އެސްޓީއޯގެ އޭޖީއެމް ޖޫން ހަތަރެއްގައި ބާއްވަނީ
އެސްޓީއޯގެ އޭޖީއެމް ޖޫން ހަތަރެއްގައި ބާއްވަނީ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ (އޭޖީއެމް) ގަވާއިދުގައި ބުނާ މުއްދަތަށް ވުރެ ލަހުން، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ގަވާއިދުގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަހަރު ނިމޭތާ ހަތަރު މަސްދުވަހުގެ ތެރޭގައި އެ އަހަރެއްގެ މާލީ ހިސާބު އާއްމު ކުރަން ޖެހެ އެވެ. އެހެންވެ، އެސްޓީއޯ އިން މި މަަސް ނިމުމުގެ ކުރިން ޖަލްސާ ބާއްވަން ޖެހޭނެ އެވެ.

އެސްޓީއޯ އިން ވަނީ އަހަރީ އާއްމު ޖަލްސާ ފަސް ކުރަން ޖެހިފައިވާކަން މިދިޔަ ހަފުތާގައި އިއުލާން ކޮށްފަ އެވެ. އެއީ، އެ ކުންފުނިން ބުނެފައިވާ ގޮތުގައި، ކޮންސޮލިޑޭޓެޑް ފައިނޭންސް ސްޓޭޓްމަންޓް ތައްޔާރު ކުރުމުގައި ދިވާވި ދަތިކަމެއްގެ ސަބަބުންނެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު، މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ފަސް ކުރަން ޖެހުނު އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފަ އެވެ. މި ޖަލްސާ އޮންނާނީ، އޭނާ ވިދާޅުވި ގޮތުގައި، ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ.

"މި ފަހަރު ރެޖިސްޓްރޭޝަން ކުރި އަށް ގެންދަން ނިންމާފައި މި ވަނީ މި މަހު 20 އިން ފެށިގެން. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން 4:00 ހަމަ އަށް ރަޖިސްޓްރީ ކުރެވޭނެ،" އެސްޓީއޯގެ މައި އޮފީހުގައި މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ ވަނީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މިދިޔަ ހަފުތާގައި އާއްމުކޮށްފައިވާ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ލިބުނީ 520 މިލިއަން ރުފިޔާ އެވެ. ދެ ހާސް ސާދަ ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 573 މިލިއަން ރުފިޔާއާ އަޅައިބަލާއިރު މިދިޔަ އަހަރުގެ މިންވަރު ދަށަށް ދިޔަ ސަބަބެއް ކަމަށް ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަނީ މި ދުވަސްވަރު އަހަރީ އާއްމު ޖަލްސާތައް ބާއްވަމުންނެވެ. ސީއެމްޑީއޭގެ ގަވާއިދުގައި ބުނާ މުއްދަތުގައި އަހަރީ ރިޕޯޓު އާއްމު ނުކުރާ އަދި ޖަލްސާ ނުބާއްވާ ކުންފުނިތައް 30،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.