އީރާނާ ދެކޮޅަށް ފާސްކުރަން އުޅުނު ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި
އީރާނާ ދެކޮޅަށް ފާސްކުރަން އުޅުނު ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 27) - އީރާނާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި އެވެ.

ޔަމަނުގެ ހޫތީންނަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކޮށްފައި އޮތް އޮތުމާ ޚިލާފަށް އީރާނުން ހޫތީންނަށް ހަތިޔާރު ދިނުން ކުށްވެރިކޮށް ފާސްކުރަން އުޅުނު ގަރާރާ އެއްކޮޅަށް 11 ގައުމުން ވޯޓު ދިނެވެ. އެހެން ގައުމުތަކުން ވަކި ކޮޅަކަށް ވޯޓެއް ނުދެ އެވެ.

ގަރާރު ހުށަހަޅާފައި ވަނީ އެމެރިކާ، ފްރާންސް އަދި އިނގިރޭސި ވިލާތުންނެވެ. އެމެރިކާ އިން ތަކްރާރުކޮށް ދަނީ އީރާނާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ. އީރާނުގައި އުފައްދާފައިވާ މިސައިލް ހޫތީންނަށް ފޯރުކޮށްދޭ ކަމަށް އެމެރިކާ އިން ބުނެ އެވެ. ސައުދީ އަރަބިއާ އަށް ހަމަލާ ދިނުމުގައި ހޫތީން ބޭނުން ކުރަނީ އީރާނުގައި އުފައްދާފައިވާ މިސައިލް ކަމަށް އެމެރިކާ އިން ބުނެ އެވެ. ގަރާރުގައި ވަނީ ސައުދީ އަށް ޑިސެމްބަރު މަހު ދިން މިސައިލް ހަމަލާތައް ކުށްވެރިކޮށްފަ އެވެ.

ސައުދީ އަރަބިއާ އިން ދަނީ މާޗް 2015 އިން ފެށިގެން ޔަމަނުގެ ހޫތީންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުންނެވެ. ޔަމަނާ ދެކޮޅަށް ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅު އދ. އިން އެޅީ 2015 ވަނަ އަހަރު އެވެ.

ރަޝިޔާގެ ސަފީރު ވިދާޅުވީ ގަރާރު ފާސްވި ނަމަ ޔަމަނަށާއި މުޅި ސަރަހައްދަށް ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.