ބްރެޒިލުން ފިރްމީނޯގެ ބޭނުން ހިފާނެ: ޓީޓޭ
ބްރެޒިލުން ފިރްމީނޯގެ ބޭނުން ހިފާނެ: ޓީޓޭ

ލަންޑަން (ފެބްރުއަރީ 27) - ލިވަޕޫލަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯގެ ބޭނުން ވޯލްޑް ކަޕްގައި ހިފާނެ ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ޔާގެން ކްލޮޕް ހަވާލުވި ފަހުން އެ ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔަކީ ފިރްމީނޯ އެވެ. މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ފިރްމީނޯ ވަނީ 22 ލަނޑު ޖަހައިފަ އެވެ.

ޓީޓޭ ބުނީ ވޯލްޑް ކަޕްގައި ބްރެޒިލާ ދެކޮޅަށް ތަފާތު ރޭވުންތަކަކާ އެކު ޓީމުތަކުން ނުކުންނާނެ ކަމަށް ބެލެވޭއިރު، ފިރްމީނޯގެ މުހިއްމުކަން ބޮޑު ކަމަށެވެ.

"ފިރްމީނޯ އަކީ އަސްލު ނަމްބަ 10 އެއް. ފޯވާޑް ފަހަތުން ކުޅޭ ކުޅުންތެރިޔެއް. އެކަމަކު މިހާރު އޭނާ އަކީ ނަމްބަ 9 އެއް. ސީދާ ޓޮޕް ފޯވާޑަަކަށް ވެސް އޭނާ ތަފާތު އެބަދައްކާ. އޭގެ ބޭނުން އަހަރެން ހިފާނަން،" ޓީޓޭ ބުންޏެވެ.

އޭނާ ބުނީ ބްރެޒިލަށް ފާއިތުވި މުބާރާތްތަކުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެއް ޓެކްޓިކްސްތަކަކަށް ކުޅުންތެރިން ހާނުވާފައި ތިބުން ކަމަށެވެ.

"އެންމެ ފަހުން ކުޅުނު މުބާރާތްތަކުގައި އަހަންނަށް ފެނުނީ ވަރަށް ޑިފެންސިވްކޮށް ކުޅޭ ޓީމުތަކާ ދެކޮޅަށް ކުޅެން ބްރެޒިލަށް އުނދަގޫވިތަން. އެކަމަކު މިހާރު ނޭމާ އާއި ކުޓީނިއޯ ފަދަ ކުޅުންތެރިންނާ ތަފާތު ސްޓައިލަކަށް ކުޅޭ އެޓޭކިން ކުޅުންތެރިން އެބަތިބި. މިސާލަކަށް ފިރްމީނޯ އަކީ އެ ފަދަ ކުޅުންތެރިޔެއް،" ޓީޓޭ ބުންޏެވެ.

ޖޫން މަހުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް އޮތީ ސްވިޒަލެންޑާއި ކޮސްޓަ ރިކާ އަދި ސާބިއާއާ އެއް ގްރޫޕެއްގަ އެވެ.