10 ވަނަ މޮޅާ އެކު ނަޕޯލީ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
10 ވަނަ މޮޅާ އެކު ނަޕޯލީ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

ކަލިއާރީ (ފެބްރުއަރީ 27) – ކަލިއާރީ އަތުން 5-0 އިން މޮޅުވެ އިޓާލިއަން ލީގުގައި ޖެހިޖެހިގެން 10 ވަނަ މޮޅު ހޯދައި ނަޕޯލީން އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ނަޕޯލީ އަށް ތަފާތު ބޮޑުކުރަން ފުރުސަތު ލިބުނީ މި ހަފުތާގައި ޔުވެންޓަސް ކުޅެން އޮތް މެޗު ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ފަސްކޮށްފައިވުމުންނެވެ. އެއް ވަނައިގައި 69 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު އެއް މެޗު މަދުން ކުޅެފައިވާ ޔުވެންޓަސް ދެ ވަނައިގައި އޮތީ 65 ޕޮއިންޓާ އެކު އެވެ. ތިން ވަނަ މަގާމުގައި އޮތީ 52 ޕޮއިންޓާ އެކު ލާޒިއޯ އެވެ.

ރަށުން ބޭރުގައި ރޭ ނަޕޯލީ ކުޅުނު މެޗުގައި ގޯލް ޖެހީ ހޯސޭ ކަލެޔޮން، ޑްރިއެސް މާޓިންސް، މަރެޗް ހަމްސިޗް، ލޮރެންޒޯ އިންސީނޭ އަދި މާރިއޯ ރުއީ އެވެ. މީގެ ތެރެއިން އިންސީނޭ ގޯލް ޖެހީ ޕެނަލްޓީއަކުންނެވެ.

ޑިއެގޯ މަރަޑޯނާއާ އެކު 1990 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި ފަހުން ނަޕޯލީ އަށް އެކަން ހާސިލްވެފައިނުވާއިރު މި ފަހަރު އެ ޓީމުން އެކަން ކާމިޔާބުކުރާނެ ކަމަށް ބައެއް ތަޖުރިބާކާރުން ދެކެ އެވެ. ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު އަދި އިޓާލިއަން ކަޕުން ވެސް އެ ޓީމު ކަޓާފައިވާތީ މި ވަގުތު ހުރިހާ ސަމާލުކަމެއް ހުރީ ލީގަށެވެ.

އެ ޓީމާ ވާދަކުރާ ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގެ އިތުރުން އިޓާލިއަން ކަޕް ވެސް އެބައޮތެވެ. ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މާދަމާރޭ އެޓަލާންޓާއާ ދެކޮޅަށް ޔުވެންޓަސް ކުޅޭއިރު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި އަންނަ ހަފުތާގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ނުކުންނާނެ އެވެ.