ވެލެންސިއާ އަތުން ޔުނައިޓެޑް ވިކްޓަރީ އަށް ފުރިހަމަ މޮޅެއް
ވެލެންސިއާ އަތުން ޔުނައިޓެޑް ވިކްޓަރީ އަށް ފުރިހަމަ މޮޅެއް

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުގައި މިރޭ ޓްރިޑިނާޑުގެ ފޯވާޑް ކޯޑެލް ސެމުއެލް ވައްދާލި ދެ ލަނޑާ އެކު ކްލަބް ވެލެންސިއާ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ނަޒީހު ކޯޗުކޮށްދޭ ޔުނައިޓެޑް ވިކްޓަރީން ވަނީ، އޭނާއާ އެކު ކުރިން ވިކްޓަރީ އާއި ގައުމީ ޓީމަށް ކުޅުނު ސޮބާހް މުހައްމަދު އިބްރާހިމްގެ ވެލެންސިއާގެ މައްޗަށް ހުރިހާ ގޮތަކުން ވެސް މިރޭ ކުރި ހޯދައިފަ އެވެ. އެކަމަކު މި މޮޅުގެ ބޮޑު ޝުކުރެއް ހައްގުވަނީ ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު ތޮލާލް ހަސަނަށެވެ. އޭނާ ވަނީ ޕެނަލްޓީއެއް މަތަކުރުމުގެ އިތުރުން ވެލެންސިއާ އިން ފޮނުވާލި ނުރައްކާތެރި ގިނަ ބޯޅަތަކެއް ސަލާމަތްކޮށްފަ އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ވެލެންސިއާ އިން ފުލުފުލުގައި ފޮނުވާލި ދެ ބޯޅައެއް އޭނާ ސަލާމަތްކުރި އެވެ. ނަޒީހު ބުނީ އެހާ ކުރީކޮޅު ގޯލް ވަން ނަމަ ތަފާތުތަކެއް ފެނުނީސް ކަމަށެވެ.

"ކޮން ކަހަލަ މޮޅު ދެ ސޭވް އެކުރީ. އެއީ ހަމަ މެޗު ވިނިން ސޭވްތަކެއް،" އުމުރުން 27 އަހަރުގެ ކީޕަރާ ބެހޭ ގޮތުން ނަޒީހު ބުންޏެވެ. "ތޮލާލަކީ އަޅުގަނޑު ވަރަށް އިތުބާރުކުރާ ކީޕަރެއް."

އޭގެ ފަހުން 29 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީގެ އަހުމަދު ސުހެއިލް (ބަމްޕުޗް) އޭރިއާ ތެރެއިން ފޮނުވާލި ނުރައްކާތެރި ބޯޅައެއް ވެލެންސިއާގެ ޖަޕާން ގޯލްކީޕަރު ޖުން ކޮޗީ ސަލާމަތްކުރި އެވެ. ދެން ފެނިގެން ދިޔައި ވެލެންސިއާގެ މިޑްފީލްޑަރު ވަލޭރީ ރިޝިން ފޮނުވާލި ނުރައްކާތެރި ދެ ބޯޅައެއް ތޮލާލް މަތަކުރި މަންޒަރެވެ. އޭރިއާ ބޭރުންނާއި އޭރިއާ ތެރެއިން ވަލޭރީ ފޮނުވާލި ޝޮޓެއް މަތަކުރިއިރު ދެ ވަނަ ހާފުގެ ކުރީކޮޅު ވަލޭރީ ފޮނުވާލި ހިލޭ ޖެހުމެއް ވެސް ތޮލާލް ސަލާމަތްކުރި އެވެ.

އެއަށް ފަހު ޔުނައިޓެޑް ވިކްޓަރީން ވަނީ ލިބުނު ހުސް ހަތަރު ފުރުސަތުގެ ތެރެއިން ތިން ފުރުސަތުގެ ބޭނުން ހިފައި ތިން ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ގޯލް 60 ވަނަ މިނެޓުގައި ސެމުއެލް ޖެހީ އޭރިއާ ތެރެއިން ލިބުނު ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. އަދި 72 ވަނަ މިނެޓުގައި ހާފުގެ މެދަކާ ހަމައިން ބޭރު ރޮނގު ކައިރިން ލިބުނު ހިލޭ ޖެހުމަކުން ސެމުއެލް ވަނީ ގޯލް ޖަހައިފަ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ތިން ވަނަ ގޯލް 79 ވަނަ މިނެޓުގައި ޖެހީ އަލީ ހައިޝަމް (ޗުމްޕު) އެވެ. ކެޕްޓަން ހުސެއިން ޝިމާޒް (ކޮކީ) އޭރިޢާ ބޭރުން ނެގި ހުރަސް ނިއު ރޭޑިއަންޓާއި މާޒިޔާގެ ކުރީގެ ކުޅުންތެރިޔާ ގޯލަށް ވައްދާލީ އޭރިއާ ތެރެއިން ޖަހަ އެވެ.

ތަފާތު ކުޑަކުރަން ވެލެންސިއާ އަށް ރަނުގެ ފުރުސަތެއް 82 ވަނަ މިނެޓުގައި ލިބުނެވެ. ޔުނައިޓެޑް ވިކްޓަރީގެ ތަޖުރިބާކާރު ޑިފެންޑަރު އަލީ ޝަރީފް (އައްޔަ) އޭރިއާ ތެރެއިން ކުރި ފައުލަކަށް ވެލެންސިއާ އަށް ލިބުނު ޕެނަލްޓީ ސަރްގޭއި ޑްރިގާ ޖެހުމުން ތޮލާލް މަތަކުރީ އެވެ.

މެޗުގެ ފަހު މިނެޓުގައި ތަފާތު ބޮޑުކޮށްލަން ޔުނައިޓެޑް ވިކްޓަރީގެ އިބްރާހިމް ނޫރައްދީނަށް ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު ކޯނަރަކުން ހުރަސްވި ބޯޅަ އޭނާ ގޯލް ކުރިމަތީ އެކަނިމާއެކަނި ހުއްޓާ ލިބުމުން ވެސް އެތެރެނުކުރެވުނެވެ.

"ޔުނައިޓެޑް ވިކްޓަރީން، ހުރިހާ ގޮތަކުން ވެސް ރަނގަޅު ޓީމެއް މި ބަލިކުރީ. ޕްލެޔަރުން ލީ އެފޯޓް ފާހަގަކުރަން،" ޔުނައިޓެޑް ވިކްޓަރީގެ ކޯޗު ނަޒީހު ބުންޏެވެ.

"އަބަދުވެސް އަޅުގަނޑު ގެންގުޅޭ ޓީމެއްގައި ހުންނާނެ އަޅުގަނޑުގެ އެ ސަޅި ކަމާއި ގައްޑާކަންކަން. މިދިޔަ އަހަރު އެކަން ނުފެނުނީ ޓީމާ އެކު ޕްރީ ސީޒަން ވެސް ނެހެދި ހަވާލުވާން ޖެހުނީމާ. ހަގީގަތަކީ އަނގައިން ހަމައެކަނި ބުނެލައިގެން ޓީމެއް ވަރުގަދައެއް ނުކުރެވޭނެކަން. ވަކި ގޮތަކަށް ފިޓްނަސް ލެވެލް ވެސް ހުރެގެން ވާނީ. ވަކި ކަންތައްތަކެއް ވަކި ގޮތްތަކަށް ކުރުވައިގެން ވާނީ."

އޭނާ ބުނީ މިރޭ ޔުނައިޓެޑް ވިކްޓަރީން 70 ވަރަކަށް މިނެޓާ ހަމަޔަށް އެ ކުޅުނީ ކުޅޭނެ އެންމެ މޮޅަށް ކަމަށާއި އެކަމަކު ކުރިއަށް އޮތްތަނުގައި ފިޓްނަސް ރަނގަޅުވާ ވަރަކަށް އެއަށް ވުރެ ގިނަ ވަގުތު އެ ފެންވަރުގައި ކުޅެވޭނެ ކަމަށެވެ.

ވެލެންސިއާގެ ކޯޗު ސޮބާ ބުނީ އެ ޓީމު ފެނިގެން ދިޔައީ ތަންކޮޅެއް އާދައިގެކޮށް ކަމަށާއި ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު ކަމަށެވެ.

"އަޅުގަނޑު ބަހަނާއެއް ދައްކާކަށް ނޫން. އަޅުގަނޑު ކުރިން ވެސް ބުނި ގޮތަށް އަދި އެންމެ ރަނގަޅަށް ތައްޔާރެއް ނުވެވޭ. އެކަމަކު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް މިއަށް ވުރެ ރަނގަޅަށް ކުޅެވެން ޖެހޭނެ. މިރޭ ފެނުނީ ކުޅުންތެރިން، އެއް ކުޅުންތެރިޔަކާ އޮންނަން ޖެހޭ އަންޑަސްޓޭންޑިން ނެތުމާއި ފިޓްނަސްގެ މައްސަލަތައް،" ސޮބާ ބުންޏެވެ.

ލީގުގެ ފުރަތަމަ ހަތަރު މެޗު ނިމުނުއިރު ޔުނައިޓެޑް ވިކްޓަރީ އާއި ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. މާޒިޔާ އާއި ކްލަބް ގްރީންސްޓްރީޓްސް، ކޮންމެ ޓީމެއް އެއް ޕޮއިންޓް ހޯދާފައިވާއިރު ޕޮއިންޓެއް ނުލިބި އޮތީ ވެލެންސިއާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބެވެ.