17 ޖުލައި 2016 - 07:24

އިންޑިއާ މީހަކު ގެންގުޅުނު ކުއްތާއެއް ސާހިބު މީހާ އާއި އާއިލާގެ އެންމެންގެ ފުރާނަ ސަލާމަތްކުރުމަށް އެސޮރުގެ ފުރާނަ ދުއްވާލައިފި އެވެ.
އިންޑިއާގެ އުތުރުގެ އޮޑީޝާ ސްޓޭޓްގައި އޮންނަ ސެބެކަޕޫރް ކިޔާ އަވަށުގެ ގެއެއްގައި މީހަކު ގެންގުޅުނު މި ކުއްތާ ވަނީ ރޭގަނޑު ދަންވަރު އެ ގެއަށް ވަންނަން ދިޔަ ވިހަ ގަދަ ހަތަރު ހަރުފައާ ހަނގުރާމަކޮށް އެ ހަރުފަތައް މަރާލާފަ އެވެ. ނަމަވެސް މިހަނގުރާމައިގެ ތެރޭގައި ހަރުފަތައް ދަތްއަޅައި ވިހަލުމުގެ ސަބަބުން ކުއްތާ ވެސް ވަނީ މަރުވެފަ އެވެ.
ކުއްތާ އާއި ހަރުފަތަކުގެ ހަނގުރާމަ އެތައް ގަޑިއިރަކަށް ދެމިގެން ދިޔަ ކަމަށްވެ އެވެ. ހަރުފަތައް ވިހަ ލިޔަނުދީ އޭގެ ގައިގައި ދަތް އެޅޭތޯ ކުއްތާ ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެ އެވެ.
މި ހާދިސާ ހިނގި އަވަށުގެ ނޫހަކުން ބުނެފައިވާ ގޮތުގައި ހަރުފަތަކާއި ކުއްތާގެ ހަނގުރާމައިގައި ގޭގެ ގޯތި ތެރޭގެ އެކި ހިސާބުގައި ލޭ އެޅިފައި ހުއްޓެވެ.
"ކުއްތާ މަރުވީ އެންމެ ފަހުން މަރުނުވެ އޮތް ކޯބްރާ ވެސް މަރާލާފައި،" އެހިސާބުގަނޑުގެ މީހުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.
"މައުންޓަން ކޯބްރާ"ގެ ނަމުން މަޝްހޫރު މި ހަރުފަތައް އިންސާނެއްގެ ގަޔަށް އެންމެ ފަހަރަކު ވިހަލީ ނަމަވެސް އެ މީހަކު ވަގުތުން މަރުވާހާ ވިހަ ގަދަ އެވެ.
އެ އަވަށުގެ މީހުންނަށް މިހާރު މި ކުއްތާ ބަތަލަކަށް ވެއްޖެ އެވެ. ކުއްތާ ވީ ގުރުބާނީ ފާހަގަކުރުމުގެ ގޮތުން އެ އަވަށުގެ މީހުން ވަނީ ކުއްތާ ވަޅުލަން ގެންދިޔައިރު އެތަނަށް ޖަމާވެފަ އެވެ.
މި ކުއްތާ ވަނީ ސާހިބު މީހާގެ އާއިލާގެ އަށް މީހެއްގެ ފުރާނަ ސަލާމަތް ކޮށްދީފައި ކަމަށް ނޫހުގައިވެ އެވެ. އެ ހަރުފަތަކަށް ގޭތެރެއަށް ވަނުމުގައި ކާމިޔާބުވީ ނަމަ އާއިލާގެ ގިނަ ބަޔެއްގެ ގަޔަށް ވިހަލާނެކަން ޔަގީންކަމަށް ނޫހުގައިވެ އެވެ.
ކުއްތާގެ ސާހިބު މީހާ ބުނިގޮތުގައި ކުއްތާ ވަނީ އޭނާގެ އާއިލާއަށްޓަކައި އަމިއްލަ ފުރާނައިން ގުރުބާން ވެފަ އެވެ. އަދި މުޅި އުމުރަށް ވެސް އޭނާ އެ ކުއްތާގެ މަތިން ހަނދާން ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ހަރުފަ ވިހަލުމުގެ ސަބަބުން އިންޑިއާގައި އަހަރަކު 45،000 އަށް ވުރެ ގިނަ މީހުން މަރުވެ އެވެ.