27 ފެބުރުއަރީ 2018 - 16:08

ވައިބާ ވީޑިއޯ ކޯލަކުން އަންހެނުންނަށް ގުޅައި ބަރަހަނާވާ ފިރިހެނެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުސް އޮފީހުން ބުނީ އެފަދަ ތިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު"އާ ވާހަކަ ދެއްކި ޒުވާން އަންހެނަކު ބުނީ "އަހޫ"ގެ ނަމުގައި ސޭވްކޮށްފައި އޮންނަ ނަމްބަރަކުން ރޭ އޭނާއަށް ގުޅައި، އެ މީހާގެ ޖިންސީ ގުނަވަން ދެއްކި ކަމަށެވެ.
"ގުޅީމައި ފޯނު ނެގީމަ ވީޑިއޯއަށް ލީ. ދެން ފުރަތަމަ ސާފެއް ނޫން. ދެން ދެވަނަ ފަހަރަށް ގުޅާފައި އޭނާގެ ޖިންސީ ގުނަވަން ދައްކަން ފެށީ،" އެ އަންހެން މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފޯނު ކަނޑާލުމުން އެ މީހާ މެސެޖްކުރީ "ދައްކަން" ބޭނުންވާ ކަމަށް ބުނެ އެވެ.
ރާއްޖޭގެ ނަމްބަރަކުން ގުޅި އެ މީހާ ވައިބާގައި ދިވެހިން ވާހަކަ ދައްކާފައިވާތީ ޔަގީންކުރެވެނީ، އަންހެން މީހާ ބުނި ގޮތުގައި، އެއީ ދިވެއްސެއް ކަމަށެވެ.
އެ ވީޑިއޯ ކޯލް ކުރީ ގިނަ އަދަދެއްގެ ބަޔަކު ތިބި ވައިބާ ގުރޫޕަކަށް އަންހެންމީހާ މެސެޖެއް ފޮނުވި ފަހުން ކަމަށްވެ އެވެ. އެހެންކަމުން އެމީހާއަށް ނަންބަރު ލިބުނީ އެ ގްރޫޕްގެ ތެރެއިން ކަމަށް، އަންހެންމީހާ ބުންޏެވެ.
ފުލުހުން މިހާރު އަންނަނީ ޖިންސީ ވާހަކަތަކާ އެކު ދިވެހި ކުޑަކުދިންގެ ފޮޓޯ ހިމެނޭ ފޭސްބުކް ޕޭޖެއްގެ މައްސަލަ ވެސް ބަލަމުންނެވެ. އެކަމަކު އެ މައްސަލައިގެ އެއްވެސް ތަފްސީލެއް މިހާތަނަކަށް މީޑިއާއަށް ހިއްސާކޮށްފައެއް ނުވެ އެވެ.