27 ފެބުރުއަރީ 2018 - 10:17

ލަންޑަން (ފެބްރުއަރީ 27) - ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒަށް ދޭ މުސާރަ އެ ކްލަބްގެ ބޯޑުން މުރާޖާ ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހިލޭ ޓްރާންސްފާއެއްގައި ޔުނައިޓެޑަށް ސަންޗޭޒް ބަދަލުވީ ހަފްތާ އަކު 500،000 ޕައުންޑަށެވެ. އެއާ އެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގައި އެންމެ ބޮޑު މުސާރައެއްދޭ ކުޅުންތެރިޔާ އަށެވެ. ސަންޗޭޒް ގަންނަން ލިބުނު ފުރުސަތު ސިޓީން ދޫކޮށްލީ ތަފާތު ސަބަބުތަކާ ހުރެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ބޯޑުން ވަނީ ސަންޗޭޒްގެ މުސާރަ މުރާޖާކުރަން ނިންމައިފަ އެވެ. އަދި މި ސީޒަނަށް ފަހު ސަންޗޭޒް ދައްކާ ކުޅުމަށް ބެލުމަށް ފަހު އޭނާއާ އެކު ހަދާފައިވާ އެއްބަސްވުމަށް ބަދަލުތަކެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ބޯޑުން މި ގޮތަށް ނިންމީ ސަންޗޭޒްގެ މުސާރައިގެ ސަބަބުން އެ ޓީމުގެ ސްކޮޑުގައި ތިބި އެހެން ކުޅުންތެރިން ވެސް ބޮޑު މުސާރަ އަކަށް ޑިމާންޑް ކުރަމުންދާތީ އެވެ. ޔުނައިޓެޑުން އަންނަނީ ޕައުލް ޕޮގްބާ އާއި ޑޭވިޑް ޑެހެއާގެ އެއްބަސްވުން އާ ކުރުމަށް މަޝްވަރާ ކުރަމުންނެވެ.
ބީޓީ ސްޕޯޓްސްގެ ފުޓްބޯޅަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ޕައުލް ސްކޯލްސް ބުނީ އެއް ކުޅުންތެރިއަކަށް ޔުނައިޓެޑުން ބޮޑު އިންވެސްޓެއް ކުރާއިރު، މުޅި ސްކޮޑުގެ މަސްލަހަތަށް ވިސްނަން ޖެހޭނެ ކަމަށާއި އެ ގޮތަށް ވިސްނާއިރު، ސަންޗޭޒަށް ބޮޑު މުސާރައެއް ދޭން ނިންމުމަކީ ވަގުތީ ހައްލަކަށް ބަލައި ނިންމި ނިންމުމެއް ކަމަށެވެ.
މޮރީނިއޯ އަންނަ ސީޒަނަށް ތައްޔާރުވާއިރު އެ ޓީމަށް އިތުރު އެޓޭކިން ކުޅުންތެރިއަކު ނުގެންނާނެ ކަމަށް ދާދި ފަހުން ވަނީ ބުނެފަ އެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޔުނައިޓެޑް ބޯޑުން ބޭނުންވަނީ މިހާރު ސްކޮޑުގައި ތިބި ކުޅުންތެރިން ވިއްކުމަށް ފަހު އާ ކުޅުންތެރިން ގަތުމަށެވެ.