26 ފެބުރުއަރީ 2018 - 21:48

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީ އާއިލީ މީހެއްގެ ކައިވެނީގެ ހަފުލާއެއްގައި ބައިވެރިވާން ދުބާއީގައި އުޅެނިކޮށް ހާޓްއެޓޭކެއް ޖެހިގެން މަރުވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، އޭނާ މަރުވީ ބިލިގާއަށް ވެއްޓި ގެނބިގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން އެނގިއްޖެ އެވެ.

ސްރީދޭވީގެ ހަށިގަނޑުގެ ޕޯސްޓަމް ހެދި ދުބާއީ މެޑިކަލް ހަވާލާދީ ގަލްފް ނިއުސް އިން ބުނީ ސްރީދޭވީ މަރުވީ ޖުމެއިރާ އެމިރޭޓްސް ޓަވާ ހޮޓެލްގެ ކޮޓަރީގެ ފާހާނާ ތެރޭގައި މަސްތުގެ ހާލަތުގައި އުޅެނިކޮށް، ފެނުން ފުރާލައިފައި ހުރި ބިލިގާގެ ތެރެއަށް ވެއްޓި، އޭގެ ތެރެއަށް ގެނބިގެން ކަމަށެވެ. އޭނާގެ މަރާ ގުޅޭ ގޮތުން ތައްޔާރު ކުރި ބައެއް ލިޔުންތައް ވެސް ގަލްފް ނިއުސް އިން ވަނީ އާންމުކޮށްފަ އެވެ.
އެގޮތުން، މެޑިކަލް ދުބާއީގެ ޑިރެކްޓަ އޮފް ޕްރެވެންޓިވް ސޮއިކޮށް ނެރުނު ލިޔުމުގައި ސްރީދޭވީ މަރުގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ގެނބުމެވެ.
ނަމަވެސް ސްރީދޭވީ، 54، އާ ވަަރަށް ގާތް ބައެއް މީހުން ވަނީ އޭނާއަކީ އެއް އިރެއްގައި ވެސް ބާރުގަދަ ބަނގުރާ ބޭނުންކުރާ މީހެއް ނޫން ކަމަށް ބުނެފަ އެވެ. އެހެންވެ މަސްތުގެ ހާލަތަކާ ހެދި އޭނާ މަރުވި ކަމަށް ބުނާ ބުނުމަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށް އެ މީހުން ބުންޏެވެ. އަނެއްކޮޅުން، ހާޓްއެޓޭކެއް ޖެހިގެން ސްރީދޭވީ މަރުވި ކަމަށް ކުރިން ރިޕޯޓްކޮށްފައިވާ އިރު، ބޯނީގެ ކޮއްކޮ އަދި އެކްޓަރު ސަންޖޭ ކަޕޫރާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ސްރީދޭވީއަކީ ހާޓްއެޓޭކާއި ސްޓްރޯކްގެ އެއްވެސް ރިކޯޑެއް ކުރިން އޮތް މީހެއް ނޫން ކަމަށެވެ.
ހަމަމިއާ އެކު ސްރީދޭވީގެ މަރުވި ސަބަބާ ބެހޭ ގޮތުން އެހެން ވާހަކައެއް ވެސް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. އެއީ ދާދި ފަހުން ފަހުން ޕްލާސްޓިކް ސާޖަރީއެއް އޭނާ ހަދާފައިވާތީ އެކަމާ ގުޅުވައިގެން ދެކެވޭ ވާހަކައެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސްރީދޭވީ ފާހާނާގެ ބިލިގާ ތެރޭގައި ވިންދު ހުއްޓިފައި އޮއްވައި ފުރަތަމަ ފެނުނީ ވެސް ފިރިމީހާ ބޯނީ ކަޕޫރަކަށް ނޫނެވެ. ހަށިގަނޑު ފެނުނީ ހޮޓަލުގެ އަންހެން މުވައްޒަފަކަށް ކަމަށް އެ ރިޕޯޓްތަކުގައި ބުނެ އެވެ.
ސްރީދޭވީ މަރުވި ސަބަބު މިހާރު އޮޅުންގަނޑެއްގެ ތެރެއަށް ގޮސްފައިވާ އިރު، މި ހާދިސާއާ ގުޅޭ އިތުރު ކަންކަން ބެލުމަށް ދުބާއީ ފުލުހުން ވަނީ ޕަބްލިކް ޕްރޮސެކިއުޝަނަށް ހުށަހަޅައިފަ އެވެ.
ސްރީދޭވީގެ ހަށިގަނޑު މިރޭ މުމްބާއީ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނާގެ ޖަނާޒާ މާދަމާގެ ވަގުތެއްގައި ބާއްވާނެ ކަމަށް ބެލެވެ އެވެ.