މޫސާ އަންވަރަށް އިނގިރޭސި ވިލާތުން ހިމާޔަތް ދީފި
މޫސާ އަންވަރަށް އިނގިރޭސި ވިލާތުން ހިމާޔަތް ދީފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެކުވެރިއެއް ކަމަށްވާ މޫސާ އަންވަރަށް އިނގިރޭސި ވިލާތުން ހިމާޔަތްދީ، ސިޔާސީ ރެފިއުޖީއެއްގެ ގޮތުގައި ބަލައިގެންފި އެވެ.

މީގެ ދެ އަހަރު ކުރިން އަދީބު ހައްޔަރު ކުރި ފަހުން އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ މޫސައަށް އެ ގައުމުން ހިމާޔަތް ދީފައިވަނީ މިދިޔަ ހަފުތާގަ އެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި މޫސާ އަންވަރު ސިޔާސީ ދާއިރާއިން އެންމެ ފުރަތަމަ ފެނުނީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގަ އެވެ. އަދި އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރުމަށް ފަހު، އަދީބުގެ އަރިސް މީހެއްގެ ގޮތުގައި ފަހުން ޕީޕީއެމަށް ވަނީ ބަދަލުވެފަ އެވެ.

މޫސަ ބުނިގޮތުގައި އޭނާއަކީ މިހާރު އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެއް ނޫނެވެ. އެހެންވެ، ޕާޓީއަކަށް ނިސްބަތް ނުވާ މީހަކަށް ސިޔާސީ ރެފިއުޖީއެއްގެ ގޮތުގައި ހިމާޔަތް ލިބުމަކީ އަދީބުގެ ފިކުރު އިނގިރޭސި ވިލާތުން ބަލައިގަތުން ކަމަށް އޭނާ ބުންޏެވެ.

"މިކޮޅަށް އައީއްސުރެ އެސައިލަމް ލިބޭތޯ މަސައްކަތް ކުރަމުން މިއައީ. އެކަމަށް އެހާ ގިނަ ދުވަސްވީ ވެސް ޕާޓީއަކަށް ނިސްބަތް ނުވާތީ،" މޫސަ ބުންޏެވެ.

"މި ގައުމުގައި ހިމާޔަތް ލިބުމުގެ އިތުރުން މިހާރު ދެން އަހަރެންނަށް ޓްރެވަލް ޑޮކިއުމެންޓެއްގެ އެހީގައި ރާއްޖެ ނޫން ހުރިހާ ގައުމަކަށް ދަތުރުކުރެވޭނެ،" އޭނާ ބުންޏެވެ.

ސ. ހިތަދޫގައި މޫސަ ދިރިއުޅޭ ގެއަށް މިދިޔަ އަހަރު ބަޔަކު ވަނީ ގެއްލުން ދީ އެ ގޭގެ ދޮރަށް ކަތިވަޅު ޖަހައިފަ އެވެ.

އޭނާ ބުނީ ސިޔާސީ މީހެއްގެ ގޮތުގައި އޭނާ ހިމާޔަތް ހޯދީ، އަދީބުގެ ގާތް މީހުންނަށް ރާއްޖޭން ލިބެމުން އަންނަ އިންޒާރުތަކާއި ކުރާ އެކި ތުހުމަތުތަކުގެ ސަބަބުން އެނބުރި ގައުމަށް އަންނަން ބޭނުން ނުވާތީ އެވެ. އަދި ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމުގެ ބިރު، ސަރުކާރުގެ އިސް ބޭފުޅުން ދައްކާ ކަމަށް ވެސް އޭނާ ތުހުމަތު ކުރި އެވެ.

މޫސަގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަމީން އިބްރާހީމް އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު ސޮބާހް ރަޝީދަށް ވެސް މީގެ ކުރިން އިނގިރޭސިވިލާތުން ވަނީ ހިމާޔަތް ދީފަ އެވެ.

އަދީބާ ގާތްގުޅުމެއް އޮންނަ އަދި އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ވެސް ދިރިއުޅެމުން އަންނަނީ އެ ގައުމުގަ އެވެ.