މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން އޭޖީން އެދިގެން ކެންސަލްކޮށްފި
މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން އޭޖީން އެދިގެން ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ނިންމި ނިންމުން ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލާގެ މާދަމާ ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިމަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވަނީ އިންތިޚާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި އެވެ.

އެކަމަކު އެ އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ނިމެންދެން ކުރީގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ވެސް އެ ކޯޓުން އޮތީ ނެރެފަ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ހަމަޖެއްސުމަށް ފަހު އަޑުއެހުން ކެންސަލްކުރީ އެޓާނީ ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. ޖިނާއީ ތުހުމަތެއްގައި އެ ދެ ބޭފުޅުން ހައްޔަރުކޮށް، ފަނޑިޔާރުކަމުން ސަސްޕެންޑް ކޮށްފައިވާތީ މިވަގުތު ސުޕްރީމް ކޯޓުގައި މަސައްކަތް ކުރައްވަނީ ތިން ފަނޑިޔާރުންނެވެ. ކުރީގެ އަމުރުން ބައެއް ބާތިލްކޮށް ފަހުން އަމުރު ނެރުއްވީ އެ ތިން ފަނޑިޔާރުންނެވެ.