އާކުގެ ވީޑިއޯއެއް ދުނިޔޭގެ ފެންވަރުގައި ހިމެނިއްޖެ
އާކުގެ ވީޑިއޯއެއް ދުނިޔޭގެ ފެންވަރުގައި ހިމެނިއްޖެ

ކުޑަކުދިން ހޭލުންތެރިކުރަން އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ތައްޔާރުކުރި ވީޑިއޯއެއް ދުނިޔޭގެ ފެންވަރުގައި ހިމެނިއްޖެ އެވެ.

އެ ޖަމިއްޔާގެ "ހީލް" ކެމްޕެއިންގެ ދަށުން ތައްޔާރުކުރި ވީޑިއޯ އަކީ ކުޑަކުދިންގެ ސިއްހަތަށް ފައިދާ އާއި ގެއްލުން ލިބޭ ބުއިންތައް ދެނެގަނެވޭ ގޮތަށް ހަދާފައިވާ ވީޑިއޯއެކެވެ. އޭގައި ކުޑަކުދިން ބޭނުންކޮށްގެން ނުވާނެ ބުއިންތައް، ޓްރެފިކް ލައިޓްގެ ކޮންސެޕްޓަށް ހަދާފައިވާ ވީޑިއޯގައި ފާހަގަކޮށްފައި ވެ އެވެ.

އާކުން ބުނިގޮތުގައި "ހެލްތީ އީޓިން އެންޑް އެކްޓިވް ލައިފްސްޓައިލް ހީލް"ގެ ދަށުން ހެދި ވީޑިއޯ އަށް އޮސްޓްރޭލިއާގެ ރީތިންކް ޝުގަރީ ޑްރިންކްސް ކްރިޓިކްސް ޗޮއިސް އެވޯޑްސް އަށް ވަނީ ހޮވިފަ އެވެ. އަދި ހަކުރު ގިނަ ބުއިންތަކުން ސިއްހަތަށް ލިބޭ ގެއްލުންތައް ފާހަގަކޮށް ދުނިޔޭގެ އެކި ހިސާބުތަކުން ތައްޔާރުކޮށްފައިވާ ވީޑިއޯތަކުގެ ތެރެއިން، އެންމެ މޮޅު ނުވަ ވީޑިއޯ ތެރޭގައި އާކްގެ ވީޑިއޯ ހިމެނިފައި ވެ އެވެ.

އެ ވީޑިއޯތައް އޮސްޓްރޭލިއާގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ދައްކާނެ ކަމަށް ވެސް އާކުން ބުންޏެވެ.

ކްރިޓިކް ޗޮއިސްއަކީ އޮސްޓްރޭލިއާގެ ސިއްހީ ކަންކަމާ ބެހޭ 18 ޖަމިއްޔާއަކުން އިސް ނަގައިގެން ހިންގަމުން ގެންދާ ރީތިންކް ޝުގަރީ ޑްރިންކްސް ކިޔާ ހަރަކާތެކެވެ. އެ ހަރަކާތުގެ އަމާޒަކީ ހަކުރުގެ ބާވަތްތައް ބޭނުންކުރާ ވަރު މަދުކޮށް، ފެން ބުއިމަށް ބާރުުއަޅާ ހަރަކާތެކެވެ.