ފޯނާއި ޓެބްލެޓް: ލިޔަން ދަސްކުރަން ހުރަހެއް
ފޯނާއި ޓެބްލެޓް: ލިޔަން ދަސްކުރަން ހުރަހެއް

ޑިޖިޓަލްގެ މި ޒަމާނުގައި މައިންބަފައިންނަށް ވުރެ ދަރިން ފޯނާއި ޓެބްލެޓަށް ފަރިތަވުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ.

މައިންބަފައިން އެކި މަސައްކަތުގައި އުޅޭ ވަގުތު ދަރިން މައިތިރިކޮށްފައި ބައިތިއްބަން ފޯނު ނުވަތަ ޓެބްލެޓް ފަދަ އެއްޗެހި ދީފައި ބައިތިއްބަ އެވެ. އޭރުން ދުވާލު ހަތަރުދަމު ވެސް އެކުދިން އަޑެއް އިއްވާނުލާ ތިބެ އެވެ.

މިިކަމުން ދަރިންގެ ހެދިބޮޑުވުމަށް ވަރަށް ގިނަ ގޮތްގޮތުން ހުރަސްތައް ކުރިމަތިވާކަން ގިނަ މައިންބަފައިންނަކަށް އިހްސާސެއް ވެސް ނުކުރެވެ އެވެ.

އިނގިރޭސި ވިލާތުގެ ޑޮކްޓަރުންގެ ޓީމަކުން ބުނި ގޮތުގައި ފޯނާއި ޓެބްލެޓް ފަދަ އެއްޗެހި ގިނައިރު ކުޅޭ ކުދިންގެ އިނގިލިތަކުގެ މަސްތައް ތަރައްގީވާންޖެހޭ ގޮތަށް ތަރައްގީއެއް ނުވެ އެވެ. މިކަމުގެ ސަބަބުން ކުދިންނަށް ފަންސުރާއި ގަލަމުގައި ރަނގަޅަށް ނުހިފެއްޓޭގޮތް މެދުވެރިވާ ކަމަށްވެ އެވެ.

"ފާއިތުވި 10 ވަރަަކަށް އަހަރުގެ ތެރޭގައި، ސްކޫލަށް އަންނަ ގިނަ ކުދިންގެ އަތުގައި ހުންނަން ޖެހޭ ވަރާއި އެކިއެކި މަސައްކަތްތައް ކުރުމަށް ހުންނަން ޖެހޭ ހުނަރު ނުހުންނަކަން ފާހަގަ ކުރެވޭ،" ޔޫކޭގެ ހާޓް އޮފް އިންގްލެންޑް ފައުންޑޭޝަން އެންއެޗްއެސް ޓްރަސްޓްގެ ޕީޑިއެޓްރިކް ތެރަޕިސްޓް ސެލީ ޕޭން ވިދާޅުވި އެވެ.

"ސްކޫލަށް އަންނަ ކުދިންނަށް ލިޔަން ފަންސުރު ދިނުމުން އޭގައި ރަނގަޅަކަށް ހިފާކަށް ނޭނގޭ. ސަބަބަކީ އެކުދިންގެ ފަންޑަމެންޓަލް މޫވްމަންޓް ސްކިލްސް ނެތީމަ. ފަންސުރުގައި ރަނގަޅަށް ހިފެހެއްޓުމަށް އިނގިލިތަކުގެ މަސްތައް ވަރުގަދަވެ އިނގިލިތަކުގައި ކޮންޓްރޯލް ހުންނަން ޖެހޭ. ކުދިންގެ މި ހުނަރުތައް ތަރައްގީ ވަނީ ވަރަށް ގިނަ ފުރުސަތުތައް ލިބިގެން،" ޕޭން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލްޑިން ބްލޮކްސް ކުޅެން ދިނުން، އެއްޗެހި ކަފަން ހަވާލުކުރުން، އެއްޗެހި ތަތްކުރަން ދިނުމާއި ކުޅޭ އެއްޗެހީގައި ވާ ޖަހައިގެން ދެމުން ފަދަ ކަންކަމަކީ ރަނގަޅު ކަންކަމެވެ.

ބުރޫނާއީ ޔުނިވަސިޓީ ލަންޑަންގެ ރިސާޗް ކްލިނިކްގައި މަސައްކަތް ކުރައްވާ މެލީސާ ޕްރަންޓީއަކީ ކުދިންގެ ލިޔުމުގެ ހުނަރާއި އެހެނިހެން ވެސް ހުނަރުތައް ހުރި މިންވަރު ތަހުލީލުކުރާ ތަޖުރިބާކާރެކެވެ. އޭނާ ވިދާޅުވީ މިޒަމާނުގައި ކުދިންނަށް ލިޔަން ދަސްވަނީ މާ ލަހުން ކަމަށާއި ސަބަބަކީ ޓެކްނޮލޮޖީ މާ ގިނައިން ބޭނުން ކުރުން ކަމަށެވެ.