ހަކުރުބަލީގެ މީހުންނަށް ޚާއްސަ ސްމާޓް ލެންސެއް
ހަކުރުބަލީގެ މީހުންނަށް ޚާއްސަ ސްމާޓް ލެންސެއް

ހަކުރުބަލި ހުންނަ މީހުންގެ ލޮލުގައި ހުންނަ ކަރުނައިން، ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު މޮނިޓާ ކުރެވޭ ސްމާޓް ކޮންޓެކްޓް ލެންސެއް ސައިންސްވެރިން އީޖާދުކޮށްފި އެވެ. މި އާ އީޖާދުގެ ސަބަބުން ހަކުރު ޓެސްޓްކުރަން ކޮންމެ ފަހަރަކު އިނގިއްޔަށް ކަށި ހަރަން ނުޖެހި ސަލާމަތް ވާނެ އެވެ.

ހަކުރުބަލި ހުންނަ މީހުންނަށް ލޭގައި ހަކުރު ހުންނަ މިންވަރު މޮނިޓާކޮށް ކޮންޓްރޯލްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ލޭގައި ހަކުރު ހުންނަ މިންވަރު މާ އިތުރުވެފައި، ގިނަ ދުވަހު ހުންނަން ވެއްޖެ ނަމަ ސިއްހީ އިތުރު މައްސަލަތައް ދިމާވާނެތީ އެވެ.

ލޭގައި ހަކުރު ހުރި މިންވަރު ޓެސްޓްކުރުމަށް މިހާރު އެންމެ އާންމުކޮށް ބޭނުންކުރަނީ އެންޒައިމެއް ބޭނުންކޮށްގެން އުފައްދާފައިވާ ޓެސްޓެކެވެ. މި ޓެސްޓް ކުރާ ކޮންމެ ފަހަރަކު އިނގިލިކުރިއަށް ހިމަ ކައްޓެއް ހަރާލަން ޖެހެ އެވެ. މިގޮތަށް ޓެސްޓްކޮށްގެން ހަކުރުބަލީގެ މީހުންނަށް ބަލި މޮނިޓާކޮށް ކޮންޓްރޯލްކޮށްގެން އުޅެވެ އެވެ.

މިފަހަރު މި އުފެއްދި ސްމާޓް ލެންސް ޑިވެލޮޕްކޮށްފައިވަނީ އުލްސާން ނެޝަނަލް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ޔޫއެންއައިއެސްޓީ) އިންނެވެ. މި ލެންސް ލައްވާލުމުން، ލޮލުގައި ހުންނަ ކަރުނަ އިން ހަކުރު ހުރި މިންވަރު ދެނެގަނެވޭނެ އެވެ.

މި ޑިވައިސް އަދި އިންސާނުންގެ ހަށިގަނޑުގައި ޓެސްޓެއް ނުކުރެ އެވެ. ނަމަވެސް ސައިންސްވެރިން އުންމީދުކުރަނީ މީގެ ސަބަބުން ހަކުރުބަލީގެ މީހުންނަށް އެއްވެސް ތަދެއް އިހްސާސް ނުކުރެވި ހަމައެކަނި ލޮލުގެ އެސްފިޔަ ޖަހާލައިގެން ހަކުރު ޓެސްޓްކުރެވޭނެ ކަމަށެވެ.

މި ޓެސްޓް މިހާތަނަށް ކޮށްފައިވާ މުސަޅުގެ އެވެ. ބާޒާރާ ހަމައަށް އަންނާނީ އިންސާނުންގެ ހަށިގަނޑުގައި ޓެސްޓްކޮށް ނަތީޖާ ރަނގަޅު ނަމަ އެވެ.