ނައީމާއްތަ ދޫކޮށްލައިފި
ނައީމާއްތަ ދޫކޮށްލައިފި

މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި، އެމްޑީޕީގެ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ) އާއި އެހެން ބައެއް މީހުން މިރޭ ދޫކޮށްލައިފި އެވެ.

ރޭ މަޖީދީ މަގުގައި ބޭއްވި އެއްވުމުގައި އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި، އުމުރުން 68 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ނައީމާއްތައާ އެކު، ރޭ ދެން ހައްޔަރު ކުރި އެންމެން ވެސް މިރޭ ދޫކޮށްލާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެމްބަރު އާމިނަތު މަނިކެ އާއި އެހެން ބައެއް އެކްޓިވިސްޓުން ވެސް ހިމެނޭ ކަމަށް އެ ޕާޓީން އެވެ.

ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ދަނީ ކޮންމެ ރެއަކު މާލޭގައި އެއްވުން ބާއްވަމުންނެވެ. އެކަމަކު ރޭގަނޑު 10:30 ގެ އެއްވުން ބޭއްވުން ފުލުހުން ރެއިން ފެށިގެން މަނާކުރި އެވެ. ނަމަވެސް އޭގެ ފަހުން ވެސް އިދިކޮޅު ފަރާތްތަކުން ރޭ ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒް ކައިރީގައި އެއްވެ އަޑު އުފުލާފައިވެ އެވެ. އަދި މިރޭ ވެސް 10:30 ގެ ފަހުން މާލޭގައި އިދިކޮޅު ފަރާތްތަކުން އެއްވުން ބޭއްވި އެވެ. އެކަމަކު ފުލުހުން ވަނީ އެ އެއްވުން ރޫޅާލައިފަ އެވެ.