ސުޕްރީމް ކޯޓުން ބަހުސްކުރަން ޖެހޭ ކަމެއް ނެތް، މައްސަލަ ސާފު: މެމްބަރުން
ސުޕްރީމް ކޯޓުން ބަހުސްކުރަން ޖެހޭ ކަމެއް ނެތް، މައްސަލަ ސާފު: މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ބަހުސްކޮށްގެން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން މައްސަލަ ދިގުދަންމަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ ގާނޫނުތަކާއި ގާނޫނުއަސާސީން ވަރަށް ސާފުކޮށް އެނގެން އޮތް މައްސަލައެއް ކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ބަހުސްކުރަން ޖެހޭ ކަމެއް ނެތް، މައްސަލަ ސާފު: މެމްބަރުން
ސުޕްރީމް ކޯޓުން ބަހުސްކުރަން ޖެހޭ ކަމެއް ނެތް، މައްސަލަ ސާފު: މެމްބަރުން

މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރުގައި ބުނީ، އޭގެ ތެރެއިން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެކަމަކު އެ އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިމެންދެން ކުރީގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ވަނީ ނެރެފަ އެވެ.

މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އަޑުއެހުމެއް މިއަދު ހެނދުނު ބާއްވަން ހަމަޖެއްސި އެވެ. އެކަމަކު، އަޑުއެހުން ކެންސަލްކުރީ އެޓާނީ ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި މެމްބަރުން ވިދާޅުވީ "އަރަތެއްހެން، ގޮނޑި ގެއްލިއްޖެ، ގޮނޑި ނުގެއްލޭ" ކިޔަކިޔައި ތިބެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަން ގާނޫނުއަސާސީން ކަނޑައެޅިގެން ސާފުކޮށް އެނގެން އޮންނަ އިރު މެމްބަރުންނާ ދޭތެރޭގައި އަމަލުކުރަމުން މިދަނީ ހިތުހުރި ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވި ގޮތުގައި އެއް ކަމެއްގައި އެތައް ފަހަރަކު އެކި ގޮތްގޮތަށް ގޮތް ނިންމަން ޖެހުމުން، މުއައްސަސާތަކުން ކަންކުރާ އުސޫލު ރައްޔިތުންނަށް ވެސް އެނގެ އެވެ. އޭނާ ވިދާޅުވީ މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވެސް އިތުރަށް ނިންމަން ޖެހޭ ކަމެއް ނެތް ކަމަށެވެ.

"މައްސަލަ ދިގުދަންމަން ޖެހޭ ކަމެއް ނެތް. ވަރަށް ސާފު މައްސަލައެއް. ދިވެހި ރައްޔިތުންނާއި ގައުމުގެ ހަމަޖެހުމަށް ގާނޫނުއަސާސީގައިވާ ގޮތަށް މިކަމުގައި ސުޕްރީމް ކޯޓުން ވަގުތުން ގޮތެއް ކަނޑައަޅައިދޭން ޖެހޭ،" ސައުދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަކީ މިނިވަންކަމާ އެކު މަސައްކަތް ކުރަން ޖެހޭ ތަނަކަށް ވިޔަސް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ގިނަ އަދަދެއްގެ ސިފައިން ސުޕްރީމް ކޯޓު ތެރޭގައި ތިބޭ ކަމަށް ވިދާޅުވެ ސައުދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ސަރުކާރުން އަންގައިގެން ސަލާމަތީ ބާރުތަކުން ކޯޓު ތެރެ އަށް ވަދެ އެތަން "ހިސޯރުކޮށްގެން" އުޅޭ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެން ކަންބޮޑުވާ ހާލަތެއް، މިނިވަންކަމާ އެކު ސުޕްރީމް ކޯޓުން މަަސައްކަތް ކުރުމުގެ ޖާގަ އެބައޮތްތޯ ސުވާލު އުފެދޭ،" އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި 12 މެމްބަރުންނަކީ އެއްވެސް ކުށެއް ކުރައްވައިގެން ތިއްބެވި ބޭފުޅުންނެއް ނޫނެވެ. އިންތިހާބުވި ފިކުރު ދޫކޮށް އެހެން ޕާޓީއަކާ ވެސް ގުޅިވަޑައިނުގަންނަވާ އިރު އެ މެމްބަރުންނާ މެދު ނުހައްގުން ފިޔަވަޅު އެޅުމަކީ އިންސާފުން ބޭރުވުން ކަމަށް ވެސް ވިދާޅުވި އެވެ.

އިންތިހާބުވި ޕާޓީ ދޫކުރައްވައި، އެހެން ޕާޓީތަކާ ގުޅިވަޑައިގެންނެވި މެމްބަރުންނާ ދޭތެރޭގައި ފިޔަވަޅު ނާޅަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ. މިސާލެއް ނަންގަވައި ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގައި ކަަމަށެވެ. އެ ޕާޓީ ދޫކުރައްވައި، ވެރިކަންކުރާ ޕީޕީއެމާ ގުޅިވަޑައިގަތުމުން އެއީ މައްސަލައަކަށް ނުވާންވީ ސަބަބަކީ ކޮބައިތޯ ސައުދު ސުވާލު ކުރެއްވި އެވެ.

"އެހެންވީމަ އެބަ އެނގޭ ދެއްތޯ ސަރުކާރުގެ ބޭނުމަކީ ވަކި މެމްބަރުންތަކެއް މަޖިލީހަށް ނުވައްދައި ބޭނުން ކަމެއް ކުރުން ކަން. ސަރުކާރުން މި ގެއްލުވާލަނީ 70،000 އަށް ވުރެ ގިނަ ރައްޔިތުންގެ ހައްގު، މިއީ ސުޕްރީމް ކޯޓުން ވިސްނަން ޖެހޭ މައްސަލައެއް،" ސައުދު ވިދާޅުވި އެވެ.

ޖިނާއީ ތުހުމަތެއްގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކޮށް، ފަނޑިޔާރުކަމުން ސަސްޕެންޑް ކޮށްފައިވާތީ މި ވަގުތު ސުޕްރީމް ކޯޓުގައި މަސައްކަތް ކުރައްވަނީ ތިން ފަނޑިޔާރުންނެވެ. ކުރީގެ އަމުރުން ބައެއް ބާތިލްކޮށް ފަހުން އަމުރު ނެރުއްވީ އެ ތިން ފަނޑިޔާރުންނެވެ.