ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ގޮވާލައިފި
ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ގޮވާލައިފި

ޖެނީވާ (ފެބްރުއަރީ 27) - ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި އެދިވަޑައިގެންފި އެވެ.

"ގަތަރުގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހިއުމަން ރައިޓްސް ކައުންސިލާއި އެހެން ވެސް ޖަމާއަތްތަކުން އިސް ނަގައިގެން އުވާލުމަށް ގޮވާލަން،" ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝެއިޚް މުހައްމަދު ގޮވާލެއްވި އެވެ. "މި ގެއްލުމުގެ ޝިކާރައަކަށްވީ މީހުންނަށް ބަދަލުދީ އަދި އެކަން ކުރި މީހުން ޒިންމާ ކުރުވަން ޖެހޭ."

މިދިޔަ އަހަރުގެ ޖޫން މަހު ސައުދީ އަރަބިއާ އާއި ޔޫއޭއީ، މިސްރު އަދި ބަހުރޭނުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އެ ގައުމާ ދެކޮޅަށް ވަނީ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ގަތަރާ ދެކޮޅަށް ފިޔަވަޅުތައް އެޅީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ގަތަރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ހިއުމަން ރައިޓްސް ކައުންސިލުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ގަތަރަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ ހައްގުތަކެއް ގެއްލިގެންދާ ކަމަށެވެ. އެ ރިޕޯޓަށް އިޝާރާތް ކުރައްވާ ޝެއިޚް މުހައްމަދު ވިދާޅުވީ ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅި ގައުމުތައް ހިއުމަން ރައިޓްސް ކައުންސިލްގައި ތިބުމުގެ ހައިސިއްޔަތާ ވެސް ތައާރަޒްވާ ކަމަށެވެ.

ސީރިއާގެ އިރުމަތީ ޣޫތާ އަށް މިހާރު ދޭ ވައިގެ ހަމަލާތައް ހުއްޓާލުމަށް ވެސް ޝެއިޚް މުހައްމަދު ވަނީ ގޮވާލައްވައިފަ އެވެ.