26 ފެބުރުއަރީ 2018 - 18:48

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ދުވަސްވަރު މާލެ އިން ހުޅުމާލެ އަށް ރަތް ކުލައިގެ ކާރެއް ގެންދިޔަ ކަމަށާއި އަދި ފަހުން ރަތް ކުލައިގެ ކާރެއް ހުޅުމާލެ އިން މާލެ އަށް ގެނައި ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ. އެކަމަކު އެއީ ކާކުގެ ކާރެއް ކަމެއް ބުނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުގެ ދައުވާގައިވާ ގޮތުން ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅޭ ރަތް ކުލައިގެ ކާރެއް ހުޅުމާލެ އަށް ގެންގޮސް އެއަށް އަރުވައިގެން ގޮހެވެ.
އެ މައްސަލާގައި މިއަދު ހެކިބަސް ދިން މީހާ އަކީ އެ ހާދިސާ ހިނގި ދުވަސްވަރުގައި ރަތް ކުލައިގެ ކާރެއް މާލެ އިން ހުޅުމާލެ އަށް ގެންދިޔަ އަދި އޭގެ ދުވަސްކޮޅެއް ފަހުން ރަތް ކާރެއް ހުޅުމާލެ އިން މާލެ ގެނައި ދޯނީގެ ކެޕްޓަނެވެ. ރަތް ކާރެއް ހުޅުމާލެ އަށް ގެންދިޔަ ދަތުރުގައި އެ މީހާ ހުރީ ކެޕްޓަނަކަށެވެ. އޭގެ ފަހުން ރަތް ކުލައިގެ ކާރެއް ހުޅުމާލެ އިން މާލެ ގެނައި ދަތުރުގައި އޭނާ ބައިވެރިއެއް ނުވެ އެވެ. އެކަމަކު އޭނާ ބުނިގޮތުގައި ކާރު މާލެ ގެނައި ދަތުރުގައި ދޯނި މާލެއާ ކައިރި ކުރިއިރު އޭނާ ހުރީ ފާލަން ކައިރީގަ އެވެ.
ހުޅުމާލެ އަށް ރަތް ކުލައިގެ ކާރެއް ގެންދިޔަ ކަމާއި އޭގެ ފަހުން ހުޅުމާލެ އިން ރަތް ކުލައިގެ ކާރެއް މާލެ ގެނައި ކަން ޔަގީންކަމާ އެކު ބުންޏަސް، އެ މީހާ ބުނިގޮތުގައި ހުޅުމާލެ ގެންދިޔައީ ރަތް ކުލައިގެ ކޮން ކާރެއް އަދި ހުޅުމާލެއިން މާލެ ގެނައީ ރަތް ކުލައިގެ ކޮން ކާރެއް ވެސް ކަމެއް ބުނާކަށް ނޭނގެ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ އެ ކާރު ގެންދިޔައިރު އަދި އަނބުރާ ގެނައިއިރު ވެސް އެއްވެސް ވަރަކަށް ރަޖިސްޓްރީ ނަމްބަރު އެހާ ރަނގަޅަށް ނުބެލޭތީ އެވެ.
ކާރު ގެންދިއުމުގައި އަދި އަނބުރާ ގެނައުމުގައި ދައުވާލިބޭ އާލިފާއި ނޫރައްދީން އުޅުނުތަން ފެނުނުތޯ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ސުވާލު ކުރެއްވި އެވެ. އެވަގުތު ކައިރީގައި އެ ދެ މީހުންނަށް ވަކިވަކިން ބެލުމަށް ފަހު އެ މީހާ ބުނިގޮތުގައި އެ ދެ މީހުން ކުރެ މީހެއް އެކަމުގައި ހަރަކާތްތެރިވި ތަނެއް އޭނާއަކަށް ނުފެނެ އެވެ.
"ފާހަގައެއް ނުވޭ މިއިން މީހަކު އުޅުނު ތަނެއް. މިއަށް ވުރެ ޔަންގް (ބައެއް) އުޅުނީ،" އޭނާ ބުންޏެވެ.
އެ މީހާ ބުނިގޮތުގައި ރިލްވާން ގެއްލުނު ކަމުގެ ޚަބަރު ލިބުނީ ރަތް ކުލައިގެ ކާރު ހުޅުމާލެ އިން މާލެ ގެނައި ފަހުންނެވެ. އެހެންވެ، އެކަން ފުލުހުންނަށް އެންގީ ވެސް އޭނާއަށް އަމިއްލައަށެވެ. އޭނާ ބުނިގޮތުގައި އެކަން ފުލުހުންނަށް އެންގީ އެ ހާދިސާގައި ރަތް ކުލައިގެ ކާރެއް ހިމެނޭ ކަމުގެ މައުލޫމާތެއް ލިބުމުންނެވެ.
ހުޅުމާލެ ގެންދިޔަ އަދި އަނބުރާ ގެނައި ރަތް ކުލައިގެ ކާރަކީ ޓެކްސީއެއްތޯ ޕްރައިވެޓް ކާރެއްތޯ ސުވާލު ކުރުމުން އެ މީހާ ބުނިގޮތުގައި އެއީ ޓެކްސީ ކާރެއް ނޫންކަން އޭނާއަށް ޔަގީންވެ އެވެ. އެކަން ޔަގީންވަނީ އޭނާ ބުނިގޮތުގައި ކާރުގައި އިނީ ޕްރައިވެޓް ކާރުތަކުގައި ހުންނަ ފަދަ ކަޅު ކުލައިގެ ރަޖިސްޓްރީ ނަމްބަރު ބޯޑެއް ކަމަށް ވާތީ އެވެ.
"ހަމަގައިމު ވެސް ޓެކްސީ ކާރެއް ނޫން އެއީކީ،" އެ މީހާ ޔަގީންކަމާ އެކު، ބުންޏެވެ.
އެކަމަކު އޭނާ ތަހުގީގަށް ދިން ބަޔާނުގައި، އެއީ ޓެކްސީ ކާރެއް ކަމެއް އަދި ޕްރައިވެޓް ކާރެއް ކަމެއް ވެސް ނޭނގޭ ކަމަށް އޮތީ ބުނެފަ އެވެ. އެހެންވެ އާލިފާއި ނޫރައްދީންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު އެ ސުވާލު އެ މީހާއާ ކުރިމަތިކުރި އެވެ. ތަހުގީގުގައި ނޭނގޭ ކަމަށް ބުނި އެއްޗެއް މިހާރު ޔަގީންކަމާ އެކު ބުނަން އެނގެނީ ކީއްވެގެންތޯ އެ ދެ މީހުންގެ ވަކީލް ސުވާލުކުރި އެވެ.
ޖަވާބުގައި އެ މީހާ ބުނިގޮތުގައި ތަހުގީގުގައި އެފަދަ ގޮތަކަށް ބުނި ހަނދާނެއް އޭނާ މިހާރަކު ނެތެވެ. އަދި ހުޅުމާލެެ އަށް ގެންދިޔައީ އަދި މާލެ އަނބުރާ ގެނައީ ޓެކްސީއެއް ނޫންކަން އޭނާއަށް ޔަގީންވަނީ އެ ދޯނީގައި އޭނާ މަސައްކަތްކުރި ފަސް އަހަރުގެ މުއްދަތުގައި ދުވަހަކު ވެސް ޓެކްސީ ކާރެއް އެ ދޯނީގައި ނުގެންދާތީ ކަމަށް އޭނާ ބުންޏެވެ.
ތަހުގީގުގައި ބަޔާނުގައި ނެތް ވާހަކައެއް ކޯޓުގައި ބުނާތީ އެ މައްސަލަ އާލިފާއި ނޫރައްދީންގެ ވަކީލް ކުރިމަތިކުރަން ފެށުމުން ގާޒީ އާރިފް ވަނީ އެ މީހާ ތަހުގީގަށް ދިން ކަމަށް ބުނާ ބަޔާން ކޯޓުގައި އެ މީހާއަށް ދައްކައި، އެއީ އެ މީހާ ދިން ބަޔާނެއްތޯ ސުވާލު ކުރައްވައިފަ އެވެ.
ބަޔާން ބެލުމަށް ފަހު އެ މީހާ ބުނިގޮތުގައި އެ ބަޔާނުގައި އޮތީ އޭނާގެ ސޮއި އެވެ. އެކަމަކު ބަޔާނުގައި ސޮއި ކުރުމުގެ ކުރިން ބަޔާން ރަނގަޅަށް ކިޔުނު ކަމެއް މިހާރު ހަނދާން ނެތް ކަމަށް އެ މީހާ ބުންޏެވެ.
އެ މީހާ އެގޮތަށް ބުނުމުން ވެސް ވަކީލް ނޫރު އެ ސުވާލު އަނެއްކާވެސް ކުރިމަތިކުރި އެވެ. އެކަމަކު ޔަގީންކަމާ އެކު އެ މީހާ އަނެއްކާވެސް ބުނީ ހުޅުމާލެއަށް ގެންދިޔައީ އަދި އަނބުރާ ގެނައީ ޓެކްސީއެއް ނޫންކަން ޔަގީންވާ ކަމަށެވެ.
މިއަދު ދެވަނަ އަށް ހެކިބަސް ދިނީ ރިލްވާން ދިރިއުޅުނު ފްލެޓް ކައިރީގައި ހުރި ފްލެޓެއްގައި އުޅުނު މީހެކެވެ.
ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދިން އެ މީހާއާ ދައުލަތުން ސުވާލު ކުރުމުން އޭނާ ބުނިގޮތުގައި ރިލްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ފްލެޓް ކައިރި މަގުމަތިން ރަތް ކުލައިގެ ކާރެއްގެ ތެރެއަށް މީހަކު ކޮއްޕާލި ތަން އޭނާއަށް ފެނުނެވެ. އެ މަންޒަރު ފެނުނީ އެރޭ މެންދަމު ބަދިގޭގައި ހުއްޓާ މީހަކު މަގުމަތިން ހަޅޭއްލަވައިގަތް އަޑު އިވުމުންނެވެ.
އެ ކާރު ދުއްވާލުމުން އެ ކާރުން އެއްޗެއް ބިންމައްޗަށް ވެއްޓުނު ތަން ފެނުނު ކަމަށް ވެސް އެ މީހާ ބުންޏެވެ. އެކަމަކު އެއީ ކޮން ބައެއްކަން ސާފުނުވާ ކަމަށް އެ މީހާ ބުންޏެވެ.
އެ މައްސަލައިގެ ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނެގުމަށް މާދަމާ ވެސް އަޑުއެހުމެއް ބާއްވަން ގާޒީ އާރިފް އޮތީ ނިންމަވައިފަ އެވެ. އެކަމަކު ދައުލަތުން ބުނިގޮތުގައި މާދަމާ ދައުލަތުގެ އެއްވެސް ހެކިވެރިއަކު ހާޒިރު ކުރެވޭނެ ކަމަކަށް އަދި ނުބެލެވެ އެވެ. ހާޒިރު ކުރެވޭ ފަދަ ގޮތެއް ވެއްޖެ ނަމަ އެކަން މާދަމާ އަންގާނެ ކަމަށް ދައުލަތުން ބުންޏެވެ.