27 ފެބުރުއަރީ 2018 - 13:17

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް އިދިކޮޅު ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެެރުނު އަމުރުގައި ވަނީ އިންތިޚާބުވާ ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް އެ ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވިޔަސް އެއްވެސް މެމްބަރެއްގެ ގޮނޑި އެ ހުކުމުގެ ދަށުން ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.
އެ އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމަށް ހުށަހެޅީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފަރާތުންނެވެ.
އެ ބޭފުޅުން ތަމްސީލު ކުރައްވާ ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ އެކަމާ ގުޅޭ ހުރިހާ ލިޔުންތަކެއް މިިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައި ކަމަށެވެ. އެކަމަކު ވަކި ޖަވާބެއް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައި އޮތީ ދައުވާ ލިބޭ ފަރާތެއް ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ބާއްވަން ތާވަލް ކުރިޔަސް، އެ އަޑުއެހުން ކެންސަލް ކުރިކަން ސުޕްރީމް ކޯޓުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
އަޑުއެހުން ކެންސަލްކުރީ ދައުލަތުން އެދިގެންނެވެ.