27 ފެބުރުއަރީ 2018 - 15:06

ރިޔާޒް (ފެބްރުއަރީ 27) - ސައުދީ އަރަބިއާ އިން ސިފައިންގެ ތެރެއަށް އަންހެނުން ވައްދަން ފުރަތަމަ ފަހަރަށް ހުޅުވާލައިފި އެވެ.
ސިފައިންގެ ތެރެއަށް އަންހެނުން ވަނުމަށް ހުޅުވާލަފައި ވަނީ ރިޔާޒް، މައްކާ، އަލް ގާސިމް އަދި މަދީނާ ސަރަހައްދަށެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހާ ހަމައަށެވެ.
ސައުދީ ސިފައިންގެ ތެރެއަށް އަންހެނުން ވެއްދި ނަމަވެސް ކޮމްބެޓް ހަރަކާތްތަކުގައި އެ މީހުން ބައިވެރިއެއް ނުވާނެ އެވެ. އޭގެ ބަދަލުގައި އަންހެނުންނަށް ހަވާލު ކުރާނެ ކަމަށް ބެލެވެނީ ސެކިއުރިޓީ ރޯލްތަކެވެ.
ސިފައިންގެ ތެރެއަށް ވައްދާ އަންހެނުންނަށް 12 ޝަރުތެއް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ސައުދީ އަންހެނަކަށްވުމާއި އުމުރުން 25-35 އަހަރާ ދެމެދުގެ މީހަކަށްވުމާ އަދި ހައި ސްކޫލް ޑިޕްލޮމާއެއް އޮތުން ހިމެނެ އެވެ. އިތުރު ޝަރުތުތަކުގެ ތެރޭގައި ސިފައިންގެ ތެރެއަށް ވައްދާ އަންހެން މީހާގެ ފިރިހެން ބެލެނިވެރިޔާ - އާއްމު ގޮތެއްގައި ފިރިމީހާ، ބައްޕަ، ބޭބެ ނުވަތަ ފިރިހެން ދަރިއަކީ- ސިފައިންގެ ތެރެއަށް ވައްދާ އަންހެން މީހާ ވަޒީފާ އަދާ ކުރާ ޕްރޮވިންސްގައި ދިރިއުޅޭ ބަޔަކަށްވާން ޖެހޭނެ އެވެ.
ސިފައިންގެ ތެރެއަށް އަންހެނުން ވައްދަނީ ސައުދީ އަންހެނުންނަށް މިހާރު ހުޅުވާލަމުންދާ ފުރުސަތުތަކުގެ ތެރޭންނެވެ. މި އަހަރުގެ ޖޫން މަހުން ފެށިގެން ސައުދީ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭއިރު މިދިޔަ މަހުން ފެށިގެން ވަނީ އަންހެނުން ސްޓޭޑިއަމްތަކަށް ގޮސް ކުޅިބެލުމުގެ ހުއްދަ ދީފަ އެވެ.