27 ފެބުރުއަރީ 2018 - 10:52

ރިޔާޒް (ފެބްރުއަރީ 27) - ސައުދީ އަރަބިއާގެ އަސްކަރިއްޔާ އަށް ރޭ ދަންވަރު ކުއްލި ބަދަލުތަކެއް ގެނެސް، ޗީފް އޮފް ސްޓާފް ހިމެނޭ ގޮތަށް ކޮމާންޑަރުންނަށް ބަދަލުތަކެއް ގެނެސްފި އެވެ.
ރަސްގެފާން ސަލްމާން ގެންނެވި ބަދަލުތަކުގެ ތެރޭގައި އެއްގަމާއި ވައިގެ ސިފައިންގެ އިސްވެރިން ވެސް ވަނީ ބަދަލުކޮށްފަ އެވެ. ސައުދީގެ އަސްކަރިއްޔާ އަށް ކުއްލި ބަދަލުތަކެއް ގެނައި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ސައުދީ އަސްކަރިއްޔާ އަށް ބަދަލުތަކެއް ގެނައި އިރު ސައުދީ އަރަބިއާ އިން އިސްނަގައިގެން ޔަމަނާ ދެކޮޅަށް ކުރާ ހަނގުރާމަ އަށް ވަނީ ތިން އަހަރު ފުރެން ކައިރިވެފަ އެވެ.
ސައުދީ އަރަބިއާ އަށް ގެންނަ ބަދަލުތަކުގެ ފަހަތުގައި ވަނީ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ. ކޮރަޕްޝަނާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ތުހުމަތުގައި މުހައްމަދު އިސްކޮށް ހުންނަވައިގެން މިދިޔަ އަހަރު ފަހުކޮޅު ހިންގެވި އޮޕަރޭޝަނެއްގައި ސައުދީގެ ނުފޫޒުގަދަ ފަރާތްތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބިލިއަނަރުން ދޫކޮށްފައި ވަނީ ސަރުކާރަށް ބިލިއަނުން ފައިސާ ދެއްކުމުންނެވެ.
ސައުދީ ރަސްމީ ނޫސް އެޖެންސީން ބުނި ގޮތުގައި ސިފައިންގެ ތެރެއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ޗީފް އޮފް ސްޓާފް ޖެނެރަލް އަބްދުއްރަހުމާން ބިން ސޯލިހު އަލް ބުންޔާން ހިމެނެ އެވެ. މަގާމުން ދުރުކުރި މީހުންގެ ބަދަލުގައި އެހެން މީހުން ވަނީ އެ މަގާމުތަކަށް ހަމަޖައްސައިފަ އެވެ.
އަސްކަރިއްޔާ އަށް ގެނައި ބަދަލުތަކުގެ އިތުރުން ސިޔާސީ މަގާމުތަކަށް ވެސް ވަނީ ބަދަލުތައް ގެނެސްފަ އެވެ. އޭގެ ތެރޭގައި ލޭބާ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީ އަށް އަންހެން ނައިބަކު ހަމަޖެއްސުން ހިމެނެ އެވެ. ހުޅަނގު ދެކުނުގެ އާސިރް ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރްނަރުގެ މަގާމަށް ވަނީ ޕްރިންސް ތުރްކީ ބިން ތަލާލް ހަމަޖައްސައިފަ އެވެ. އޭނާ އަކީ ދާދި ފަހުން ބަންދުން ދޫކޮށްލި ބިލިއަނަރު ޕްރިންސް ވަލީދު ބިން ތަލާލްގެ ކޮއްކޮ އެކެވެ.