27 ފެބުރުއަރީ 2018 - 09:29

ޕެރިސް (ފެބްރުއަރީ 27) – ޕީއެސްޖީގެ ފޯވާޑް ނޭމާގެ ފައިތިލައިގެ ކަށިކޮޅެއްގައި ރެނދުލައި އަދި ކުޑަހުޅު ދުޅަވެފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށް އަނިޔާވީ ފްރާންސް ލީގުގައި އާދީއްތަ ދުވަހުގެރޭ އޮލިމްޕިކް މާސޭ އަތުން 3-0 އިން މޮޅުވި މެޗުގައި ފައި ފުރޮޅާލައިގެންނެވެ.
މި އަނިޔާއާ ގުޅިގެން ނޭމާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް ޕީއެސްޖީން ނުބުނެ އެވެ. އެކަމަކު ވަރަށް ބޮޑަށް ޔަގީންކުރެވޭ ގޮތުގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި އަންނަ ހަފުތާގައި ސްޕެއިނުގެ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުޅެވޭނެ އެވެ. ފުރަތަމަ ލެގުން 3-1 އިން މެޑްރިޑް މޮޅުވެފައިވާތީ، ކުއާޓާ ފައިނަލަށް ދިއުމަށް ޕީއެސްޖީ އަށް އޮތީ އުނދަގު މަގެކެވެ. ނޭމާ ނެތުން ވެގެންދާނީ ޕީއެސްޖީ އަށް ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލައަކަށެވެ.
މީގެ އިތުރުން ފްރެންޗް ކަޕުގެ ކުއާޓާ ފައިނަލުގައި މާދަމާރޭ މާސޭއާ ދެކޮޅަށް ކުޅޭ މެޗާއި ފްރާންސް ލީގުގައި ހޮނިހިރު ދުވަހު ޓްރޮޔެސްއާ ދެކޮޅަށް ވެސް ނޭމާ އަށް ކުޅެވޭނެ ކަމަށް ނުބެލެވެ އެވެ.
ފައިތިލައިގެ ކަށްޓަށް ލިބޭ އަނިޔާ އިން ރިކަވާވާން އާއްމުކޮށް ހަފުތާތަކެއް ނަގަ އެވެ. މިދިޔަ އަހަރު މެންޗެސްޓާ ސިޓީގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސްގެ ފައިތިލައިގެ ކަށިކޮޅެއް ބިންދައިގެން ގޮސް ދެ މަސް ދުވަސް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.