއް ނޫނެވެ. ރުޅި އެހާ ގަދައެވެ. ހުމޭރުގެ އަންހެންކޮއްކޮއާއި އަހަންނާ ދެމެދުގައި ދެބަސްވުން އުފެދޭ ކޮންމެ ފަހަރަކު ހުމޭރު ނަގަނީ ކޮއްކޮގެ ފަޅިއެވެ. ދިފާޢުކުރަނީ ވެސް ކޮއްކޮއެވެ. ހަމަ އެންމެ ފަހަރަކު ވެސް އެ ނޫން ގޮތަކަށް ކަންތައް ކޮށްފައެއް ނެތެވެ. އެއީ ލޯތްބެއް ނޫނެވެ.
ޢާއިލާގެ އެންމެން އަހަރެން ބަލައިގަނެ، ގެއަށް އަންނަންއުޅޭ މެހުމާނަށް ހިތްތަކުން ޖާގަ ހުސްކުރިއެވެ. ހުމޭރު ފޯނު ކުރެއެވެ. އަހަރެން ވާހަކަދައްކަމެވެ. އެކަމަކު، ކުރިން އަހަރެން ބޭނުންކުރި ފަށުވި ލަފުޒުތަކާއި، ރޭނދާއެޅި ޖުމުލަތައް ބަސްކޮށާރުން ގެއްލިއްޖެއެވެ. އަހަރެން ބަލަނީ ވީހާ ވެސް ކުރުކޮށް ވާހަކަދައްކައިފައި ފޯނު ބޭއްވޭތޯއެވެ. ހުމޭރު ޝަކުވާއެއް ނުކުރެއެވެ. އެހެންނަމަވެސް އަހަންނަށް ކަށަވަރެވެ. އޭނައަށް ނުވިސްނިއެއް ނުދާނެއެވެ. އަހަންނަށް އައި ބޮޑު ބަދަލު އޭނައަށް އެނގޭނެއެވެ. އެ ވާހަކަ ނުދައްކައި ހުރެފައި، ލިބުނު ޗުއްޓީއެއްގައި ހުމޭރު މާލެއައެވެ.
"ކޮބާ މިހާރު ދެން ހަމައަކަށްއެޅިއްޖެއްނު! ހިނގާ ރަށަށް ދާން." ހުމޭރު ބުންޏެވެ.
"ނުދާނަން،" އަހަރެން ވަގުތުން ބުނީމެވެ. "ދެން މަށެއް ތި ރަކަށް ނުދާނަން. ތި ރަށުގަ ކޯޗެއް އޮތީ؟ ޕިއްޒާ ވިއްކާ ރެސްޓޯރަންޓުގަނޑެއްހާ ހިސާބު ވެސް ނެތް. ޕާނެއް، މަސްދަޅެއް ނުލިބޭ. ނުވާތާކަށް މީރު ކާއެއްޗެއް ހަދަން އެނގޭ މީހަކު ނެތް. އޭސީއެއް ކޭބަލްޓީވީއެއް ނެތް. ކަލޭމެން އަދިވެސް ތި އުޅެނީ ހަތްދިހައިގެ އަހަރުތަކުގަ."
ހުމޭރު ވަގުތުން ރުޅިއައެވެ. އަހަރެން މީ ޝުކުރުނުކުރާ، ގޮތެއް ނެތް މީހަކަށް ވެއްޖެއެވެ.
"އޭތް! ބުނަން ރަނގަޅު ވާހަކައެއް،" ރުޅިގަނޑު އޮބަހައްޓަމުން މަޑުމަޑުން ހުމޭރު ބުންޏެވެ."ކަލޭ ދިޔައީ ހޮޓަލަކަށް ނޫނީ ރެސްޓޯރަންޓަކަށް ނޫން. ފިރިމީހާގެ ގެއަށް ދިޔައީ. އެ މީހަކަށް މީރު އެއްޗެއް އެ މީހަކު ޖެހޭނީ ހަދަން. ހާދަހާ ހިތްމޮޅޭ ދޯ! މިއޮއް ހުރިހާ ދުވަހު ގޭގަ މަސައްކަތެއް ނުކޮށް މަންމަ ލައްވާ ކައްކައިގެން ކައިފަ، އަންނައުނު ދޮވެ އިސްތިރިކުރުވާފަ ތިހެން ބުނަން ލަދެއްނުގަނޭތަ؟ މައިންބަފައިން ކިހިނެއް ތަރުބިއްޔަތު ދީފަ ތިހިރީ؟"
"އޭ މަގޭ ޕޭރަންޓުންނާ ނުބެހޭ އިނގޭ!" އަހަރެން އިންޒާރުދިނީމެވެ.
"ހަފޫ ވެސް މަގޭ ޕޭރަންޓުންނާ ބެހޭނެކަމެއް ނެތް." އަމުރުވެރި ރާގަކަށް ހުމޭރު ބުންޏެވެ. "ރަށަށް ދާން ތައްޔާރުވޭ!"
"އޭރުން މަ ކިހިނެއް ކިޔަވާނީ؟" އަހަރެން އެހީމެވެ.
"އަޖައިބެއް ނުވާނެ،" ޗޮކެއްކަނޑައިފައި ހުމޭރު ބުންޏެވެ."ކޮން ކިޔެވުމެއްހޭ؟ އަންހެނުންނަކީ ދަރިން ވިހާފަ، ދަރިންނަށް ތަރުބިއްޔަތު ދޭން ގޭގަ ތިބޭ ބަޔެކޭ."
އެ ފަހަރު އަހަންނަކަށް ރުޅިގަނޑު ދިރުވައެއް ނުލެވުނެވެ. އަހަރެން އިނީ އަހަރެންގެ ގޭގައެވެ. އަހަރެންގެ މައިންބަފައިން ގާތުގައެވެ. ޖެހިލުންވާންވީ އެއްވެސް ކަމެއް ނެތެވެ.
"އޭ ބުނަން ރަނގަޅު ވާހަކައެއް،" އެންމެ ތަންކޮޅެއް ވެސް އަހަރެން ދޫނުކުރަމެވެ."އަހަންނަކީ ދަރިބަލަން ގޭގަ އިންނަ ފާޑުގެ މީހެއް ނޫން އިނގޭ. ހުމޭރު ހީކުރީތަ ފައިގަ ވާޖަހައިފަ އިންނަ ކުކުޅެއްހެން އަހަރެން ގޭގަ އިންނާނެކަމަށް؟ ހަނދާންނައްތާލާ! ހުމޭރާ އިނަސް އަހަރެން ވިސްނައިގެން ހުރީ ފަހުން ކިޔަވަން ދާން. ކައިވެންޏަކީ ކިޔަވާކިޔަވާ ވަރުބަލިވެގެން މަ ނެގި ކުޑަކުޑަ ބްރޭކެއް. އެކަމަކު ފަހުން ވީގޮތަކީ..."
"މަގޭ އަތުގަ ލާރި ނެތީ،" ހުމޭރު ބުންޏެވެ."އަހަރެން ނިކަމެތީ. އެހެން ބުނާކަށްނު ތި އުޅެނީ. ދަނޑިވަޅެއް ލިބޭއިރަށް ހަފޫ އުޅޭނެ މަ ކަޑަކޮށްލަން."
"ބަލަ އެ މީހެއްގެ ހުރި ފެންވަރެއްގެ ވާހަކަދެއްކުމަކީ ކަޑަކުރުންތަ؟" އަހަރެން ސުވާލުކުރީމެވެ."ނުދެނަހުރިން. ހުމޭރަށް ގިނަ ލާރި ނުލިބެންޏާ އެ ކަމާ މަ ކީއްތަ ކުރާނީ؟ ހުމޭރު ކިޔަވާހިތް ނުވަންޏާ މަ ކީއްތަ ކުރާނީ؟ މަ ދާނަން ކިޔަވަން. ނިކަން މަ ހުއްޓުވަބަލަ!"
އަހަރުމެން ދެ މީހުން އެއްތަން ވެއްޖެއްޔާ މަޝްވަރާއެއް ނުކުރެވެއެވެ. ކުރެވެނީ ޒުވާބެވެ. ކޮންމެ މީހަކު ވެސް ބަލަނީ އަނެކަކުގެ ބޮލުގައި ތުހުމަތުއެޅުވޭތޯއެވެ. ޒިންމާނަގައި ގޮތްދޫކުރާނެ އެކަކު ވެސް ނެތެވެ. އެއީ ލޯބީގެ އަވާމެންދުރުން ހޭލެވުނީމައި ވާނޭ ވެސް ގޮތެވެ.
"ތި އުޅެނީ މޮޅަށް ކިޔަވައިގެން އައިސް މަށަށް އަމުރުކުރާކަށްނު. މަ ބޭނުމެއް ނޫން އަނބިދަށުވާކަށް،" ހުމޭރު ބުންޏެވެ. "ނުކެރޭނެ ކިޔަވަން ދާކަށް. ނިކަން ދޭބަލަ!"
"މަ ވެސް ބޭނުމެއް ނޫން ފިރިދަށުވާކަށް،" އަހަރެން އެންމެ ތަންފުކެއް ވެސް ދުލެއް ނުދެމެވެ. "އަހަރެން ހީ ވެސް ނުކުރަން ހުމޭރަކީ ތި ކަހަލަ ކަޓު ހިޔާލުގެ މީހެއްކަމަކަށް. ދެން ހުރޭ ވާގޮތް ބަލަން."
ކުއްޖާ ވިހޭއިރު އަހަރެންގެ ޚިޔާލު އެއްކޮށް ބަދަލުވެއްޖެއެވެ. ލިބުނީ ފިރިހެންކުއްޖެކެވެ. އަހަންނާއި ހުމޭރާ ދެމެދުގައި އޮތް ބީރައްޓެހިކަން، ރައްޓެހިކަމަށް ބަދަލު ނުކުރެވޭ ވަރަށް އޮތީ ބޮޑުވެފައެވެ. ހަޔާތަކީ ލަވައެއް ނޫންކަން އަހަންނަށް އިހުސާސް ކުރެވިއްޖެއެވެ. ލޯތްބަކީ އިރުއަރާ ތަނާއި އޮއްސޭ ތަން ބެލުން އެކަންޏެއް ވެސް ނޫނެވެ. އެ ދެމެދުގައި އެތަކެއް ކަމެއް ހިނގައެވެ. އުނގުގައި ބޯއަޅައިލައިގެން ޅެންބައިތު ކިޔަން އޮއްވައި ހައިހޫނުކަން ދޮރުގައި ޓަކިދިނުމާއެކު ކުޑަދޮރުން ލޯބި ފުންމައިލައިގެން ފިލައެވެ. ފައިސާ ނެތުމުން ހުރިހައި އުފަލަކަށް ހުރަސްއެޅެއެވެ. މައިންބަފައިންނަށް ވުރެ ލޯބިވާ މީހަކު ލިބޭނެކަމަށް ހީކުރުމަކީ އަހަންނަށް ކުރެވުނު ވަރަށް ބޮޑު ކުށްހީއެކެވެ. ހުމޭރާ ކައިވެނިކުރުމަކީ އަހަރެން ކުރެވުނު ކުށެއް ނޫނީ އެހެން ކޯޗެއް ހެއްޔެވެ؟
އަހަރެން ރަށަށް ގެންދަން ހުމޭރު ގަދަފައި ވިއްދައިލިއެވެ. ފިރިމީހާގެ ޙައްޤާއި، ފިރިމީހާގެ އިޚުތިޔާރާއި ދެން ވެސް ހުރި އެ ކަހަލަ ހުރިހައި ކަމެއް ހުމޭރު ހަނދާންވީ ކުއްލިއަކަށެވެ. އަހަރެން ވަރިވާން ކޯޓަށް ސިޓީ ލީމެވެ. ވަރަށް ފަސޭހައިން އެ ކަންތައް ނިމިއްޖެއެވެ. ހުމޭރު ދެން ދިމާކުރީ ދަރިފުޅު އަތުލާށެވެ. އަހަރެން ގެންގުޅޭ ގޮތަށް ހުމޭރަށް ދަރިފުޅު ނުގެންގުޅެވޭނެކަން އެނގިހުރެއެވެ. ހުމޭރުގެ ޙަޤީޤީ ބޭނުމަކީ އަހަރެންނަށް އަދަބު ދިނުމެވެ. އެ ފަހަރު ވެސް ނަސީބު ހިނިތުންވެލީ އަހަންނަށެވެ. ދަރިފުޅު ކުޑަކަމުންނެވެ. އަހަންނަކީ މަންމައަށް ވެފައި، ދަރިފުޅަށް ބޭނުންވާ ހުރިހައި ޚަރަދެއް ކުރަން އަހަރެންގެ ބައްޕަ ތައްޔާރަށް ހުރީމައެވެ. ކޯޓުން އެތައް ކަމަކަށް ބެލިއެވެ. މޮޅުވީ އަހަންނެވެ. ހުމޭރަށް ކުރިމަތިވީ ބޮޑު ނާކާމިޔާބެކެވެ. އެ ހިސާބުން ހުމޭރުގެ ހޭބުއްދި ފިލީއެވެ.
ނުނިމޭ