01 މާޗް 2018 - 06:24

އެމެރިކާގައި ވާވޭ ފޯނުތައް ވިއްކުން މަނާކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސަރުކާރު ސްޕޮންސާކުރަނީ އެވެ. ވާވޭ ފޯނުތައް ވެފައި ވަނީ އެމެރިކާ އަށް، ގައުމީ ނުރައްކަލަކަށެވެ. ޖާސޫސްކުރުން، ހެކްކުރުން އަދި އިންޓަނެޓަށް ޖަރާސީމު އެޅުން ނޫން ކަމެއް، ޗައިނާ އަށް އުފަން ވާވޭ ފޯނުތައް ނުކުރެ އެވެ. ވާވޭ ފޯނުތަކާ މެދު އެމެރިކާގައި އުފެދިފައި އޮތީ ބިރުވެރިކަމެވެ. އެކަމަކު، މި ނޫން އެހެން ކަމެއް، ބަލައިލަން ވަކިން ރީތި، އެ އަށް ވުރެ ބާރުގަދަ ފޯނުތަކުން ނުކުރެވެނީ ހެއްޔެވެ؟
މިއީ ވާވޭ މޭޓް 10 ޕްރޮ އެވެ. އެ އަށް ލިބިގެންވާ "އާޓިފިޝަލް އިންޓެލިޖެންސް"ގެ ބޭނުންހިފައި، ސްޕޯޓްސް ކާރެއް ދުއްވައިފި އެވެ. ފިސާރި ދެތެކެވެ. ފޯނުގެ ކެމެރާ އެހައި ވެސް ބާރުގަދަ އެވެ.
ސްމާޓްފޯނަކުން ސްޕޯޓްސް ކާރެއްގެ ހުންގާނުހިފުމަކީ އަދި ބަޔަކު ކުރި ކަމެއް ނޫނެވެ. ސްޕެއިންގެ ބާސެލޯނާގައި ހިނގަމުންދާ، ވޯލްޑް މޮބައި ކޮންގްރެސް 2018 ގައި، ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް ވަނީ މި ލަނޑުދަނޑި ހާސިކުކޮށްފަ އެވެ. ކާރު ދާ މަގުމަތީގައި ހުރި ނަމަ ހުރި ހުރަހަކުން ރެކެމުން ސްޕޯޓްސް ކާރެއް ވަނީ ދުއްވާފަ އެވެ.
ވާވޭ ޓެކްނޮލޮޖީޒް ރަމުޒުކުރި ޓީމުން ބުނި ގޮތުގައި، އެ ޓެސްޓްގެ ބޭނުމަކީ ވާވޭ މޭޓް 10 ޕްރޮގައި ގާއިމުކޮށްފައި ހުރި އާޓިފިޝަލް އިންޓެލިޖެންސްގެ ފެންވަރު ދައްކާލުމެވެ. ވާވޭ މަރުކާގެ އަމިއްލަ އަށް ދުވާ ކާރުތަކެއް އުފެއްދުމެއް ނޫނެވެ.
އެ މީހުން ބުނި ގޮތުގައި، ހުރިހާ ކަމެއް ވެސް ކުރީ ފޯނެވެ. ފޯނުގައި ހިމަނާފައިވާ ޓެކްނޮލޮޖީ އުފައްދައި، ގޮތްފޮތް ބުނެދިނުން ފިޔަވައި އިތުރުކަމެއް އެ މީހުން ނުކުރެ އެވެ. މަގުމަތީގައި އެއްޗެއް އޮތް ނަމަ ކެމެރާ ދެނެގަނެ އެވެ. އެއީ ރެކެންޖެހޭ އެއްޗެއް ނުވަތަ އެ ނޫން މާނައެއް ދޭހަވާ އެއްޗެއްކަން ވެސް ދެނެގަންނަނީ ފޯނެވެ. ފޯނުގެ އާޓިފިޝަލް އިންޓެލިޖެންސް އިންޖީނު ހާނާފައި ވަނީ އެ ގޮތުގައި އެވެ.