އިދިކޮޅު ފަރާތްތަކުގެ މަސައްކަތް އީޔޫ އިން ބަލައެއް ނުގަނޭ: ސައީދު
އިދިކޮޅު ފަރާތްތަކުގެ މަސައްކަތް އީޔޫ އިން ބަލައެއް ނުގަނޭ: ސައީދު

ޔޫރަޕިއަން ކައުންސިލްގެ ފޮރިން އެފެއާޒް ކައުންސިލުން މިއަދު ފާސްކުރި ގަރާރުން އެނގުނީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތައް އީޔޫ އިން ބަލައި ނުގަތުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން އެސްޓީއޯގެ ދެ ޓަވަރުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، އިދިކޮޅު ސިޔާސީ ލީޑަރުން ގައުމުން ބޭރުގައި ތިއްބަވައިގެން ދައްކަވަމުން ގެންދާ ވާހަކަތަކަށް ނިކަމެތިކަން ލިބެމުން އަންނަ ކަމަށެވެ.

އީޔޫގެ ނިންމުމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން އަންނަ އިރު، އެ ފަރާތްތަކަށް އެ ވާހަކަތައް "ރަނގަޅަށް ކިޔައި ވެސް ނުދެވޭ" ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކުން މިއަދު ޖަރުމަރު، އިނގިރޭސިވިލާތް، ސްރީ ލަންކާ، އިންޑިއާގައި ތިބެގެން މިގައުމުގަ ތިބީ ހައްދުފަހަނައަޅާފައި ތިބި މީހުންނޭ، މިގައުމުގަ އޮތީ ބޯދާ ވިސްނުމެކޭ، މިގައުމުގަ އޮތީ ފަނާކުރަނިވި ކަންތައްތަކޭ ބުނެ ވިއްކަމުންދާ ވާހަކަތަކަށް މިއަދު ﷲގެ ވާގިފުޅާ އެކު ނިކަމެތިކަން އަންނަމުން ދާތަން މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ސިޔާސީ ގޮތުން ވަކި ކޮޅަކަށް ނުޖެހޭ ފަރާތްތައް ގިނަ ކަމަށާއި، އެ ފަރާތްތަކުން ވިސްނުމަކަށް ވާންވާނީ ގައުމު ބިނާ ކުރުމާއި ގައުމުގެ މިނިވަންކަން ދިފާއުކުރުމުގެ އިތުރުން އިސްލާމް ދީނުގެ ހައްގުގައި ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމަށެވެ.

"ފަނާކުރަނިވި ވިސްނުމާއި، ބިނާކުރަނިވި ވިސްނުން އެއީ ގޮތް ނިންމަން ވަރަށް ފަސޭހަ ދެ ގޮތް. [ވަކި ކޮޅަކަށް ނުޖެހޭ ފަރާތްތަކަށް] އަޅުގަނޑު ދަންނަވާލަން ބޭނުން ގައުމެއް ފުނޑާލައި، ގައުމެއްގެ ދުވަސް ދުއްވާލާ، ގައުމެއް ކޮށައި ކަތިލަމުން ދާއިރު ތިބޭފުޅުންގެ ޒިންމާ އަކީ އަދި އަޅުގަނޑުމެންގެ ވިސްނުމަކަށް ވާންވާނީ ގައުމު ބިނާ ކުރުން،" ސައީދު ވިދާޅުވި އެވެ.

އީޔޫގެ ފޮރިން އެފެއާޒް ކައުންސިލުން މިއަދު ފާސްކުރި ގަރާރުގައި ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ނުވި ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސިޔާސީ ބޭފުޅުން މިނިވަންކޮށް ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫއަ ނުވާ ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.